ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން މިއަދު ޓުއަރިޒަމް މިނިސްޓްރީން މަނާ ކުރުމާއެކު މޫދަށް ކުނި އަޅާ ރިސޯޓުތައް މީގެ ފަހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ވިދާޅުވީ "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ" ގަވާއިދުގެ 5.3.3 އުވާލުމާއެކު ރިސޯޓުތަކުން މޫދަށް ކުނި އެޅުން މިހާރު މަނާވެފައިވާ ކަމަށެވެ.
"ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. ހަގީގަތުގައި ގަވާއިދުގައި ވަކި އިންތަކެއް ކަނޑައަޅާފައި އޮތަސް ވަރަށް ބައިވަރު ކުނި ރިސޯޓުތަކުން އަޅާ. މިއީ ވަރަށް ބޮޑު ކާމިޔާބެއް އަދި ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު 5.3.3 ވަނަ މާއްދާގައި ބުނެފައި އޮތީ "ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ބަޔޯޑީގްރޭޑަބަލް ތަކެތި" ކަމަށެވެ. އަދި "މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަންޖެހޭނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް" ކަމަށް ވެސް އެ މާއްދާގައި ބުނެފައި އޮތެވެ.
ރިސޯޓުތަކުން މޫދަށް ކުނި އެޅުން މަނާކޮށްފައި މި ވަނީ ފަސް ތަރީގެ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން މޫދަށް ކުނިއަޅާކަން އެ ރިސޯޓުގައި މަސައްކަތް ކުރި މީހަކު ފަޅާއަރުވާލާފައި އޮއްވަ އެވެ. ރ. އަތޮޅުގައި ހިންގާ 160 އެނދުގެ އެ ރިސޯޓުން މޫދަށް އެޅި ކުނި ތެރޭގައި ޕްލާސްޓިކާއި އަމިއްލައަށް ފަނާވެނުދާނެ ފަދަ ތަކެތި ވެސް ހިމެނެ އެވެ.

އެމަރަލްޑް ރިސޯޓުން މޫދަށް ކުނި އެޅި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ނައީމް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ނުމިނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.













