ބިޔަ ވައުދުތަކުގެ މަތީގައި ރައްޔިތުންގެ ވޯޓުން ގެންނަ ސަރުކާރެއްގެ ކާމިޔާބީ މިނެ ކިރަން އެކި ނާޅިތައް ބޭނުންކުރެ އެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ މާޒީއަށް ނަޒަރު ހިންގާއިރު، ވެރިކަމެއްގެ ފަސް އަހަރުގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީ މިނެކިރަނީ ޓެންޖިބަލް ނޫނީ ލޮލަށް ފެންނަ އަދި އަތުން ހިފޭ ކަންކަމުންނެވެ. ސަރުކާރަކުން އަޅާ އިމާރާތްތަކުގެ އުސްމިނަށެވެ. ރަށްރަށުގެ ބަނދަރާއި ނަރުދަމާގެ ނަންބަރުތަކެއްގެ މައްޗަށެވެ. ނޫނީ އަތޮޅު ތެރޭގައި އަޅާ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާ ނިސްބަތަށެވެ.
ޒަމާނުއްސުރެ ކާމިޔާބީ މިނާ ނާޅި އަލުން އީޖާދުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ކަނޑުމެދުން ހިއްލައިލި ސިނަމާލެ ބުރިޖާއި އާސްމާނުގައި ބީހިލެވޭ 20-25 ބުރީގެ ބިޔަ އިމާރާތްތަކާއެކު އެވެ.
ކޮންމެ ރަށެއްގެ ދެމެދު ބުރިޖެއް ނޭޅެނެތީ، ކުރީ ސަރުކާރުގެ "ކާމިޔާބީ" ނަކަލު ކުރަން އުނދަގޫވާނެ ނަމަވެސް، ފަސް އަހަރުގެ ދުވެލީގެ މިން ބަލާ ފޫޓުފީތާއަށް އެފަދަ ކޮންކްރީޓް ބިނާތައް ރައްޔިތުންގެ ސިކުނޑީގައި މިހާރު ވަނީ ރަނގަޅަށް ވެސް ބިންވަޅު ނެގިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ވެރިކަމުގެ ފުރަތަމަ އަހަރު ނިމުނުއިރު، އެ ނާޅިން މިނޭނެ ވަރުގެ "ތަރައްގީ" އެއް ނުގެނެވޭކަމުގެ ޝަކުވާތައް ބަންޑުންވި އެވެ. ވެރިކަން ހިންގުމުގެ ނިޒާމާއި އަދުލު އިންސާފާއި އޭރު ނިގުޅައިގެންފައިއޮތް ހައްގުތައް އިޔާދަކުރުން ފަދަ ކަންކަމަކީ އަތުން ހިފޭ ކަންކަމަށް ނުވާތީވެ އެވެ.
ތަފާތު އިމްތިހާނެއް
އެ ޝަކުވާތަކުން އަރައިނުގަނެވިގެން ވެރިކަމުގެ ދެވަނަ އަހަރު ނިމެންދިޔައިރު މުޅި ދުނިޔެއާއެކު ކޮވިޑު-19ގެ ބަލިމަޑުކަމުގެ ބޯ ކަޅު ވިލާގަނޑު ރާއްޖެ ވެސް ވަށައިލި އެވެ.
ރާއްޖޭގެ ބޯޑަރާއެކު އިގުތިސޯދުގެ މައި އިންޖީނު ނިއްވާލަން މަޖުބޫރުވެ، ރައްޔިތުންގެ ގޭބަންދަށް ފޮނުވާލުން ފަދަ ބިރުވެރި ހާލަތަކަށް ގައުމު ވެއްޓިގެންދިޔަ އެވެ.
ރިޔާސީ މެނިފެސްޓޯ އެއް ފަރާތުގައި ބާއްވާފައި ރާއްޖެ ބަނޑަށްނުޖެހި ފެނުން މަތީގައި އޮވެވޭނެ ގޮތަކަށް މުޅި ނިޒާމު ތަރުތީބުކުރަންޖެހުނެވެ.
އެންމެ އަސާސީ ކަންކަން ކަށަވަރު ކުރުމަށް ވަސީލަތްތައް މަދު، ޓޫރިޒަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްގެ ހަޔާތުގައި ދިމާނުވާނެފަދަ ގޮންޖެހުންތަކެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން އާދައިގެ ރޯގާއެއް ކަމަށް ބުނެ އަޅާ ނުލައި ތިބިއިރު، ސިއްހީ މާހިރުންގެ ލަފަޔާއެކު އެ ބައްޔާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.
titledesc
ގޭގައި ރައްޔިތުން ދެ މަސް ދުވަހަށް ގައިދުކުރިއިރު، ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގެ ޒިންމާ އެޅުނީ ސީދާ ސަރުކާރުގެ ކޮނޑުގަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ބަންދުކޮށްފައިވާ ބޯޑަރުތަކުގެ ތެރެއިން މުދަލާއި ބޭސް ގެނެވޭނެ ފޯމިއުލާތައް ހޯދައިގެންނެވެ.
ވިޔަފާރިތައް ބަނގުރޫޓުވިޔަނުދީ އެހީ ދިނީ، ވަޒީފާތައް ނުގެއްލި، މުސާރަ ލިބޭނެ ފަދަ އިންތިޒާމެއް ވެސް ހަމަޖައްސައިގެންނެވެ.
titledesc
ފަތުރުވެރިން އާދެވޭނެ ގޮތެއް ނެތި ރިސޯޓުތަކުގައި ބަންދު ބޯޑު އެޅުވުމުން އެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި އެތަންތަނަށް ވެސް ލުއި ދޭން މަޖުބޫރުވި އެވެ.
ކަރަންޓާއި ފެން ބިލުން ފެށިގެން އިންކަމް ސަޕޯޓު އެލަވަންސް ދީގެން ރައްޔިތުންގެ އަގަޔާއި އަތާ ދިމާކުރުވި އެވެ.
ގައުމުގެ މައި ނާރެސްކަމަށްވާ މާލެ ލޮކްޑައުންކުރަންޖެހުމުން، އަތޮޅު ތެރޭގެ ސިއްހީ ވަސީލަތްތައް ތަރައްގީކޮށްގެން މެނުވީ އެ ހިދުމަތްތައް ފޯރުކޮށްނުދެވިގެން އެކަން ވެސް ކުރަން ޖެހުނެވެ.
titledesc
އެކަމަކު އޭގެ އަނެއް ކޮޅު ވެސް އެބައޮތެވެ. ފަަހަރުގައި ރާއްޖޭގެ ބޯޑަރުތައް އަވަހަށް ބަންދުކުރިނަމަ ބަލި އެވަރަށް ފެތުރިގެން ނުގޮސް ހުއްޓުވިދާނެ އެވެ. ހިކުމަތްތެރިކަމާއެކު އަމަލުކުރި ނަމަ ކޮވިޑުގެ ހަތަރު ވަނަ ރާޅު ނައިސް، ދެވަނަ ލޮކްޑައުނަކަށް ނުގޮސް ފަރުޖައްސާލެވުނީހެވެ.
އެ ބަލިން ދިފާއުވާން އުފެއްދި ވެކްސިން މުޅި ދުނިޔެއަށް ނުލިބިގެން އުޅުނުއިރު، ރާއްޖޭން އެ ވެކްސިން ހޯދައި، އާބާދީގެ ބޮޑުބަޔަކަށް އެ ޖަހައި ނިންމައިފި އެވެ.
އެ ބިރުވެރިކަމުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އޮތީ ހުޅުވާލައިފަ އެވެ. ކޮވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖޭ ހިމެނޭކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ބުނާއިރު، މި އަހަރު ނިމޭއިރު، 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެކަމަށް ލަފާކުރެ އެވެ.
މިހާރު ހުރި މިސްރާބުން، ކޮވިޑުގެ ކުރީގެ އޮތް ހާލަތަށް ރާއްޖޭގެ އިގުތިސޯދު 2023 ވަނަ އަހަރުގެ ނިޔަލަށް އިޔާދަވާނެކަމަށް ވެސް ބޭރުގެ މާލީ ތަޖުރިބާކާރުން ވަނީ އަންދާޒާކޮށްފަ އެވެ.
މަޖުބޫރުން ނަމަވެސް، ކޮވިޑާ ދެކޮޅަށް މި ސަރުކާރުން ކުރި ހަނގުރާމަ މިނާނެ އިތުރު ނާޅިއެއް ނެތެވެ. އެޅި ފިޔަވަޅުތަކާއި ހޯދި "ކާމިޔާބީ" ވަރުން އަޅުވާނެ މާޒީއެއް ވެސް ނެތެވެ.
ކޮވިޑުން ކިރިޔާ އަރައިގަނެވިގެން އުޅޭއިރު، މިހާރު ވެސް އެއްކަލަ ތަރައްގީގެ ނާޅި އަލުން ނަގައިގެން މިނެ ކިރަން ފަށައިފި އެވެ. އަންނަ އަހަރު ފެށުމާއެކު އެ އަޑުތަކާއެކު ސަރުކާރަށް އޮންނަ ޕްރެޝަރު ވެސް އެތައް ގުނައެއް އިތުރުވެގެންދާނެ އެވެ.
ކޮންމެއަކަސް ރައީސް ސޯލިހުގެ ދައުރު ނިމޭއިރު އިރާދަކުރެއްވިއްޔާ ކޮވިޑު ވާނީ މާޒީއަށެވެ. އޭރު ގައުމު އޮތް ނިކަމެތި ހާލަތު ގިނަ ބަޔަކު ހަނދާނުގައި ވެސް ނުހުންނާނެ އެވެ.
އާހިރުގައި މި ދައުރު ވެސް މިނާނީ ކޮންކްރީޓް ބިނާތަކާއި ރިޔާސީ ވައުދުނާމާ ފުއްދުނު މިންވަރުންނެވެ.
މަޝްރޫއުތައް ހިންގާފައިވާ ލިސްޓުގައި ފާހަގަޖަހައި ނިމޭއިރު، ކޮވިޑުގެ ބަލިމަޑުކަން އިންނާނީ އެ ކަރުދާހުގެ އެންމެ ތިރީގައި "ފުޓްނޯޓް" އެއްގެ ގޮތުގަ އެވެ.












