ތައުލީމީ ސެޓްފިކެޓް ނެތް މީހުން ރަޖިސްޓްރީ ވާން ހުޅުވައިލި ފުރުސަތުގައި އެކަމަށް ޝަރުތު ފުރިހަމަވާ 20 ދަރިވަރަކު ޓެސްޓް ހަދައިފި އެވެ.
ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަންގެ ގަވައިދު ތަންފީޒުކުރަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީންނެވެ.
އެއީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ކިބައިގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު އެ މީހުންނަށް ހޯދައިދިނުމުގެ ގޮތުން ހެދި ގަވާއިދެކެވެ.
ތައުލީމީ ސެޓްފިކެޓް ނެތް މީހުން ރަޖިސްޓްރީ ވާން ހުޅުވައިލި ފުރުސަތުގައި 90 ދަރިވަރުން ރަޖިސްޓްރީވި އެވެ. ނަމަވެސް އެކަމަށް ޝަރުތު ހަމަވީ 20 ދަރިވަރުންނެވެ. ގާނޫނުގައި ބުނާ ގޮތުން ސެޓްފިކެޓް ހޯދުމަށް ޝަރުތު ހަމަވާނީ މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ހުރި ކަމުގެ ލިޔުމެއް އޮވެގެންނެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސާ އަހުމަދު ނާސިރު "އަދަދު" އަށް ވިދާޅުވީ ބައިވެރިވި ހުރިހާ ދަރިވަރުން ޓެސްޓް ހަދާފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ނަތީޖާ ލިބޭނެ ކަމަށެވެ.

އެ 20 ދަރިވަރުން ހިމެނޭ ދާއިރާ ތަކަކީ:
- އިލެކްޓްރިކަލް
- ކާޕެންޓްރީ
- ވެލްޑިންގް
- އިންޖިނިއަރިން ގެ ދާއިރާތައް (އޮޓޯ މޯޓިވް އިންޖިނިއަރިން އާއި މެކޭނިކަލް އިންޖިނިއަރިން)
- ފުޑް ޕްރިޕްރޭޝަން
ނާސިރު ވިދާޅުވީ އުއްމީދަކީ ވީހާވެސް ގިނަ ކުދިން ބައިވެރިވެ ސެޓްފިކެޓް ހާސިލް ކުރުން ކަމަށެވެ. ސަބަބަކީ އެއީ އެ ކުދިން އިތުރަށް ކުރިއެރުމަށްވެސް ލިބޭނެ ފުރުސަތަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އިންޑަސްޓްރީގައި އެހާ ވަރަށް ގިނަ ދުވަސްވެފައި ތިބި މީހުން. އެހެންވީމަ އެ ކުދިންނަކީ ކޮލެޖް ނުވަތަ އިންސްޓްޓިއުޝަން ތަކަށް ގޮސްގެން ފެއްޓެވި މީހުން ނޫން ވީމަ އެސެސްމެންޓް ފުރިހަމައަށް ކޮމްޕްލީޓް ކުރަން އުނދަގޫވޭ. ނަމަވެސް އެފަދަ މީހުންނަށް އެހީވެދީ ޝަރުތު ފުރިހަމަ ވާނަމަ ބައިވެރިކުރުވަން ބޭނުން،" ނާސިރު ވިދާޅުވި އެވެ.
އެ ގަވާއިދުގެ މަގްސަދަކީ ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމަށް ނުވަތަ ފަންނީގޮތުން މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން ހުނަރުތައް ހާސިލުވެފައިވާ ކަން ކަށަވަރުކޮށް، "ނޭޝަނަލް ސެޓިފިކެޓް" ހާސިލުކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
އެގޮތުން ގައުމުގެ އިގްތިސޯދު ބާރަށް ހިންގުމުގެ ގޮތުން ފަންނީ ހުނަރުވެރި މަސައްކަތުގެ ދާއިރާއަކުން ސަނަދު ލިބިފައިވާ ދިވެހީން ވަޒީފާގެ ބާޒާރަށް އިތުރުކުރުމުގެ މަގްސަދުގައި ފެށި ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.











