ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްއަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ދައުވާއަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިންކާރުކުރުމަށްފަހު، މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާތައް ސާފު ނުވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ޝިޔާމްއަށް ދައުވާ ކުރަނީ ސިފައިންގެ އެންމެ އިސް މީހެއްގެ ގޮތުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އޭނާގެ ބައްޕަ އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓާ، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލާގަ އެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ޝިޔާމްއަށް ކުރާ ދައުވާ އިއްވާފަ އެވެ. އެ އަޑުއެހުމުގައި އޭނާ ވަނީ އެ ދައުވާ ސާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދައުވާއަށް އިންކާރުކުރައްވާފަ އެވެ. ނަމަވެސް, އެ އަޑުއެހުމުގައި ޝިޔާމްގެ ވަކީލަކު ނެތެވެ. އެ އަޑުއެހުމުގައި ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތަކަށް އޭނާ އެދުނެވެ.
ޝިޔާމް މިއަދު ކޯޓަށް ހާޒިރުވީ، ވަކީލް ޝިޔާނާއާއެކު އެވެ. ޝިޔާމްގެ އަނެއް ދިފާއީ ވަކީލް ހަމްޒާ ލަތީފް އާއި ދައުލަތުގެ ވަކީލުންގެ އިތުރުން ގާޒީ، ހަސަން ސައީދު ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވަޑައިގަތީ އޮންލައިންކޮށެވެ.
މިއަދު ހެނދުނަށް ތާވަލްކޮށްފައިވާ އަޑުއެހުމުގައި އޮތީ ޝިޔާމަށް ކުރާ ދައުވާއިން ދިފާއުވުމަށް ހެކި ހުށަހެޅުމެވެ. އެހެންނަމަވެސް, އޭނާގެ ވަކީލުން ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށާއި، ދައުލަތުން ޝިޔާމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ސީޣާގައި ހުންނަން ޖެހޭ އުންސުރުތައް ވެސް ފުރިހަމަ ނުވާ ކަމަށެވެ.

އެގޮތުން ޝިޔާމްއަށް ތުހުމަތުކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ނަހަމަ ގޮތުގައި ޝިޔާމް ލިބިގަތީ ކޮން ފައިދާއެއްކަން ދައުވާ ފޯމުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، އޭނާ ހިލާފުވީ އެމްއެންޑީއެފްގެ ކޮން ގާނޫނަކާކަން ދައުވާ ފޯމުގައި ނެތްކަން ދިފާއުން ފާހަގަކުރެއްވި އެވެ.
ދިފާއި ވަކީލް ހަމްޒާ ވިދާޅުވީ ޝިޔާމްއަށް ތުހުމަތު ކުރާ މައްސަލައަށް ބާރުދޭ ވާގިއާތްތައް ހުށަހަޅާފައިވާ އިރު، ބާރުދޭ ގާނޫނުތަކަށްވެސް ހަވާލާދޭން ޖެހޭނެ ކަމުގައި ދެކޭ ކަމަށެވެ. އަދި ދިފާއީ ވަކީލުންނަށް ދައުވާ ސާފުނުވާ ކަމަށް ވާނަމަ، ދައުވާއަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
މިވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ހައްވާ ނާހިދް ވިދާޅުވީ ދައުވާ ސާފުވެފައިވާ ކަމަށް ދައުވާ ރައްދުވާ ފަރާތުން އެއްބަސްވެ، އެ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާތީ، އެ މަރުހަލާ ނިމިފައިވާ ކަމަށެވެ. އަދި ނިމިފައިވާ އިޖުރާއަތެއް އަލުން އިއާދަކޮށް ތަކުރާރުކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ވިދާޅުވީ މަދަނީ މިންގަނޑުން ޝިޔާމަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދައުލަތުން ފާހަގަކުރި ގޮތަށް، ނިމިފައިވާ މަރުހަލާއެއް އަލުން އިޔާދަ ނުކުރެވޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝިޔާމްއަށް ކުރާ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ. މި ދައުވާތަކުން ބަރީއަވުމަށްޓަކައި ޝިޔާމްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ވަގުތަށް އެދުމުން، ގާޒީ ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ލިޔުންތައް ކޯޓަށް ހުށަހަޅަން 15 ދުވަސް ދީފަ އެވެ.
އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހުރި ގޮތުން މި އަހަރު ދެން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި ދެން އަޑުއެހުމެއް އެންމެ އަވަހަށްވެސް ބޭއްވެން އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.
އަޑުއެހުންތަކަށް ނޫސްވެރިން ނުވައްދަން ޝިޔާމް އެދުނު
މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުން ކަވާ ކުރުމަށްޓަކައި މި ނޫހުގެ ނޫސްވެރިޔާ ޝަރީއަތް ކުރާ މާލަމަށް ވަނުމާއެކު, ޝިޔާމް ވަނީ އެ އަޑުއެހުމަށް ނޫސްވެރިން ވައްދަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އެ އަޑުއެހުން ކަވަރުކުރަން ހާޒިރުވި ނޫސްވެރިޔާ ނެރެން ކޯޓު އޮފިސަރަށް އަންގާފަ އެވެ.
އެހެންނަމަވެސް, އޮންނަ އުސޫލުގެ ދަށުން އަޑުއެހުމަށް ނަން ނޯޓްކޮށްގެން އައި ނޫސްވެރިޔަކަށް އަޑުއެހުމުގައި ބައިވެރިވާން ފުރުސަތު ނުދީ ނުހިފެހެއްޓޭނެކަން ކޯޓު އޮފިސަރު, ޝިޔާމަށް އޮޅުންފިލުވައިދިނެވެ.
ކްރިމިނަލް ކޯޓުގައި މުޖުތަމައުއަށް ނުރައްކާވާ މައްސަލައެއް ނޫންނަމަ ކުޑަކުދިންނާ ގުޅޭ މައްސަލައެއްގެ ޝަރީއަތް ފިޔަވައި އެހެން ހުރިހާ ޝަރީއަތެއް ވެސް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ނޫސްވެރިން ވައްދަން ބޭނުން ނުވެގެން ދައުވާ ލިބޭ މީހާއަށް އަޑުއެހުންތައް ސިއްރު ކުރަން އެދުމުގެ ފުރުސަތެއް ވެސް ނޯވެ އެވެ.
އަޑުއެހުން ނިމިގެން ޝަރީއަތް ކުރާ މާލަމުން ނިކުތުމަށްފަހުވެސް ޝިޔާމް ވަނީ މި އަޑުއެހުމަށް ނޫސްވެރިން އައުމަށް އޭނާ ނޭދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި, އަޑުއެހުމަށް ދިޔަ ނޫސްވެރިޔާގެ ފޮޓޯ ވެސް ޝިޔާމް ވަނީ ނަގާފަ އެވެ.
އޭސީސީން ޝިޔާމްގެ މައްޗަށް ތުހުމަތު ކުރީ ކީއްވެ؟
މި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެތަނުގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އަދި އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.
އޭގެ އިތުރުން ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން ސިފައިންގެ އޮފިސަރެއް އޭނާގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް އެ ތަނުގައި ދިރިއުޅުމަށް ބަހައްޓައި، އަދި ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް ބަހައްޓާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރު ފަހުކޮޅު، ޕީޖީން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް އެންގުމުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝިޔާމްގެ މައްޗަށް ކޮށްދިނުމަށް އެ ކޮމިޝަނުން އެދުނެވެ.












