މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 67 ޕަސެންޓް ދަރިވަރުންނަށް ލިބޭ އާމްދަނީ ކޮވިޑްތެރޭ ދަށްވި ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ރިސާޗް ސެންޓަރުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ރިސާޗް ސެންޓަރުން، ކޮވިޑްގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމަށް ދިމާވި ހުރިހާ ގޮންޖެހުންތައް ހޯދުމަށްޓަކައި އިލްމީ ދިރާސާއެއްކޮށް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެ ދިރާސާއިން ފާހަގަވީ ކިޔަވާ ދަރިވަރުންށާއި ތައުލީމު ފޯރުކޮށްދޭ ފަރާތްތަކަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށް. އޭގެ ތެރޭގަ އެބަ ހުރި މާލީ ގޮންޖެހުންތައް. ހާއްސަކޮށް ދަރިވަރުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގޮތުން ކިޔަވަމުންދާ ގިނަ ދަރިވަރުންނަކީ އެކި ގޮތްގޮތުން ހުސް ވަގުތު ވަޒީފާގައި އުޅޭ ދަރިވަރުން ކަމަށް ވުމުން އެ ދަރިވަރުންނަށް އާމްދަނީ ލިބުމުގެ މަގު ހުއްޓިގެން ދިޔަ ކަމަށް ދިރާސާއިން ދެއްކި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލިބޭ އާމްދަނީ ދަށްވި 67 އިންސައްތަ ދަރިވަރުންނަށް. ދެން 50 އިންސައްތަ ދަރިވަރުންނަށް ލިބެމުން އައި ފައިސާގެ އެހީތެރިކަން ގެއްލިގެން ދިޔަ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަމިއްލަ މަސައްކަތް ކުރަމުން ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ގޮތްގޮތުން ފައިސާގެ އެހީތެރިކަން ލިބެމުން ދިޔަ ދަރިވަރުންތަކެއް ވެސް ތިބި ކަމަށެވެ. އެ ދަރިވަރުންނަށް ލިބެމުންދިޔަ ފައިނޭންޝިއަލް އެއިޑް ވެސް ކޮވިޑާ ގުޅިގެން ހުއްޓުމުން ކިޔެވުމަށް އަސަރު ކޮށްފައިވާ ކަމަށް އެމްއެންޔޫގެ އެ ދިރާސާއިން ދައްކާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މަތީ ތައުލީމާ ގުޅޭގޮތުން ހެދި އެ ދިރާސާއިން އެގޮތަށް ދައްކާފައި ވާއިރު، ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ތައްޔާރު ކުރި ތައުލީމީ ދާއިރާގެ އީއާރުޕީގައި ބުނެފައިވަނީ ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީ ގުރޭޑްތަކާ ހަމައަށް ކިޔަވަމުން އަންނަ 91،672 ދަރިވަރަކަށް ކޮވިޑުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތައް އަދި ކޮމިއުނިޓީތަކުން ހިންގާ 315 ސްކޫލެއްގެ ދަރިވަރުންނެވެ.
ރަސްމީ ތައުލީމު ނިޒާމުގައި ނާސަރީ ނުހިމެނޭތީ ކޮވިޑުގެ އަސަރު ކުރި ދަރިވަރުންގެ އަދަދަކީ 86،075 އެވެ.
titledesc












