ސްރީ ލަންކާގައި މިއަދު ފެށުމަށް ހަމަޖެހިފައި އޮތް މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާ މިރޭ ބައްދަލުކުރަން އޮތް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
އެފްއޭއެމް އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން، މިރޭ ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗު މާދަމާ އަށް ފަސްކޮށްފައިވާ ކަމަށެެވެ. އަދި ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުން އިތުރު މައުލޫމާތު ފޯރުކޮށްދިންހާ އަވަހަކަށް، މީޑިއާއާ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ލަންކާ އަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި ވާއިރު, މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝާއި ސީޝެލްސް ބައްދަލުކުރަން އޮތް ނަމަވެސް އެ މެޗު ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ އަށް ފަސްކޮށްފަ އެވެ.
މިހާރު އޮތްގޮތުން މާދަމާ ހަވީރު ރާއްޖެ ގަނޑިން 15:30 ގައި ކުޅޭނީ ރާއްޖެ އާއި ލަންކާ އެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިޔާތު މާދަމާ ރާއްޖެ ގަޑިން 14:30 ގައި ފެށޭނެ އެވެ.
ބަންގްލަދޭޝް އާއި ސީޝެލްސް މެޗު ކުޅޭނެ ވަގުތެއް އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާން ނުކުރެ އެވެ. އެ މެޗު ކުޅެން ކުރިން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު އެވެ.
މި ވަގުތު ޝެޑިއުލް އޮތް ގޮތުން، މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.
ފައިނަލް މެޗު އޮންނަ ދުވަހަށް ބަދަލު ގެނައީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޝެޑިއުލަށް ބެލުމަށް ފަހު އެވެ. ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ އިންފަންޓީނޯ އެވެ. ލަންކާ މުބާރާތް މި ފަހަރު ކުރިއަށް ދަނީ ފީފާ ކަލަންޑަރުގެ ދުވަސްތަކުގަ އެވެ. އެހެންކަމުން މި މުބާރާތުގެ މެޗުތަކުން ފީފާ ރޭންކިން އަށް ޕޮއިންޓު ގުނާނެ އެވެ.
ރާއްޖޭން ވަނީ 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ.












