އުމުރުން 11 އަހަރުގެ ނަބާ ނިޝާން، 51 ވަނަ ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނެއްގެ ތަށި ހޯދައި ޓެނިހުގެ އިތުރުން ރާއްޖޭގެ ކުޅިވަރު ތާރީހުން ވެސް ހާއްސަ ޖާގައެއް ހޯދައިފި އެވެ.
ނަބާ ވަނީ މި ފަހަރުގެ ގައުމީ ޓެނިސް މުބާރާތުގައި ވާދަކޮށް ޖޫނިއާ އޯޕަން ސިންގަލްސްގެ އަންހެން ޗެމްޕިއަންކަމާއި އޯޕަންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަމުގެ އިތުރުން އެންމެ ޝަރަފްވެރި އޯޕަން ސިންގްލަސް އަންހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއާ އެކު ނަބާ ވެފައިވަނީ އެ އުމުރުގައި އެ ތިން ތަށި އުފުލާލުުމުގެ ޝަރަފް ލިބުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޑަބަލްސް ބައިގައި ނަބާގެ ޕެއާ އަކީ ޒެއިނާ އަބްދުލް ރަޝީދު އެވެ.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ނަބާ އަކީ ގައުމީ މުބާރާތެއްގެ އެންމެ ހަގު ޗެމްޕިއަނެވެ. މިއާ އެކު ހާއްސަ ރެކޯޑެއްގެ ގޮތުގައި ދިވެހި ކުޅިވަރުގައި ވެސް ނަބާގެ ނަން ފެވިގެންދިޔައީ އެވެ.

ނަބާ ޓެނިސް މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--
ސީރިއަސް ލެވަލެއްގައި ޓެނިސް ކުޅުމުގެ ޝައުގުވެރިކަން ނެތް ކަމުގައި ވިޔަސް އަކްރަމް ކޯޗާ އެކު ނަބާ ޓެނިސް ކުޅެން ފެށީ އުމުރުން ހަތް އަހަރުގަ އެވެ. އެއީ ހަަމައެކަނި ރަނގަޅަށް ފިޓްކޮށް ހުރެ ކުރިއަށް ދިއުމުގެ ޝައުގުވެރިކަމާ އެކު ނަބާ ކުރަން ފެށި ކަމެކެވެ.
އެކަމަކު، ޓްރެއިނިން ފެށިތާ ތިން މަހެއްހާ ދުވަސް ތެރޭ ނަބާ ވާދަކުރި ފުރަތަމަ މުބާރާތުގައި ޓްރޮފީ އެއް ލިބުނެވެ.
އޭގެ ފަހުން ނަބާ އަށް ފުރުސަތު ލިބޭ ކޮންމެ މުބާރާތްތެއްގައި ކަަހަލަ ގޮތަކަށް ބައިވެރިވަމުން ދިޔައިރު، އޭނާ ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުކޮށް ކާމިޔާބު ހޯދަމުންނެވެ. މި ގޮތުން ސްރީ ލަންކާގައި ބޭއްވި މުބާރާތެއްގައި ވެސް ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދި އެވެ.
ނަބާގެ ކުރިއެރުންތައް އަމިއްލަ އަށް ވަޒަންކުރެވި މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ދޮށީ އުމުރުފުރާގެ ކެޓަގަރީތަކުގައި ވާދަކުރަން ފަށައިފަ އެވެ. އެ އަހަރުގެ މޯލްޑިވިއަން އޯޕަން ޗެމްޕިއަންޝިޕްގައި ނަބާ ކާމިޔާބީ އަކާ އެކު ނިންމާލިިއިރު، އެ މުބާރާތުގައި ތަށި ދިފާއުކުރުމުގެ ޝަރަފް ނަބާ ހޯދި އެވެ.

ގައުމީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށް ފަހު ނަބާ އާއިލާއާ އެކު އުފާފާޅުުކުރަނީ.
މި ފަހަރުގެ ގައުމީ މުބާރާތުގައި ނަބާ އަށް މި ކާމިޔާބީ ލިބުމުގެ އަސްލަކީ އޭނާ މިިދިޔަ ކޮވިޑް ބްރޭކް ތެރޭގައި ވެސް ރަނގަޅަށް ޑިސިޕްލިން ހިފަހައްޓައިގެން ކުރި ރަނގަޅު މަސައްކަތްތަކެވެ.
އެ ގޮތުން ކޮވިޑްގެ މި އުނދަގޫ ހާލަތުގެ ތެރޭގައި ފިޓްނަސް އަށް ހާއްސަ ސަމާލުކަމެއް ދީގެން ފިޓްނަސް ކޯޗުންގެ ގޮތުގައި ނަބާ އަށް އެހީވެދޭ ޒާން އާއި ނާއިއާ އެކު މަސައްކަތްކުރި އެވެ. ފަތިހު ޓްރެއިނިންތަކަށް ގޮސް ހެދި އެވެ. ބުރަކޮށް އުޅެމުން ކިޔެވުމާއި ކުޅިވަރަށް ދޭން ޖެހޭ ސަމާލުކަން ބެލެންސްކޮށް ހިފެހެއްޓި އެވެ.
އޭގެ އިތުރުން ހަފްތާ އަކު ހަ ދުވަހު ކޯޗު ފާއީއާ އެކު ޓެނިސް ޓްރެއިނިންތައް ކުރިއަށް ގެންދެ އެވެ. އަދި އެތުލީޓެއްގެ ގޮތުގައި ޑިވެލޮޕްވުމަށް ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނައިގެން ވެސް ސެޝަންތަކެއް ނަގަ އެވެ.












