މި މަހު ސްރީ ލަންކާގައި ބާއްވަން ނިންމާފައިވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ މެޗުތަކަށް ސަޕޯޓަރުން ވެއްދުމާ މެދު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްރީ ލަންކާގައި މި މަހު 8 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވަނީ އެ ގައުމުގެ އިތުރުން ރާއްޖެ އާއި ސީޝެލްސް އަދި ބަންގްލަދޭޝް އެވެ. މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ކޮލަމްބޯގެ ރޭސްކޯސް ގްރައުންޑްގަ އެވެ.
ލަންކާ ސަރުކާރުން އެންމެ ފަހުން އާންމުކުރި ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ވަނީ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން ހުއްދަދީފަ އެވެ. އެކަމަކު، އެ ގަވާއިދުގައިވާ ގޮތުން ކުޅިވަރު މެޗުތައް ނޫނީ މުބާރާތްތައް ބާއްވަން ޖެހޭނީ ސަޕޯޓަރުން ނުވައްދަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕްގައި ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެވޭތޯ ލަންކާ ސަރުކާރުން އަންނަނީ ސިއްހީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާތައް ފަށައިފަ އެވެ. އެނގިފައިވާގޮތުގައި މިހާރު އޮތް ވިސްނުމަކީ ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ ޖާގައިގެ 50 ޕަސެންޓް ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުރިއަށް ގެންދިއުމެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ލަންކާގެ ސަޕޯޓަރަކު އެ ގައުމުގެ ދިދަ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މިދިޔަ މަހު 1-15 އަށް މާލޭގައި ސާފް ޗެމްޕިއަންޝިޕް މެޗުތައް ކުޅުނުއިރު، ވެސް ލަންކާގެ ގިނަ ސަޕޯޓަރުން ވަނީ ގަލޮޅު ދަނޑަށް ވަދެ ޓީމަށް ތަރުހީބު ދީފަ އެވެ.
ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ގައުމަކަށްވާއިރު، ގައުމީ ޓީމުގެ މުބާރާތެއް ލަންކާގައި ކުޅޭތީވެ، އެ ގައުމުގައި އުޅޭ ގިނަ ދިވެހިން ވެސް އަންނަނީ މެޗުތައް ބަލަން ދިއުމަށް ތައްޔާރު ވަމުންނެވެ. އަދި ދިވެހި ގިނަ ބަޔަކު ލަންކާ އަށް މެޗުތައް ބަލަން ދިއުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ފޯ ނޭޝަންސް ކަޕްގެ މެޗު ޝެޑިއުލް:
ބަންގްލަދޭޝް - ސީޝެލްސް (8 ނޮވެމްބަރު)
ރާއްޖެ - ލަންކާ (8 ނޮވެމްބަރު)
ބަންގްލަދޭޝް - ރާއްޖެ (11 ނޮވެމްބަރު)
ލަންކާ - ސީޝެލްސް (11 ނޮވެމްބަރު)
ލަންކާ - ބަންގްލަދޭޝް (14 ނޮވެމްބަރު)
ސީޝެލްސް - ރާއްޖެ (14 ނޮވެމްބަރު)
ފައިނަލް މެޗު (17 ނޮވެމްބަރު)
ފޯ ނޭޝަންސް ކަޕަކީ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. ގައުމީ ޓީމުން މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ ހެޑް ކޯޗު ކަމުގަ އެވެ.
ސުޒޭން މި ވަގުތު ހުރީ މޮރިއޭރޯގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަހަރު މުބާރާތް ކުރިއަށް ގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. ރާއްޖޭން މުބާރާތް ކާމިޔާބު ކުރިއިރު ކޯޗަކަށް ހުރީ ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. ފައިނަލުގައި ރާއްޖޭން ވަނީ 2-1 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.












