ކ. ރަށްފަޅުހުރާ ފަޅުގައި ހިންގާ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެތަނުގެ މުވައްޒަފަކު އިއްޔެ މަރުވެއްޖެ އެވެ.
ރަށްފަޅުހުރާ ފަޅު ތެރޭގައި ތަރައްގީ ކުރި ތިން ރަށުގެ ތެރެއިން ފަރި އައިލެންޑުގައި ހިންގާ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި ބިދޭސީ މީހަކު މަރުވެ އިތުރު ދެ މީހަކަށް އަނިޔާވިކަން އެ ރިސޯޓުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ދިމާވީ ތެޔޮ ތާންގީއެއްގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
މަރުވި މުވައްޒަފު ގެންދިޔަ އެޑީކޭ ހޮސްޕިޓަލުގެ ޖެނަރަލް މެނޭޖަރު އަހްމަދު އައްފާލް ވިދާޅުވީ އެ އެކްސިޑެންޓުގައި މަރުވި މީހާގެ ފުރާނަ ހޮސްޕިޓަލަށް ދިޔައިރު ވެސް ނެތް ކަމަށެވެ.
"އެމީހާ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ ނިޔާވެފައި. އުމުރުން ތިރީސް ކޮންމެސް ވަރެއްގެ މީހެއް އެއީ،" އައްފާލް ވިދާޅުވި އެވެ.

ޕަޓީނާ މޯލްޑިވްސްގައި ހިނގި އެކްސިޑެންޓު ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ފަރި އައިލެންޑުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ރާއްޖޭގައި މި އަހަރު ހުޅުވަން ހަމަޖެހިފައިވާ 15 ރިސޯޓުގެ ތެރެއިން ޕަޓީނާ މޯލްޑިވްސްގެ ފަރި އައިލެންޑް ރިސޯޓް ހުޅުވާފައި ވަނީ މެއި 18 ވަނަ ދުވަހު އެވެ. މިއީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ކޮންސެޕްޓަށް ތަރައްގީ ކުރި ރިސޯޓެކެވެ.












