ތައުލީމީ ދާއިރާއަށް އަލަށް 400 ޓީޗަރުން ނެގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް 1.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން 3.8 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައި ވާއިރު ތައުލީމީ ދާއިރާގެ ކެޕިޓަލް ހަރަދަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 295 މިލިއަން ރުފިޔާ އެވެ.
ބަޖެޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެގޮތުން އަންނަ އަހަރަށް 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށް ބަޖެޓުން ޖާގަ ދީފައި ވާނެ ކަމަށެވެ.
އެގޮތުން ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގު ފަހިކޮށްދިނުމާއި އިގްތިސޯދީ ހަރަކާތް އިތުރުވެ މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުވެރި، ތައުލީމީ، މަސައްކަތްތެރިން ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން މި ބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް ހިންގުމަށް ރާވާފައިވާއިރު އޭގެ ތެރޭގައި 31 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނެ އެވެ. އަދި ހުޅުމާލޭގެ ފޭސް 2ގައި ގާއިމުކުރާ އާ ތިން ސްކޫލުގެ މަޝްރޫއު އެއްވެސް ހިމެނެ އެވެ. އެކަމަށް ކަނޑައަޅާފައި ވަނީ 29 މިލިއަން ރުފިޔާ އެވެ.
ނޭޝަނަލް ސްޓޫޑެންޓް ލޯނަށް 240 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، ދަރިވަރުންގެ އެހެނިހެން ސްކޮލަޝިޕާއި ތަމްރީނުތަކަށް 208 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ.
މަތީ ތައުލީމު
މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު 12،000 ކުދިންނަށް ކިޔެވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާއި، ހަޔާ އެޑިއުކޭޝަން ލޯން ސްކީމް އަދި ސްކޮލަޝިޕްތަކަށް އަންނަ އަހަރުގެ ބަޖެޓުން ޖުމްލަ 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ހިލޭ ޑިގްރީއަށް ކިޔެވުމަށް ކަނޑައަޅާފައި ވަނީ 150 މިލިއަން ރުފިޔާ އެވެ. އަދި މަތީ ތައުލީމަށް ޖުމްލަކޮށް 949 މިލިއަން ބަޖެޓުކޮށްފައިވެ އެވެ.
"މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ހަރަދުކުރަން ރާވާފައިވާ ފަހަރު. މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،” މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލް ދަރިވަރުންނަށް ދޭ އެހީގެ ގޮތުގައި 170 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވެ އެވެ.
މީގެ އިތުރުން ހުރިހާ ކުދިންނަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެކަމަށް ކަނޑައަޅާފައި ވަނީ 135 މިލިއަން ރުފިޔާ އެވެ.












