ރިޕޯޓުމަދަނީ މިންގަނޑުގެ އޮޅުންބޮޅުމަށް ހައިކޯޓުގެ ނިންމުމުން ހައްލު!

މަދަނީ މިންގަނޑުގެ އޮޅުންބޮޅުމަށް ހައިކޯޓުގެ ނިންމުމުން ހައްލު!

ހައި ކޯޓުން ބެލި މައްސަލައެއްގައި ދައުލަތުން ހުށަހެޅި ހަމައެކަނި އިނގިލީގެ ނިޝާނ ރިޕޯޓްއަކަށް ބަލައި، އެ މައްސަލަ މަދަނީ މިންގަނޑުން ވެސް ބަލައިގެން ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ވަނީ ބޭރުކޮށްލާފަ. ކޯޓުން ވަނީ އެބުނާ މަދަނީ މިންގަނޑު ވެސް އެ މައްސަލައިގައި ސާފުކޮށްދީފަ.

މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓެއް ޕޮލިހަކު ދައްކާލަނީ
މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓެއް ޕޮލިހަކު ދައްކާލަނީ

ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނޭ ނިންމުމެއްތޯ ކަނޑައެޅުމުގައި އަމަލު ކުރާނޭ އުސޫލުތައް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ކޯޓަށް ހުށަހެޅޭ މައްސަލަތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް ނިންމުމާމެދު މީގެ ކުރިން އަމަލުކުރަމުން ދިޔަ އެއްގޮތްކަމެއް ނެތް އުސޫލަށް މި ނިންމުމުގެ ސަބަބުން ހައްލު ލިބޭނެ ކަމަށް ބެލެވެ އެވެ.

ހައި ކޯޓުން މި އުސޫލުތައް ބަޔާންކުރީ އެ ކޯޓުން ނިންމި ޕްރޮސެކިއުޓާ ޖެނެރަލް ވ. ހަސަން އިފްހާމް ގަޒިއްޔާގައި އިއްވި ހުކުމުގަ އެވެ. ބުރާސްފަތި ދުވަހު ނިންމި އެ މައްސަލައަކީ، ޑްރަގް ޓްރެފިކްކުރުމުގައި ބައިވެރިވި ކަމުގެ ދައުވާކޮށް ދައުލަތުން ހަސަން އިފްހާމްގެ މައްޗަށް ދައުވާކުރި މައްސަލައެކެވެ.

އެ މައްސަލައިގައި އިފްހާމްގެ މައްޗަށް ދައުވާ ކުރީ ނޮވެމްބަރު 7، 2018 ވަނަ އަހަރު ފުލުހުން ކޯޓު އަމުރަކާއެކު ވަދެ ގެއެއް ފާސްކުރިއިރު، އެތަނުގެ ކޮޓަރިއަކުން 49 ގުރާމުގެ މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނުނު މައްސަލައިގަ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމެވީ އެއީ މަދަނި މިންގަނޑުން ބަލާއިރު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވިދާނޭ މައްސަލައެއް ނޫން ކަމަށެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ހިފައިގެން ދައުލަތުން ހައިކޯޓަށް ދިއުމުން، ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ނަގަހައްޓައިފަ އެވެ.

ހައި ކޯޓުގެ ނިންމުމުގައި ވަނީ، ޖިނާއީ މައްސަލަތަކުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނޭ މައްސަލައެއްތޯ ބެލުމުގައި އަމަލުކުރާނޭ ގޮތަކީ ކޮބައިތޯ ބަހުސްކޮށް، އެކަމަށް ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ މަރުހަލާތަކާއި އުސޫލުތައް ތަފްސީލުކޮށްދީފަ އެވެ.

މަދަނީ މިންގަނޑަކީ ކޮބާ؟

ޖިނާއީ ކޮންމެ މައްސަލައެއްގައި ޝަރީއަތް ހިންގަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނޭ މައްސަލައެއް ކަމަށް ފަނޑިޔާރު ނިންމެވުމުންނެވެ. އިޖުރާއަތުގެ ގާނޫނުގައި މިހެން އޮންނައިރު، އެބުނާ މަދަނީ މިންގަނޑަކީ ކޮބައިތޯ ވެސް ބަލާލުން މުހިންމެވެ.

ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މަދަނީ މިންގަނޑަކީ ބޮޑަށް ބުރަވެވޭ (ބެލެންސް އޮފް ޕްރޮބަލިލިޓީ) ގޮތެވެ. އެ ވާހަކަ ތަފްސީލުކޮށްދެއްވަމުން ފަނޑިޔާރު ވިދާޅުވެފައި ވަނީ އެއީ ކަމެއް ހިނގައިފިކަން ނުވަތަ ނުހިނގާކަން ދަލާލަތުކޮށްދޭ ހެކިތަކެއް ހުށަހަޅާފައިވާއިރު އާންމު ވިސްނުމަކުން އެ ހެކިތައް ވަޒަންކޮށްލުމުން ދެކޮޅުން ކުރެ ކޮޅަކަށް ބުރަވާ ވުން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތައުރީފަށް ދާއިރު، މަދަނީ މިންގަނޑުން ނިންމުމަކީ ހުށަހެޅިފައިވާ މައްސަލައަކީ ފުރަތަމަ ނަޒަރުން ބަލާއިރުވެސް ދައުވާއަކަށް ފުދޭ ވަރުގެ މައްސަލައެއްކަމުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވެއެވެ.

އެއީ އާންމުކޮށް ޖިނާއީ މައްސަލަތަކުގައި ގެންގުޅޭ މިންގަނޑުކަމުގައިވާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވުން" މިންގަނޑާ ތަފާތު މިންގަނޑެއްކަން ފަނޑިޔާރު މަޒީދު ފާހަގަކުރައްވަ އެވެ.

titledesc

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނޭތޯ ބަލާނޭ ގޮތް

މަދަނީ މިންގަނޑުން ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރު ބަލާނީ މައްސަލައާއެކު ހުށަހެޅިފައިވާ ހެކިތަކަށް ޖުމުލަ ގޮތެއްގަ އެވެ. މި މަރުހަލާއަކީ ހެކިތަކުގެ ބުރަދަން ވަކިވަކިން ބަލައި، ހެކީގެ އެންމެ ފުނަށް ފަނޑިޔާރު ވަޒަންކުރަންޖެހޭ މަރުހަލާއެއް ނޫންކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

ހުށަހެޅިފައިވާ ހެކިތަކަށް ފަނޑިޔާރު ރިއާޔަތްކުރާއިރު އެ ހެކިތައް ތައުނު ކުރުމުގެ ފުރުސަތު ވެސް މި މަރުހަލާގައި ދިނުން ފަނޑިޔާރުގެ މައްޗަށް ލާޒިމެއް ނޫނެވެ. ދައުލަތުން ހުށަހަޅާ ހެކިތަކުގެ މައްޗަށް ބަލާއިރު، ހުށަހެޅިފައިވާ ދައުވާގައި ބަޔާންކުރާ ކަންތައް ނުވުމަށްވުރެ ވުން ގާތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ އެ ދައުވާއަކީ މައުޟޫއީ ގޮތުން ބަލަންޖެހޭނޭ ދައުވާއެއް ކަމަށް މި ނިންމުމުގައި ފާހަގަކުރައްވާފައި ވެއެވެ.

އެހެންނަމަވެސް އެ މައްސަލައަކީ ކުރިޔަށް ގެންގޮސްގެން ސާބިތު ނުކުރެވޭނެކަމަށް މައްސަލައެއްކަމަށް ގާޒީއަށް ގަބޫލުކުރެވޭނަމަ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމުމުގެ އިހްތިޔާރު ގާޒީއަށް އޮންނާނެ އެވެ.

ހައިކޯޓުން ރިއާޔަތްކުރި ނިންމުންތައް

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ވާސިލުވުމުގައި ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކާއި، މިނިވަން ޑިމޮކްރެޓިކް ބައެއް ގައުމުތަކުގެ ނިންމުންތަކަށްވެސް ރިއާޔަތްކޮށްފައި ވެއެވެ. ހައިކޯޓުގެ ނިންމުމެއްގެ ގޮތުގައި ރިއާޔަތްކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ވ. އަލީ ޝަފީގު، މި ގަޒިއްޔާ އެވެ. އެ ގަޒިއްޔާއަކީ ވެސް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނޭ މައްސަލައެއްތޯ ކަނޑައެޅުއްވުމުގައި ފަނޑިޔާރު ރިއާޔަތްކުރައްވާނޭ ކަންކަން ބަޔާންކޮށްދިން ގަޒިއްޔާއެކެވެ.

އޭގެ އިތުރަށް ބައްލަވާފައިވަނީ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގެ ނިންމުންތަކަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ އާރު ވ. ގަލްބްރައިތް މައްސަލަ އަށް ރިއާޔަތްކޮށްފައި ވެއެވެ.

އެ މައްސަލައިގައި ބަހުސް ހިނގީ، އެކަށީގެންވާ މިންވަރަށް ހެކި ނުހުންނަ ހާލަތުގައިވެސް، ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ނިންމިދާނޭތޯ ކުރެވުނު ބަހުސެވެ. އެ މައްސަލައިގައި ފަނޑިޔާރު ކަނޑައެޅުއްވީ، ދައުލަތުން ހުށަހަޅާ ހެކި ނުވަތަ ގަރީނާ އަކީ އޭގެ އެންމެ މަތީ ފެންވަރުގައި ބެލި ނަމަވެސް، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ކުރެވިދާނޭ ފަދަ ހެކިތަކަށް ނުވާނަމަ އެ ފަދަ ދައުވާއެއް މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް ނުނިންމޭނޭ ކަމަށެވެ.

އެހެން ނަމަވެސް، ދައުލަތުން ހުށަހަޅާ ހެކީގެ ބާރުގަދަކަމާއި ބުރަދަން އެހެން ހެއްކެއްގެ ނުވަތަ ހެކި ބަހެއްގެ މައްޗަށް ބިނާވެ އޮވެފައި، އެ ހެކިބަހެއް އަޑުއަހައިގެން މެނުވީ ހެކީގެ ބުރަދަން ވަޒަން ނުކުރެވޭނޭ ހާލަތުގައި އެ ދައުވާއެއް ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ނިންމަންވާނޭކަމަށްވެސް އެ ނިންމެވުމުގައި އިރުޝާދު ދީފައި ވެއެވެ. މިއީ، ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލާއި ވަރަށް އެއްގޮތް މައްސަލައެކެވެ.

"ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތައް އޭގެ އެންމެ މައްޗަށް ގެންގޮސްގެން އެންމެ ރަނގަޅަށް ރިއާޔަތްކުރި ނަމަވެސް، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނީ ގޮތުން ކުށް ސާބިތުކުރެވިދާނެ ފަދަ ހެކިތަކަކަށް އެ ހެކިތައް ނުވާނަމަ ހުށަހެޅިފައިވާ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމުމަކީ ފަނޑިޔާރުގެ ޒިންމާ އެއް،" ހައި ކޯޓުގެ ނިންމުމުގައި ފާހަގަކުރައްވާފައި އޮވެ އެވެ.

ދެން އެ ހުކުމުގައި ބުނެފައިވާ މެލޭޝިޔާގެ ފެޑްރަލް ކޯޓުގެ މައްސަލައެއްގައި މިކަމާ ގުޅިފައިވާ ނަތީޖާއަކީ ވެސް ހަމަ މިއެވެ. އެ މައްސަލައަކީ ޕީޕީ ވ. އެނޯރް އެންޑް ޗައި ކޯ އެލް އެވެ.

އެ މައްސަލައިގައި ބުނަނީ، ދައުވާ ލިބޭ ފަރާތަށް ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިނުމުން، އެފަރާތުން ހަނު ހުރެއްޖެނަމަ، ހަމައެކަނި ދައުލަތުން ހުށަހަޅާފައިވާ ހެއްކަށް ބަލައި ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގެ ފުރުސަތު އޮތްތޯ މިއީ ފަނޑިޔާރު ޖަވާބު ހޯދަން ޖެހޭނެ ސުވާލެއް ކަމަށެވެ.

އެ ސުވާލުގެ ޖަވާބަކީ، ނޫނެކޭ ނުވަތަ ދައުވާ ސާބިތެއް ނުވާނެއޭ ކަމަށް ވާނަމަ، އެ މައްސަލައަކީ ފުރަތަމަ ނަޒަރުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅަންވާނޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

މައްސަލައިގެ ހާދިސާގެ މައްޗަށް ގާނޫނު ތަތުބީގު ކުރި ގޮތް

ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔުގައި ފާހަގަކުރައްވާފައި ވަނީ އިފްހާމުގެ މައްޗަށް ކުރާ ދައުވާއަކީ، ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ކަމެވެ. އިފްހާމު އެ މައްސަލައިގެ ތަހުގީގުގައި ހުރީ ހަނެވެ.

އިފްހާމު އެ މައްސަލައިގައި އޭނާގެ އިނގިލީގެ ނިޝާން އެ ޕެކެޓުން ފެންނަން މެދުވެރިވި މަގުބޫލު ސަބަބެއް ދެއްކި ނަމަ، އެއީ އެ ހެއްކަށް ޗެލެންޖުކުރަން ލިބޭނޭ މަގެއް ކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވެ އެވެ. އެހެން ނަމަވެސް އިފްހާމު އެ މައްސަލައިގައި ހަނު ހުރުމުން އެއީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކަކަށް ބަލައި ކުރިޔަށް ދެވޭނެ ޖާގަ އޮތްކަމަށް ފަނޑިޔާރު މަޒީދު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް، އިފްހާމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހަމައެކަނި ހެއްކަކީ އޭނާގެ އިނގިލީގެ ނިޝާން ކޮމްޕެރިޒަން ރިޕޯޓެވެ. އެ ގަރީނާއަށް ދެވެން އޮތް އެންމެ މަތީ ބުރަދަނެއް ދީގެން ވެސް ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެދާނޭ ފަދަ އެހެން ހެއްކެއް ނެތުމުން، ހަމައެކަނި އެ ހެއްކަށް ބަލައި ކުށް ސާބިތުވެދާނެކަމަށް މަދަނީ މިންގަނޑުން ބުރައެއް ނުވެވޭނެކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވި އެވެ.

"ހަސަން އިފްހާމްއާ ގުޅުވާލެވޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ނަމަވެސް ދައުލަތުން ދަށު ކޯޓަށް ހުށަހަޅައި އެކަން ފާހަގަކުރި ނަމަ ކެނެބިސް ޓްރެފިކް ކުރުމުގައި ހަސަން އިފްހާމްގެ ބައިވެރިވުން އޮތްކަމަށް މަދަނީ މިންގަނޑުން ބުރަވުމުގެ ފުރުސަތު އޮތީހެވެ،" ފަނޑިޔާރު މަޒީދުގެ ފާހަގަކުރެއްވި އެވެ.

އިފްހާމު އާއި މަސްތުވާތަކެތި ފެނުނު ގ. ނާރުގެ އާ ނުވަތަ އެ ގޭގައި ދިރިއުޅޭ ފަރާތްތަކާއި އިތުރު އެހެން އެއްވެސް ގުޅުމެއް އޮތްކަން ދައްކައިދޭ އެއްވެސް ކަހަލަ ހެއްކެއް ދައުލަތުން ހުށަހެޅި ނަމަ، މައްސަލައިގެ ނިމުން ތަފާތުވެ އިފްހާމުގެ ބައިވެރިވުން އޮތްކަމަށް ބުރަވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

"ކަން މިހެން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި އިފްހާމްގެ މައްޗަށް ހުށަހެޅުނު ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ދައުވާއަށާއި ހުށަހެޅިފައިވާ ހެއްކަށް ރިއާޔަތްކުރާއިރު ދައުވާ ކުރިއަށް ގެންދެވިދާނެކަމަށް މަދަނީ މިންގަނޑުން ބަލާއިރު ބުރަނުވެވޭތީ، އަހުރެން ދެކެނީ އެ ދައުވާއަކީ މައުޟޫއީ ގޮތުން ބަލަންޖެހޭނެ ދައުވާއެއްނޫން ކަމަށެވެ،" ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.

ހައިކޯޓުގެ މި ނިންމުމުގެ ސަބަބުން ނުކުންނާނޭ ކަމަށް ވިސްނޭ ބައެއް ނަތީޖާތައް އެބަހުއްޓެވެ. އެއް ކަމަކީ، ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލައަކީ ޝަރީއަތެއް ކޮށްގެން ސާބިތުކުރެވުމުގެ ފުރުސަތު ނެތް މައްސަލައެއް ނަމަ އެފަދަ މައްސަލަތައް މަދަނީ މިންގަނޑުން ބަލައި ކުރިއަށް ނުގެންދަން ނިންމުމެވެ. އެ ގޮތަށް އަމަލުކުރަން ފެށުމުން ކޯޓުގައި ޝަރީއަތް ހިންގާނީ ސާބިތުކުރެވުމުގެ އެކަށީގެންވާ ފުރުސަތު އޮތް މައްސަލަތަކުގައި އެކަންޏެވެ. މިއީ މައްސަލަތައް ހިނގާ ސްޕީޑް ވެސް އަވަސް ވާނޭ ކަމެކެވެ.

އެ މައްސަލައިގައި ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސެއިން މަޒީދު އެވެ. ފަނޑިޔާރު މަޒީދުގެ ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް ވެސް ތާއިދުކުރައްވާފައި ވެއެވެ.

އަހުމަދުﷲ އަބްދުލްހާދީ

ސީނިއާ ޖާނަލިސްޓް

އަހުމަދުﷲ އަބްދުލްހާދީ އަކީ އެންމެ ކުރިން ޓްރެވަލް ލިޔުންތެރިއެކެވެ. ރާއްޖޭގެ ޓޫރިޒަމާ ގުޅުން ހުރި ލިޔުންތައް އޭނާ ލިޔުނެވެ. އޭގެ ފަހުން މަސައްކަތްކުރީ ރާއްޖޭގެ ހަބަރުތަކަށް ހާއްސަ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ހާއްސައީ އިޖްތިމާއީ ދާއިރާއަށެވެ. މައްސަލަތަކުގެ ފުނަށް ވަދެ ލިޔަން އޭނާ ޝައުގުވެރިވެ އެވެ. ކުރިން މަސައްކަތްކުރީ "ސަން އޮންލައިން" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox