ސަތޭކަ ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން ފަށަން ތައްޔާރުވެއްޖެ އެވެ.
އިލްމް އިންސްޓިޓިއުޓްގެ އިސް ވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ޕްރޮގްރާމްއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
"ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ކުރިޔަށް ގެންދާނީ ހަފްތާ ބަންދުގައި މެންދުރު ފަހުގެ ވަގުތާއި ރޭގަނޑުގެ ވަގުތުތަކުގައި. ކޮންމެ ދަރިވަރަކަށް ވެސް އޮންނާނީ ދެ ގަޑިއިރު ދަސްކުރަން ކިޔަވަން، ދެން އެކި ދަރިވަރުން އަންނާނީ އެކި ވަގުތުތަކުގައި ބޮޑަށް ހަމަ އަމާޒަކީ ރީއްޗަށް ކިޔަވަން ދަސްކޮށްދިނުން،" ޝަހީމް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ދެ ހަފްތާ ތެރޭ ފަށަން ތައްޔާރުވަމުންދާ ޕްރޮގްރާމަށް ބޭރުގެ މާހިރުން ގެނައުމަށް ވެސް އިލްމް މަސައްކަތްކުރަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އުރުދުން، މިސްރު، ސައުދީ އަރަބިއްޔާ އަދި އިންޑޮނޭޝިއާއަށް ނިސްބަތްވާ މޮޅެތި ގާރީން ގެނެވެތޯ މަސައްކަތް ކުރާނަން. އެއީ ބޮޑަށް ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރީތިކޮށް ކިޔަވަން ދަސްކޮށްދިނުން ކަމުގައިވާތީ. އެއީ އެ ޕްރޮގްރާމުން ނިކުންނަ ދަރިވަރުންނަކީ ގިނަ ފަހަރަށް އިމާމުކަން ކަހަލަ މަގާމުތަކަށް ދާނެ ފަރާތްތައް ވީމަ،" އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމަށް ދަރިވަރުން އަތުން ފީއެއް ގަނާނެ ކަމަށާއި ނަމަވެސް އެއީ ކިހާ ވަރެއް ކަމެއް ނިންމައި އިއުލާންކުރާނީ އަންނަ ހަފްތާ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައިވާކަން އިއުލާންކުރިތާ މާ ގިނަ ދުވަހެއް އަދި ނުވި ނަމަވެސް، މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް އެ ޕްރޮގްރާމަށް ލިބެމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ސަތޭކަ ހާފިޒުންނަށް އަމާޒުކުރިޔަސް، ދަރިވަރުންގެ އަދަދު އެޔަށް ވުރެ ގިނަވާނެ ކަމަށް މިހާރު ލިބެމުންދާ ތަރުހީބަށް ބަލައި ޝަހީމް ލަފާކުރެއްވި އެވެ.
"އެއީ ބައިވަރު ފޯން ކޯލްތަކާއި މެސެޖުތައް އެބަ ލިބޭ އަޅުގަނޑުމެންނަށް ވެސް. ދެން މި ވަގުތު މާލޭގައި މަރުހަލާތަކަކަށް ބަހައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް، އަޅުގަނޑުމެންގެ ތަސައްވުރު އެބަހުރި ރާއްޖެެ ތެރެއަށް ވެސް ޕްރޮގްރާމް ފުޅާ ކުރުމަށް. އެކަމަކު އެއީ ވެސް އަމިއްލަ ތަނަކަށްވާތީވެ، މާލީ ގޮތުން ހާލަތަށް ރިއާޔަތްކޮށްފަ ބުނަން އެނގޭނީ ކޮން އިރަކުންކަން،" ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ 100 ހާފިޒުންގެ ޕްރޮގްރާމަށް ބައިވެރިވާ ކުދިންނާ ކޯސް ފެށުމުގެ ކުރިން ކޮންމެ ވެސް ވަރެއްގެ އިންޓަވިއުއެއް ކުރާނެ އެވެ. އެ އިންޓަވިއުއަކީ ބައެއް ކުދިން މިހާރު ވެސް ކީރިތި ގުރުއާނުގެ ބައެއް ފޮތްތައް ހިތުދަސްކޮށްފައިވާ ކުދިންނަށް ވެދާނެތީ، އެކި ކުދިންގެ މަރުހަލާތައް ދަނެގަތުމުގެ ބޭނުމުގައި ކުރާ އިންޓަވިއުއެއްކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ކުއްޖަކަށް މަޖުބޫރުކަމެއް ނޯންނާނެ މިވެނި ވަރެއް ދަސްކުރަން ކިޔަވަން، އެ ދެ ގަޑިއިރު ތެރޭ ހަމަ ބޮޑަށް އަމާޒުކުރާނީ ރީއްޗަށް މަހުރަޖަށް ކިޔަވަން ދަސްކޮށްދިނުމަށް. ސަތޭކަ ކުދިން ހަމަނުވިޔަސް ބެޗެއް ގާތްގަނޑަކަށް 2-3 އަހަރު ތެރޭ ކޯސް ފުރިހަމަކުރާނެ ކަމަށް ބެލެވޭ،" ޝަހީމް ވިދާޅުވި އެވެ.
ޕްރޮގްރާމްގެ ދަށުން 100 ހާފިޒުން އުފެއްދޭނެކަމަށް ޑރ. ޝަހީމް ލަފާކުރެއްވި މުއްދަތަކީ ފަސް އަހަރެވެ.
ޕްރޮގްރާމްއާއި ގުޅޭ ގޮތުން މައުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް އަންނަ ހަފްތާ ތެރޭ އިލްމް އިންސްޓިޓިއުޓްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅޭނެ ނަމްބަރުތަކާއި އިތުރު މައުލޫމާތު ފޯރުކޮށްދޭނެކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
އިލްމް އިންސްޓިޓިއުޓްއިން އަރަބި ބަހާއި، އިސްލާމް އަދި ގުރުއާން ޓީޗަރުންނަށާއި އަދި ގުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމަށް އަމާޒުކޮށް އިތުރު ޕްރޮގްރާމްތަކެއް ހިންގާނެކަމުގެ ޔަގީންކަން ޝަހީމް ވިދާޅުވި އެވެ.













