މި ސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ކޯސް ފީ ދައްކަން ނުޖެހުނު ނަމަވެސް އެ ދަރިވަރުންނަށް ވެސް ސްޓޫޑެންޓު ލޯނު ދޫކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަނީ އެ ދަރިވަރަކު ކިޔަވަމުންދާ ކޯހުގެ ފީ އެކަންޏެވެ. ކުރިން އޮންނަ އުސޫލު ބަދަލުކޮށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ވެސް އެ ލޯނު ދޫކުރަން ނިންމީ، ކޯސް ފީ ދައްކަން ނުޖެހުނު ނަމަވެސް ކިޔަވާ ދުވަސްވަރުގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "އަދަދު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވި އެވެ.
އޭގެ އިތުރުން، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ބައެއް އަމިއްލަ ތަންތަނުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީ އެއްކޮށް ކަވަރު ނުކުރާތީ، އެ ދަރިވަރުންނަށް ވެސް މާލީ އެހީތެރިކަން ދިނުމަކީ ސްޓޫޑަންޓު ލޯނު ދޫކުރާ މިންގަނޑު ބަދަލު ކުރި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސްޓޫޑެންޓު ލޯނަށް މިއަހަރު ހުށަހެޅި ދަރިވަރުން އުއްމީދު ކުރި މިންވަރަށްވުރެ މަދު ކަމަށެވެ.
"މި އަހަރު ވެސް އަސްލު ހީކުރި ވަރަށް ވުރެ މަދުން ދަރިވަރުން ލޯނަށް އެދުނީ. ބޮޑަށް ބެލެވެނީ އެއީ ދަރިވަރުންނަށް އެކަމުގެ މައުލޫމާތު ލިބިފައި ނެތީމަ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހިންގާ ހިލޭ ޑިގްރީ ފުރިހަމަ ކުރުމަށްފަހު އިތުރަށް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ލޯނު ދޫކުރާ ކަމަށެވެ. އަދި އެ ފުރުސަތު އަންނަ އަހަރު ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެެއް ވައުދެވެ. މީގެ ދެ އަހަރު ކުރިން, 2019 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ހިލޭ ފުރަތަމަ ޑިގްރީއަށް ދަރިވަރުން ކިޔަވަން ފެށި އެވެ. މި އަހަރު މިހާތަނަށް 10،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.











