ކުރެއްދޫ ރިސޯޓްގައި މިއަދު ހަވީރު ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗުން ރާއްޖޭގެ ގައުމީ ޓީމު 7-1 އިން ކުރެއްދޫ ޓީމު އަތުން މޮޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު އެކްސިބިޝަން މެޗުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ. މިއީ އެއް މެޗަށް ބަލާނަމަ ރާއްޖޭގައި މިހާތަނަށް ކުޅުނު އެންމެ އަގުބޮޑު ފުޓްބޯޅަ މެޗެވެ.
މެޗަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމް ބެހިފައިވާ ގޮތަށް ބަލާއިރު، ކުރެއްދޫގެ ފަރާތުން ހުށަހެޅި ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި ދިރާގުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ ހަދިޔާތަކެއް ދީފަ އެވެ.
އެފްއޭއެމުން ނިންމާފައިވަނީ މި މެޗުން ލިބުނު ފައިސާގެ އިނާމް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަަމަކޮށް ބަހާލުމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމުން ނިމިދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ހިތްވަރު ފާހަގަކުރުމާއި އަންނަ މަހު 7-18 އަށް ސްރީ ލަންކާގައި ބާއްވާ ފޯ ނޭޝަންސް މުބާރާތުގެ ކުރިން ގައުމީ ޓީމު މޮޓިވޭޓް ކުރުމަށް މިއަދުގެ އެކްސިބިޝަން މެޗުގެ ބޭނުން ހިފޭނެ ކަމަށެެވެ.
އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ގައުމީ ޓީމާ ރަސްމީކޮށް ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ގައުމީ ޓީމަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ނާއިޒު ހަސަން (ދާދު) ނެގި ހުރަހަކުން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ދަގަނޑޭ ދިން ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) އެއް ފަހަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މުހައްމަދު އުމެއިރު އެވެ. ދެ ގޯލުގެ ލީޑެއް ނެގުމަށް ފަހު ވެސް ރާއްޖޭން ފުލުފުލުގައި އެޓޭކްތަކެއް ކުރަމުންދިޔަ އެވެ.
ހާފަކަށް 30 މިނިޓް ދީގެން ކުޅުނު މިއަދުގެ މެޗުގައި ކުރެއްދޫގެ ކެޕްޓަން، ގުރޭޝް އަބްދުލް ރައްޒާގު އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖެ ޓީމުގެ ގޯލުގައި ހުރި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ބޯމަތިން ގޮހެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަގަނޑޭ ދިން ބޯޅައަކުން ސެންޓޭ ވަނީ ރާއްޖޭގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފް (ހަންނަ) ނެގި ހުރަހަކުން މެޗުގެ 42 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ރާއްޖޭގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އެ ގޯލު ޖެހިތާ 10 މިނިޓް ފަހުން ކީޕަރު ކައިރިން ނައްޓާފައި ގޯލެއް ޖަހައި ދަގަނޑޭ އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ.
ގައުމީ ޓީމުން ވަނީ ދާދި ފަހުން ހދ. ކުޅުދުއްފުށި ސިޓީ ޒިގްޒެގް ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން ވެސް އެކްސިބިޝަން މެޗެއް ކުޅެފަ އެވެ. އެ މެޗުން ގައުމީ ޓީމު މޮޅުވީ 6-0 އިންނެވެ.












