އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު މިރޭ ކުޅުނު މެޗުން ބަހްރޭން އަތުން 3-0 އިން ބަލިވެއްޖެ އެވެ.
ފުރަތަމަ މެޗުން މީގެ ތިން ދުވަސް ކުރިން އިރާގު އަތުން ވަނީ 4-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިރޭ ކޮލިފައިން ހޯސްޓްކުރާ ބަހްރޭންގެ އަތުން ބަލިވިއިރު، މި މެޗާ އެކު ރާއްޖެ އަށް ކޮލިފައިން މެޗުތައް ނިމުނީ އެވެ. މި ގްރޫޕްގައި ދެން ވާދަކުރަން އޮތް އަފްގާނިސްތާނަށް ބަހްރޭނަށް އާދެވޭގޮތް ނުވެ އެ ޓީމުގެ މެޗުތައް ނުކުޅެ ކުރިއަށްދާން ނިންމީ އެވެ.
މިރޭ ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ އަކީ ފުރަތަމަ މެޗުގައި އިރާގާ ދެކޮޅަށް ވެސް ބޭނުންކުރި ޓީމެވެ.
ފުރަތަމަ އެގާރައިގައި ހިމެނުނީ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ)، ކެޕްޓަން، ހައިޝަމް ހަސަން (ބިޑި)، މޫސާ އަޒީމް، ހަސަން އީނާޒް، ހުސެއިން އަހުސާމް މޫސާ (ތިއްތޭ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، އިސްމާއިލް ޒާން އާމިރު، ހުސެއިން ފައިސަލް (ފައިޓޯ)، އަބްދުﷲ ޔާމީން (ޔާން)، ހަސަން ނަޒީމް (ޗޯޓު) އަދި ޒައިން ޒަފަރު އެވެ.
ބަހްރޭންގެ އަލް މުހައްރައްގު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ 16 ވަނަ މިނިޓްގައި އަދްނާން ފަވާޒް އެވެ. ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން މާގިނަ އިރެއްނުވެ ރާއްޖެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. ބަހްރޭން ކުޅުންތެރިޔާ ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލުގައި ހުރި ނާޖީ ވަނީ މަތަކޮށްފަ އެވެ.
އެކަމަކު، އޭގެ އިރުކޮޅެއް ފަހުން މެޗުގެ 55 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައިން ބަހްރޭންގެ މުހައްމަދު ގައްޔޫމް ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ. އަދި ބަހްރޭނުން ތިން ވަނަ ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީގައި އައްބާސް ފަދޭލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ލިބުނު ފުރުސަތުތަކުގައި ރާއްޖޭން ވެސް އެޓޭކްކޮށް ހަމަލާތަކެއް ފޮނުވާލި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ބައްސާމް (ބައްކު) އާއި ޗޯޓު އަދި ޔާނު އަށް ލިބޭ ބޯޅަތަކުގައި ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރިއިރު، ގޯލެއް ޖެހޭގޮތެއްނުވި އެވެ.
މެޗުގެ ފަހު ކޮޅުގައި މުހައްމަދު ޖައިލަމް (އޮގީ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބާލަން ޖެހުނީ ސްޓްރެޗަރުގަ އެވެ. އޮގީ ކުޅެން އެރީ ވެސް ދެ ވަނަ ހާފުގަ އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން ވެސް އޭޝިއާގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ބަހްރޭނާ ބައްދަލުކޮށްފަ އެވެ. އެ ގޮތުން 2015 ވަނަ އަހަރު އޮމާނުގައި ބޭއްވި ކޮލިފައިންގައި ބަހްރޭނާ ވާދަކޮށް ރާއްޖެ ބަލިވީ ހަމަ 3-0 އިންނެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އެހެން ޓީމުތައް ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލަންކާ ވަނީ ފުރަތަމަ މެޗުގައި ސީރިއާ އަތުން 5-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި މިރޭ ގަތަރު އަތުން ވެސް ހަމަ އެ ނަތީޖާއިން ބަލިވެފަ އެވެ. ލަންކާ އަށް އަދި ޔަމަން މެޗު ބާކީ އެބައޮތެވެ.
ފުރަތަމަ މެޗުން އީރާން އަތުން 4-0 އިން ނޭޕާލް ބަލިވިއިރު، ދެ ވަނަ މެޗުން ތަޖިކިސްތާން އަތުން ބަލިވީ 6-0 އިންނެވެ. ނޭޕާލަށް ދެން އޮތީ ލެބަނަން މެޗެވެ. ބަންގްލަދޭޝް ފުރަތަމަ ކުޅުނު މެޗުން ކުވޭތު އަތުން 1-0 އިން ބަލިވިއިރު، ސައުދީ އަރަބިއްޔާއާ ކުޅެން ޖެހޭ މެޗު އަދި އެބައޮތެވެ.
ސަރަހަައްދުގެ ގަދަބާރު އިންޑިއާ ވަނީ ފުރަތަމަ މެޗުގައި 2-1 އިން އޮމާން ބަލިކޮށްފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ޔޫއޭއީ އަތުން 1-0 އިން ބަލިވީ އެވެ. އިންޑިއާ ފަހު މެޗުގައި ނުކުންނާނީ ހޮނިހިރު ދުވަހުގެރޭ ކިރްގިސްތާނާ ދެކޮޅަށެވެ.












