ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުޅުމާލޭގައި ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސާސް ކޮމިޓީގެ މެމްބަރުން އެ މަޝްރޫއުތަކުގެ ސައިޓުތަކަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެ ޒިޔާރަތަކީ މި ހަފްތާގެ ތެރޭގައި އެސްއޯއީ ކޮމިޓީން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ކުންފުނިތަކުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކާ ގުޅިގެން ކުރި ޒިޔާރަތެއް ކަމަށެވެ.
"ބޮޑަށް މެމްބަރުން ބޭނުންފުޅު ވަނީ އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް މޮނިޓާކޮށް ބައްލަވާލަން އެ ސައިޓުތަކަށް ވަޑައިގެން. އެގޮތަށް މިއަދު ކޮމިޓީ މެމްބަރުން މިއަދު ވަނީ ހުޅުމާލޭގައި ސްޓެލްކޯ، އެމްޓީސީސީ، އެސްޓޯއީ އަދި އެމްޕީއެލްއިން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސައިޓުތަކަށް ޒިޔާރަތްކުރައްވާފަ،" ޒިޔާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެމްބަރުން އެ ސައިޓުތަކަށް ވަޑައިގެން އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އަދި މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވި ކަމަށެވެ.
"އެ ސައިޓުތަކުގައި އެވަގުތު މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން ވަނީ މަސައްކަތުގެ ޕްރޮގްރެސް މެމްބަރުންނަށް ކިޔައިދެއްވައި އެ ސައިޓުތައް މެމްބަރުންނަށް ދައްކާލާފަ. އެ ޒިޔާރަތުގައި މިވަގުތު މާލޭގައި ތިއްބެވި ކޮމިޓީ ހުރިހާ މެމްބަރުން ވަޑައިގަތް. ދެން އިސްކޮށް ހުންނެވީ މުގައްރިރު މެމްބަރު އިލްޔާސް ލަބީބު،" ޒިޔާއު ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވީ އެ ޒިޔާރަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޒިޔާރަތަކީ ކުންފުނިތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ ޒިޔާރަތެއް ނޫން ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.











