ރާއްޖޭން ބޭރުގެ އެކި ޔުނިވާސިޓީތަކުގައި މި އަހަރު ޑޮކްޓަރުކަން ކިޔަވަން ހުށަހެޅި ދަރިވަރުންގެ ތެރެއިން ސްޓޫޑަންޓު ލޯނަށް އެދުނު ހުރިހާ އެންމެނަށް އެ ލޯނު ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ޑރ. އިބްރާހިމް ހަސަން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެޑިސިން ކިޔަވާ ދަރިވަރުންނަށް ލޯނު ދޫކުރަމުން އަންނަނީ ޖުމްލަ ފަސް ޖާގައަށެވެ. ނަމަވެސް މިނިސްޓަރަށް ދީފައި އިންނަ އިހުތިޔާރުގެ ދަށުން މި އަހަރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެމްބީބީއެސް ހަދަން ކުރިމަތިލި ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޖުމްލަ 69 ދަރިވަރެކެވެ.
"ލޯނަށް ނުލާ ހުރި ދާއިރާތަކުގެ ފައިސާއިން ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔަވަން ލޯނު ހަމަޖެއްސީ ކޮވިޑްގެ ހާލަތާ ގުޅިގެން އަދި މި ދާއިރާއަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ދާއިރާއަކަށް ވުމުން މިފަހަރު އަޅުގަނޑުމެން ނިންމީ ހަމަ އެޕްލައިކުރާ ހުރިހާ ދަރިވަރުންނަށް ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހާ ގިނަ ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔެވުމަށް ލޯނު ދިނުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
އެމްބީބީއެސް ކޯސް ހަދާ ދަރިވަރުންގެ ތެރެއިން ގައުމީ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންގެ ކޯސް ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ބުރީގައި ހިންގާ މެޑިކަލް ކޮލެޖްގެ ހުރިހާ ކަމެއް ނިމުމުން، އެތަނަށް ބަދަލުކުރާނެ އެވެ.

ފަސް އަހަރުގެ މުއްދަތަށް ހިންގާ އެ ކޯހުގެ ފީ އަކީ އަހަރަކު 123،000ރ. އެވެ. އެއީ އަހަރެއްގެ މައްޗަށް 8،000 ޑޮލަރެވެ. ސަރުކާރުން ހިންގާ ހިލޭ ޑިގްރީ އަށް ކިޔަވައިދޭ ޕްރޮގްރާމްގައި ވެސް ރާއްޖޭގައި ހިންގާ އެމްބީބީއެސް ކޯސް ހިމެނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށާފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފަށާފައި ވަނީ 29 ދަރިވަރުންނާއެކު އެވެ. އަދި މިވަގުތު އެ ކޮލެޖުގައި 113 ދަރިވަރުން ދަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.












