ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ބެލުމުގެ ދަށުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްދާއިރު، އިތުރު ގޯލްކީޕަރުންތަކެއް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އެބަދެ އެވެ.
ގައުމީ ޓީމުން ކުޅުދުއްފުށީ ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރި 19 އަހަރުން ދަށުގެ ޓީމުގެ ގޯލްކީީޕަރު ޔޫސުފް މީސަމް އަބްދުﷲ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަދި ކުރިން ގައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) އަންނަނީ މިހާރު ގައުމީ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރިއިރު، ގައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރުންނަކީ މުހައްމަދު ފައިސަލް އާއި މުހައްމަދު ޝަފީއު (ޗެކް) އަދި އަލީ ނާޖިހު (ނާޖީ) އެވެ. މީގެ ތެރެއިން ނާޖީ މި ވަގުތު ހުރީ 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއާގެ ޔޫތު މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ބަހްރޭނުގަ އެވެ.
ފައިސަލް އަނިޔާގައި ހުރިއިރު، ޝަފީއު އަަންނަނީ ގައުމީ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޕްރެކްޓިސް ކުރުމުގެ ތެރޭގައި އަނިޔާގެ ސަބަބުން ޓީމާ ވަކިވި ގޯލްކީޕަރު ހުސެން ޝަރީފް (ހުސެން) އަދިވެސް ހުރީ އަނިޔާގަ އެވެ.
ކްލަބް ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ޓޮޕްލަކް އަކީ ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ޓީމުގައި ހިމެނުނު ގޯލްކީޕަރެކެވެ. ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ތޮޕްލަކް ވަނީ ކްލަބް ލެވަލްގައި އެކި ޓީމުތަކަށް ކުޅެފަ އެވެ. އޭނާ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ކްލަބްތަކުގެ ތެރޭގައި ވިކްޓްރީ، ވީބީ އަދި ޔުނައިޓެޑް ވިކްޓްރީ ހިމެނެ އެވެ.
މާޒިޔާއާ 2014 ވަނަ އަހަރު ގުޅުމަށް ފަހު ޗިކީ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ މަދު މެޗެއްގަ އެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވީ ލޯން އެއްބަސްވުމެއްގެ ދަށުން 2018 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ދަ ގްރާންޑޭގައި ދެއްކި މޮޅު ކުޅުމުންނެވެ. ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައި ޗިކީ ތަފާތު ދެެއްކި އެވެ. މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ކުޅުނު 14 މެޗުގައި ވެސް ޗިކީ ކުޅުނެވެ. އަދި މިހާރު ގައުމީ ޓީމުގައި ޕްރެކްޓިސް ކުރަމުން އަންނައިރު، މިއި ޓީމާ އެކު ފަރިތަކޮށްލަން މި ގޮތަށް ޗިކީ އަށް ލިބުނު ފުރަތަމަ ފުރުސަތެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ޔޫސުފް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ޔޫސުފް އަށް ރަނގަޅު ފުރުސަތެއް
ޒުވާން ކީޕަރުންނަށް ފުރުސަތު އިތުރު ކުރުމުގެ މަސައްކަތުގައި އެކި ޕްލޭންތަކެއް ހަދައިގެން ކުރިއަށްދާއިރު، މީގެ ކުރިން ވެސް ވަނީ ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތު އެކި ކީޕަރުންނަށް ދީފަ އެވެ. ކުޅުދުއްފުއްޓާ އެކު ކުޅުނު އެކްސިބިޝަން މެޗުގައި ނަމަވެސް ޔޫސުފް އަށް ވަނީ ގައުމީ ސީނިއާ ޓީމަށް ކުޅެލަން ފުރުސަތެއް ލިބިފަ އެވެ. މިހާރު އޭނާ ގައުމީ ޓީމާ އެކު ފަރިތަކުރަމުން އަންނައިރު، މިއީ މުސްތަގުބަލަށް ބަލާއިރު އޭނާ އަށް ބޭނުންހިފޭނެ ތަޖުރިބާ އެކެވެ.
ޔޫސުފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާ އެކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އަދި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ސަރަހައްދުގެ މުބާރާތްތަކުގެ މެޗުތަކުގައި ކުޅެފައިވެ އެވެ.
މޮރިއޭރޯ ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑާ އެކީގަ އެވެ. އެކަމަކު، ފަހުން ވަނީ ޕްރެކްޓިސްގައި ބައިވެރިވުމުގެ ފުރުސަތު ޔަސްފާދު ހަބީބު (މުލަކޭ) އާއި އަލީ ސާމިސް (ތޮއްޕޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) އަށް ދީފަ އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕަށް ފަހު ސްކޮޑު ފައިނަލް ކުރިއިރު ޓީމުން ޖާގަ ގެއްލުނު ކުޅުންތެރިންނެެވެ.
ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ މަހު 7-18 އަށް ސްރީ ލަންކާގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް އަށެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. ބަންގްލަދޭޝް އިން ވަނީ ފޯ ނޭޝަންސް ކަޕަށް ޕްރިލިމިނަރީ ސްކޮޑެއް އިއުލާނުކޮށްފަ އެވެ.












