މިލާން (އޮކްޓޫބަރު 27) - ފުރަތަމަ ހާފުގައި އޮލީވިއޭ ޖިރޫޑް ޖެހި ގޯލުން 1-0 އިން ޓޮރިނޯ ބަލިކޮށް އޭސީ މިލާން އިޓާލިއަން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިލާން އެއް ވަނަ އަށް އެރީ 10 މެޗުން 28 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި ނަޕޯލީ އޮތީ ނުވަ މެޗުން 25 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ބޮލޯނިއާ އަތުން މޮޅުވެގެން ނަޕޯލީ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިލާނުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 14 ވަނަ މިނިޓްގަ އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ މިލާންގެ ރާޑް ކްރުނިޗް ބޮލުން ޖައްސާލުމުން ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު ޖިރޫޑް ވަނީ ރަނގަޅު ތަނަށް ހުސްވެ، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އުމުރުން 35 އަހަރުގެ ޖިރޫޑް އަންނަނީ މިލާނުގައި އޭނާ އަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަމުންނެވެ. މިއީ މި ސީޒަނުގައި ޗެލްސީ ދޫކޮށް މިލާނަށް ބަދަލުވި ޖިރޫޑް އެ ޓީމަށް ޖަހައިދިން ހަތަރު ވަނަ ގޯލެވެ.
ދެ ވަނަ ހާފްގައި ޓޮރިނޯ އިން ވަނީ މިލާން ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ޓޮރިނޯގެ ކެޕްޓަން އިޓަލީގެ ފޯވާޑް ލޫޝިއާނޯ ބެލޮއްޓީ އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނުއިރު، ޓޮމާސޯ ޕޮގޭބާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެ އެވެ. އަދި ބެލްޖިއަމްގެ މިޑްފީލްޑަރު ޑެނިސް ޕްރައެޓް ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ޖިރޫޑް ފަދަ ކުޅުންތެރިން ޓީމުގައި ހުރުމުގެ މުހިއްމުކަން މި މެޗުގައި ފެނިގެން ގޮސްފި ކަމަށެވެ. ޖިރޫޑް ބުނީ މިއީ މިލާނަށް އެންމެ ރަނގަޅަށް ކުޅެވުނު ދުވަހެއް ކަމުގައި ނުވިޔަސް އެންމެ މުހިއްމު ކަމަކީ ނަތީޖާ ކަމަށާއި އެކަން ހާސިލްކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
މިލާނުން މަސައްކަތް ކުރަމުން އަންނަނީ 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރާށެެވެ. މިދިޔަ ސީޒަނުގައި މިލާން އޮތީ ލީގުގެ ދެ ވަނައިގަ އެވެ.












