ހިމާޔަތް ކޮށްފައިވާ ކ.ރަސްފަރު ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް (ބަލްކް ކެރިއާ) އާގު ބޯޓު 993.7 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެ ބޯޓް ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނަސަންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. ފަރަށް އެރިއިރު އެ ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.
ބޯޓު ފުންކުރި ނަމަވެސް ތަހުގީގުގެ މަރުހަލާ ނުނިމެނީސް ބޯޓަށް ރާއްޖޭން ފުރައިގެން ނުދެވޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވަނީ ބުނެފަ އެވެ.
ތަހުގީގު ނިމުމުގެ ކުރިން އެ ބޯޓު ފުރަން ބޭނުންނަމަ ފަރަަށް ލިބުނު ގެއްލުންތަކަށް ބަދަލުދޭން 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ވެސް ދައްކަންޖެހެ އެވެ. އެއީ ފަރަށް ލިބުނު ގެއްލުންތަކުގެ އަދަދު 100 މިލިއަނަށް ވުރެ ދަށްވާނަމަ އިތުރުވާ ފައިސާ އަނބުރާ ދައްކާ ގޮތަށެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ 893،736،800 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
ނަމަވެސް، ފަރަށް ލިބޭ ގެއްލުމަށް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދުކަމަށްވާ 100 މިލިއަން ރުފިޔާ 30 ދުވަސް ތެރޭގައި ދައްކައި ހަލާސްކުރުމަށް ބޯޓުގެ ވެރި ފަރާތަށް ވަނީ އަންގައިފަ އެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު އޮޔާގޮސްގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް އުޅަނދުތައް ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ.
އެގޮތުން 2013 ވަނަ އަހަރު މާލޭ ރާޅުގަނޑާ ދިމާލުން ފަރަށް އެރި އާގުބޯޓެއް 61.6 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.
އަދި 1997 ވަނަ އަހަރު އެ ސަރަހައްދަށް އުރުނު އާގުބޯޓެއް 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.













