ކުއްޖާގެ ބަރުދަނަކީ ހެދިބޮޑުވަމުންދާ ގޮތް އަންގައިދޭ މުހިންމު އިންޑިކޭޓަރެކެވެ. ދުޅަހެޔޮކަން ހިފެހެއްޓުމަށް އެލާޓްކޮށްދޭ ނަންބަރެކެވެ. އެހެންވެ، ކުއްޖާގެ އުމުރުން ފަސް އަހަރު ފުރެންދެން ހެދިބޮޑުވާ މިންވަރު، ކޮންމެ މަހަކު އެއް ފަހަރު ދެނެގަތުމަށްޓަކައި އިސްކޮޅާއި ބަރުދަން އަދި ބޮލުގެ ވަށަމިން ބަލަންޖެހެ އެވެ. ކުޑަ ކުއްޖެއްގެ އުމުރާ އެއްވަރަށް ހެދިބޮޑުވޭތޯ އާއި އުމުރާ އެއްވަރަށް ގާބިލްކަން އިތުރުވުން އާދޭތޯ ދެނެގަތުމަށްޓަކަ އެވެ.
17 ޕަސެންޓް ކުދިން ބަރުދަން ލުއި
ޔުނިސެފް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބަދީގެ 17.6 ޕަސެންޓް ކުދިން، އުމުރާ އެކަށީގެންވާ މިންވަރަށްވުރެ ބަރުދަން ލުޔެވެ. ކޮންމެ ފަސް ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު، ހެދި ބޮޑުވާންޖެހޭ މިންވަރަށް ވުރެ އިސްކޮޅުން ކުރެވެ. މައިގަނޑު ސަބަބަކީ، ހަށިގަނޑު ހެދި ބޮޑުވުމަށް ބޭނުންވާ މާއްދާތައް ނުލިބުމެވެ.
ހެލްތު މިނިސްޓްރީން 2016 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގޭ ގޮތުގައި ގްރޭޑް އެކަކަށް ވަންނަ ކުދިންގެ 22 ޕަސެންޓަކީ، އުމުރާ އެކަށީގެންވާ މިންވަރަށްވުރެ ބަރު ކުދިންނެވެ. މިގޮތަށް ބަރުވުމަކީ ސިއްހަތު ރަނގަޅުވުން ކަމަށް ބައެއް މައިންބަފައިންނަށް ހީވެފައި އޮވެދާނެ އެވެ. ނަމަވެސް އެއީ ގޯހެކެވެ.
މާބޮޑަށް ފަލަވެ، ބަރުދަން މިންގަނޑުން ނައްޓައިގެން ދިޔުމުން ދެން ވާނެ ގޮތަކީ، ހެލިފެލިވެ އުޅެން އުނދަގޫވުމެވެ. ހެދިބޮޑުވަމުން އަންނަ އުމުރުގައި ކަސްރަތާއި ހެލިފެލިވެ އުޅުމަކީ މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން މަސްތަކާއި ހުޅުތަކާއި ކަށިތައް ވަރުގަދަ ވެގެންދާނެ ކަމަށް، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވި އެވެ.
ހެލިފެލިވެ ނޫޅެވުމުގެ ނަތީޖާއަކީ ޅައުމުރުގައި ހަކުރާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ މައްސަލަތައް ކުރިމަތުވެ އެވެ.

ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ކުދިންގެ ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ. ބައެއް ކުދިން ހެލިފެލިވެ އުޅުން މަދުއިރު، އެންމެ ގަޔާވަނީ، ތައްޔާރީ ކާނާ ބޭނުންކުރުމަށެވެ. އެއީ ބަރުދަން އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ދުޅަހެޔޮ ކާނާ އެކަށީގެންވާ މިންވަރަށް ބޭނުން ނުކުރުމުގެ ސަބަބުން އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ މެދުގައި މައިކްރޯ ނިއުޓްރިއަންޓް ޑެފިޝެންސީ ރޭޓް މަތިކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ތާޒާ މޭވާ އާއި ތަރުކާރީ ފަދަ ދުޅަހެޔޮ ބާވަތްތައް އެކަށީގެންވާ މިންވަރަކަށް ބޭނުންކުރަނީ އަބާދީގެ 6.5 އިންސައްތަ އަށްވުރެވެސް މަދުން،"
ކުދިންގެ ބަރުދަން އިތުރުކުރަންވީ ކިހިނެއް؟
ކުއްޖަކު ބަރުނުވާހެން ހީވާނަމަ އެންމެ މުހިންމީ ޑޮކްޓަރަކަށް ދައްކައި، އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ހުރިތޯ ޔަގީން ކުރުމެވެ. އެއަށްފަހު ބަރުދަނާ ގުޅޭ ކަމެއްގައި ޑައިޓީޝަންއެއްގެ ހިޔާލު ހޯދުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ.
ބަރުދަން ހުންނަންޖެހެނީ ކިހާ ވަރެއްގައިތޯ ސުވާލު އުފެދިދާނެ އެވެ. އެންމެ ފަސޭހަ ގޮތަކީ، ވެކްސިން ފޮތް ބަލާލުމެވެ. އެ ފޮތުގައި ކުދިންގެ ހެދިބޮޑުވުން އަންގައިދޭ ޗާޓު ހިމެނިފައިވާއިރު ބަރުދަން ބަހައްޓަން އެންމެ ރަނގަލީ ފެހި ކުލައިގެ ޒޯނުގަ އެވެ.
"ގިނަ ފަހަރު މީހުންނަށް ހީވަނީ ރަތް ޒޯނަށް ދިޔައިމައޭ އަސްލު ކުއްޖާ ބަރު މިވަނީ. ނޫނީ ބަރުދަން ހިތްހަމަޖެހޭ ވަރެއްގަ މި ހުންނަނީ. އެއީ ވަރަށް ބޮޑު ގޯހެއް. ފެހި ޒޯނަކީ އަސްލު ތުއްތު ކުއްޖާގެ ބަރުދަން ހުންނަންވީ ވަރަކީ،" ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވި އެވެ.
ދަރިފުޅުގެ ބަރުދަނާ ބެހޭ ގޮތުން ދެކެވޭ އެކި ވާހަކަތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް މަންމައިންނަށް ކުރާކަމާއި، އެހެންވެ، ދަރިފުޅު ފަލަކުރުމުގެ ގޮތުން އެކި ކަހަލަ ރަނގަޅު ނޫން އާދަތަކާ ދިމާލަށް ދެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، ހަ މަހުން ފެށިގެން އުމުރުން ދެ އަހަރާ ދެމެދުގެ ކުދިންގެ ބަރުދަން އިތުރު ކުރުމަށް ކުރެވިދާނެ އާންމު ބައެއް ކަންކަން އާސިޔާ ކިޔައިދެއްވަ އެވެ.
ކިރުގެ ބާވަތްތަކުން ބަރުދަން އިތުރު ކުރުން
އުމުރުން ހަ މަހުގައި އާންމުކޮށް ކާންދޭން ފެށި ނަމަވެސް އަށް މަސް ވުމާ ހަމައަށް ދަރިފުޅުގެ މައިގަނޑު ކެއުމަކީ ގާތުން ދެވޭ ކިރެވެ. ކާންދޭން ފަށާއިރުވެސް ދަރިފުޅުގެ ބަރުދަން މާ ބޮޑަށް ލުއިނަމަ އާސިޔާ ވިދާޅު ވަނީ އެއީ ގާތުން ދޭ ކިރުގެ ކޮލިޓީގެ މައްސަލައެއް ކަމުގަ އެވެ.
ކާންދޭން ފަށާ ފުރަތަމަ ދުވަސްކޮޅަކީ ކުއްޖާއަށް ރަހަ ދައްކައި، އެލާޖިކްތޯ ނުވަތަ ނޫންތޯ ބަލާ ދުވަސްތަކެވެ. އެންމެ ރަނގަޅީ ތަފާތު ދެ ގްރޫޕަކުން ބާވަތްތައް ހިމަނައިގެން ކުރިއަށް ގެންދިއުމެވެ. މިސާލަކަށް ބަތާއި އެކީ މަސްކޮޅެއް ގަރުދިޔަ ގޮތަށް ލޮނު ނާޅާ ކައްކާފައި ދެވިދާނެ އެވެ.
ބަތް ކައްކާއިރު އޭގެ ތެރެއަށް ކުޑަ ކާށިކިރު ފޮދެއް އަޅާލެވޭނެ. ނޫނީ އޮލިވް އޮއިލް ކޮޅެއް. އަސްލު ހުރިހާ ވައްތަރެއްގެ ތެލެއްގައިވެސް ކެލަރީ ހުންނާނީ އެއްވަރަކަށް އެހެންވީމަ ފަލަކުރަންށޭ ކިޔާފައި ކޮންމެހެން ބަޓަރު ދިނުން މުހިންމެއް ނޫން،" އާސިޔާ ވިދާޅުވި އެވެ.
އެއާއެކު ސިއްހީ ގޮތުން ރަނގަޅު އަދި ހަކަތަ ގިނަ ކާނާ، ކުއްޖާއަށް ދިނުމަކީ ބަރުދަން އިތުރުވުމަށް އެހީވެދޭނެ ކަމެކެވެ. މިފަދަ ބާވަތްތައް ދޭއިރު ކިރު އިތުރުކުރެވިދާނެ އެވެ. ކުއްޖާއަށް އަހަރު ނުފުރޭނަމަ ގާތުން ދޭ ކިރު ނުވަތަ ފޯމިއުލާ ވިޔަސް އިތުރުކުރެވިދާނެ އެވެ.
"އެޕަލް ޕިއުރޭ ހަދާއިރު ހަމައެކަނި ފެނުގަ އެ ހެދުމުގެ ބަދަލުގައި މަންމަގެ ގާތުން ބުއް ކޮޅެއް، ހާއްސަކޮށް ބުއް ދީ ނިންމާފައި ހަމަ އެ ފަރާތުން ބުއް ކޮޅެއް ނަގާފައި ދެވިދާނެ. އެއީ ފެނަކީ ޒީރޯ ކެލަރީ. އެކަމަކު ގާތުން ދޭ ކިރުގައި ކެލަރީ ހިމެނޭނެ،" އާސިޔާ ވިދާޅުވި އެވެ.
އެއަށްފަހު ޑެއިރީ ގްރޫޕުން ޔޯގަޓާއި ޗީޒް ފަދަ ބާވަތްތައްވެސް އިތުރު ކުރެވިދާނެ އެވެ. ނަމަވެސް މި ބާވަތްތަކުގެ ފުޑް ސޭފްޓީ އަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ އެވެ.
ލެންޓިލްސް އެންޑް ލެގިއުމްސް
މުގުގެ ހުރިހާ ބާވަތްތަކާއި އެކި ވައްތަރުތަކުގެ ބީންސްއަކީ ކުޑަ އެތިކޮޅަކުން ވެސް ހަކަތަ ލިބި، ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް ލިބިދޭ ބާވަތެކެވެ. އެހެންވެ، ބަތް ކައްކާއިރު މުގުކޮޅެއް އެއްކޮށްލެވިދާނެ އެވެ. ޕާސްތާ ފަދަ ބާވަތެއް ތައްޔާރުކުރާއިރު ފެނު ކެއްކި ކިޑްނީ ބީންސް ފަދަ ބާވަތެއް ހިމެނިދާނެ އެވެ.
ގަޔާވާ ކާ އެއްޗެހި ދެވިދާނެ ގޮތެއް
ފިޝް އެންޑް ޗިޕްސް އަކީ ކުޑަ ކުދިންނަށް ވެސް ވަރަށް ކަމުދާ ކެއުމެއްގެ ގޮތުގައި ފާހަގަކޮށް އާސިޔާ ވަނީ ފިޝް އެންޑް ޗިޕްސް ކުދިންނަށް ދޭންވީ މޮޅު ގޮތެއް ކިޔާދެއްވައިފަ އެވެ. ގޭގައި ޗިޕްސް ތައްޔާރުކޮށް، ކުޑަ މަސް ކޮޅެއް ނަގައި ޑަބަލް ކޯޓުކުރުމަށްފަހު މަސް ކޮޅު ތެލުލެވިދާނެ އެވެ. މިއާ އެކީ ޔޯގަޓް، ކްރީމް ނުވަތަ ޗީޒް ފަދަ ބާވަތަކުން ނަޓްސް ޕައުޑާ ފަދަ ބާވަތްތައް ހިމަނައިގެން ޑިޕް އެއް ހިމެނިދާނެ އެވެ.










