އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު މިއަދު ކުޅުނު މެޗުން އިރާގު އަތުން 4-0 އިން ބަލިވެއްޖެ އެވެ.
ރާއްޖޭގެ ޒުވާން ގައުމީ ޓީމު ވަނީ 2015 ވަަނަ އަހަރު އޭޝިއާ 23 އަހަރުން ދަށުގެ ކޮލިފައިންގައި އިރާގާ ބައްދަލުކޮށް 7-1 އިން ބަލިވެފަ އެވެ. އޮމާންގައި އެ ފަހަރު ކުޅުނު މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ބަހްރޭންގެ އަލް މުހައްރައްގު ސްޓޭޑިއަމްގައި މިއަދު އިރާގާ ދެކޮޅަށް ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ އަކީ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ)، ކެޕްޓަން، ހައިޝަމް ހަސަން (ބިޑި)، މޫސާ އަޒީމް، ހަސަން އީނާޒް، ހުސެއިން އަހުސާމް މޫސާ (ތިއްތޭ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، އިސްމާއިލް ޒާން އާމިރު، ހުސެއިން ފައިސަލް (ފައިޓޯ)، އަބްދުﷲ ޔާމީން (ޔާން)، ހަސަން ނަޒީމް (ޗޯޓު) އަދި ޒައިން ޒަފަރު އެވެ.
މެޗު ފަށައިގެން 10 ވަަނަ މިނިޓްގައި މޯމެލް އަބްދުލްރިދާ ވަނީ އިރާގަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އިރާގުގެ ދެ ވަަނަ ގޯލު ޖެހީ އަހުމަދު ސަރްތީޕް އެވެ. އިރާގުން ފަހު ދެ ގޯލު ޖެހީ ދެ ވަަނަ ހާފުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް ވަކާ ރަމްދާން ޖުމާހު ދެ ގޯލު ޖެހީ މެޗުގެ 57 އަދި 86 ވަނަ މިނިޓްގަ އެވެ.

ގޯލު ޖެހުމަށް ފަހު އިރާގު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިރާގު އެފްއޭ
ޒުވާން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ އޯވަރޯލްކޮށް ބުނާނަމަ ޓީމެއްގެ ގޮތުގައި މޮޅީ އިރާގު ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި ދިވެހި ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް މީގެ ފާހަގަކުރަން ޖެހޭ ކަމަށެވެ.
"ހަތަރު ގޯލުގެ ތެރެއިން ދެ ގޯލަކީ ޑިފެންސިވް މިސްޓޭކް. އުއްމީދީ ކުޅުންތެރިންތަކެއް މި ޓީމުގައި (ޒުވާން ގައުމީ ޓީމުގައި) އެބަތިބި. އެ ކުޅުންތެރިންނަށް މި ވަގުތު ވެސް ސީނިއާ ގައުމީ ޓީމަށް ކުޅެވޭނެ. ނޫނީ ކައިރި މުސްތަގުބަލެއްގައި މަސައްކަތް ކޮށްގެން ސީނިއާ ޓީމަށް ކުޅެވޭނެ،" ސުޒޭން ބުންޏެވެ.
ކޮލިފައިންގެ ޝެޑިއުލް ފުރަތަމަ އާންމުކުރިއިރު، ބަހްރޭންގައި ކުރިއަށްދާ ގޮތަށް ރޭވި ކޮލިފައިން ގްރޫޕް ސީގައި ބަހްރޭނާއި ރާއްޖޭގެ އިތުރުން ދެން އޮތީ އަފްގާނިސްތާން އާއި އިރާގް އެވެ. އެކަމަކު، އެންމެ ފަހު ވަގުތު އަފްގާނިސްތާނުން ބަހްރޭނަށް ނުދާތީ ރާއްޖެ މިހާރު ކޮލިފައިންގައި ބާކީ ކުޅެން އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި ބަހްރޭނާ ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ރާއްޖެ ވަނީ 2015 ވަނަ އަހަރުގެ ކޮލިފައިންގައި ބަހްރޭން އަތުން 3-0 އިން ބަލިވެފަ އެވެ.












