އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ފެތުންތެރިން ހޮވައިފި އެވެ.
ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖޭން ވާދަކުރާނެ ފެތުންތެރިންނަކީ އައިޝަތު ސައުސަން، ހަމްނާ އަޙުމަދު، މުހައްމަދު އާން ހުސައިން އަދި އިމްއާން އަލީ އެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ މި ފެތުންތެރިން ހޮވާފައިވަނީ ވޯލްޑް ޗެމްޕިއަންޝިޕަށް ކުދިން ހޮވަން ބޭއްވި ޓްރަޔަލްތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ކަމަށެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕް ބާއްވާނީ އަންނަ ޑިސެމްބަރު މަހު 16-21 އަށެވެ.
މި ފެތުންތެރިންނަކީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ގިނަ ފެތުމުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށް، ކުރިއެރުން ހޯދައި، ގައުމީ ރެކޯޑްތައް ހަދާފައިވާ ފެތުންތެރިންނެވެ. މީގެ ތެރެއިން އެންމެ ތަޖުރިބާކާރު ފެތުންތެރިއަކީ ސައުޝަން އެވެ. ސައުޝަން ވަނީ ގައުމީ ލެވަލްގެ މުބާރާތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން މެދުނުކެނޑި ވާދަކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.
ހަމްނާ ވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ ފަތާ ޓީމުގައި ހިމެނިފަ އެވެ. މި ވަގުތު އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދާ އަންހެން ފެތުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ. ދުނިޔޭގެ މައި އިދާރާ ފީނާގެ ސްކޮލަޝިޕެއް ލިބުމުން އިމްއާން ރަޝިޔާގައި ތަމްރީންތަކެއް ކުރިއަށް ގެން ދެ އެވެ. އަދި އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި އާން އަކީ މުސްތަގުބަލު އޮތް ފެތުންތެރިއެކެވެ. ޒުވާން އުމުރުގައި ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަނެފައިވާ ފެތުންތެރިއެކެވެ.
މިއީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ގިނަ ފެތުންތެރިންނަށް ފުރުސަތު ލިބުނު ފަހަރެކެވެ. މިދިޔަ އޮގަސްޓް މަހު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރި ފެތުންތެރިންނަކީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމް އެވެ.












