މާފަންނުގައި ހުރި އާދައިގެ ގެސްޓްހައުސްއެއްގެ ހަނި ލޮބީ އިން "ދެމިގެން" އެ އިމާރާތުގެ ދެވަނަ ފުލޯ އަށް އަރައި ސިޑިއާ ދިމާލަށް އިން ދޮރު ހުޅުވައިލި އިރު، ދިހަ ވަރަކަށް ފޫޓުގެ ކޮޓަރިއަށް ފައްތާފައި އިން ޑަބަލް އެނދުގެ މެދުގައި އަހަރެމެންގެ އިންތިޒާރުގައި ހަނާ އިނެވެ. ވާތު ފަޔަށް ހަށިގަނޑުގެ ބަރު އެޅޭ ގޮތަށް އެއް އަތް ގޮދަޑީގައި ވިއްދައިގެން އަރިއަކަށް އިން ހަނާ އާ ފޫޓަކަށް ވުރެ ކައިރީގައި ދެން އިނީ އޭނާގެ މަންމަ، ހުސްނާ މުހައްމަދެވެ. ދޮރާ އެންމެ ގާތަށް، ޕޭޕަރުތަކުން ފުރި، ފުފިފައި އޮތް ފައިލެއް އުނގުމަތީގައި ބާއްވާލައިގެން އިނީ އޭނާގެ ދެބެންގެ ދެދަރި ދައްތަ މުނާ އެވެ. އަހަރެމެން ފެނުމުން އެ ތިން މައިން އެއްފަހަރާ ހިނިތުން ވެލި އެވެ. އިށީނދެ ހަމަޖެހިލުމުން، މުނާގެ އަތުގައި އޮތް ފައިލުން އެންމެ ފަހުގެ މެޑިކަލް ރިޕޯޓު ނަގައި ދައްކާލަމުން ހަނާ ކިޔައިދޭން ފެށީ އޭނާގެ ބަލި ހާލަތެވެ.
......
މިއީ ހދ. ކުޅުދުއްފުއްޓަށް އުފަން، ނަވާރަ އަހަރުގެ ހަނާ އުމަރުގެ ވާހަކަ އެވެ. މި ޒުވާން އަންހެންކުއްޖެއްގެ ވާހަކަ އާއި ފުރާވަރުގައި އޭނާ ގުނަމުންދާ ބަލި ދުވަސްތަކުގެ ވާހަކަ، ބަލިކަށި ހިތަކަށް ކެތްވާ ވަރަށްވުރެ ވޭން ބޮޑުވެފައި، މާ އަސަރު ގަދަ އެވެ. މިއީ އަސްލު ނޭނގޭ، "ހަރުކަށި" ބައްޔެއްގެ ވޭނީ ކެކުޅުމުގައި މިދިޔަ ދެ އަހަރު ތެޅި ވަރުބަލިވެފައި އިން ހަނާ، މަދަދަށް އެދި ކުރާ އިލްތިމާސެކެވެ. އަލުން އާ ދުޅަހެޔޮ ހަޔާތެއް އުންމީދުގައި ގޮވާ ގޮވެއްޔެވެ.
"މިހާރު ވެސް ކިރިޔާ އިނދެވެނީ. ކަނާތު ފައިގެ ފަލަ މަސްގަނޑުގެ ހަލާކުވެގެން އެތަން ކަފާލައިގެން އެތެރެ ނަގާލާފައި ޑިސްޗާޖް އަންނާތީވެ ބަންދު ނުކޮށް، އެތެރެއަށް ފޮތި ލައްވައިގެން ފާރުގަނޑު ރޮލާ ގެންގުޅޭތާ ވެސް ފަސް މަސް ވެއްޖެ. ހަމަ އެ ފައިގައި މިހާރު އެބައިން އިތުރު ތަނެއް ވެސް ކަފާލާފައި، މިދުވަސްކޮޅު ފޫޅުން ލޭ އަންނާތީ އިތުރަށް ތަދުވެ އުނދަގޫވޭ،" ދަތި ގޮތަކަށް ވާތު ފައި މައްޗަށް އިށީނދެގެން އިން ހަނާ، އޭނާގެ ހާލު ބަޔާން ކުރަން ފެށި ގޮތަށް ލޮލުން އޮހޮރެން ފެށި ކަރުނަ ތައް ދިރުވާލަމުން ކިޔައިދިނެވެ.


ހަނާ: އޭނާ އަށް ދިމާވެފައިވާ ބައްޔަކީ މަދުން ނޫނީ ނުފެންނަ ބައްޔެއް
އޭނާ އަކީ ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ނާރުތައް ހަލާކުވެ، ކުއްލި ކުއްލިއަށް، ކައިރި ކައިރީގައި ގުނަވަންތަކުން އާދަޔާ ހިލާފަށް ގިނައިން، އޮހޮރޭ ގޮތަށް ލޭ އައުމުގެ މައްސަލަ ހުންނަ ކުއްޖެކެވެ. އެކަމަކު، އަސްލު ސަބަބު އަދި ހޯދިފައި ނުވާ އެ ބަލީގައި އޭނާ ތަހައްމަލުކުރަނީ ހަމަ އެކަނި ލޭ އައުމުގެ މައްސަލައެއް ނޫނެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުންނަ ނާރުތައް ދުޅަވެ، ތަދު ހުންނަ ގޮތަށް އުފުލުމާއި، ކުއްލި ކުއްލިއަށް މަސްގަނޑަށް ލޭ އަރާފައި އެ ލޭ، އެތެރޭގައި ހުރެ ނުބައިވެ، މަސްގަނޑު ހަލާކުވުމުގެ މައްސަލަ ދިމާވުމާއި ކުޑަކަމުދާ ތަކެއްޗާއި ހޮޑުގެ ގޮތުގައި ލޭ ލުން ފަދަ ނުރައްކާތެރި އެތައް ކަމަކާ ކޮންމެ ދުވަހަކު އޭނާ ކުރިމަތިލަ އެވެ.
ހަނާ އަކީ ބޮޑުވަމުން އައި އިރު، ދޭތެރެއަކުން ބަނޑުގައި ރިއްސުން ފިޔަވައި އިތުރު ބައްޔެއް ހުރި ކުއްޖެއް ނޫނެވެ. އުމުރުން އެގާރަ ވަރަކަށް އަހަރުގައި ނޭފަތުން ކުޑަކޮށް ލޭ އަންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ކެއި ފަހުން އެކަހަލަ ކަމެއްގެ އަސަރެއް ނުހުރެ އެވެ. ކުއްލިއަކަށް ބަލިވީ ގުރޭޑު ދިހައެއް ނިންމިތާ ކުޑަ ދުވަސްކޮޅެއް ފަހުން 17 އަހަރުގަ އެވެ.
"ފުރަތަމަ ދިމާވީ ކުޑަކަމުދިއުމުގެ މައްސަލަ އެއް. އެއް ގޮތަކަށް ވެސް ހީސް ނުލެވެން ފެށީ. ވަރަށް ގިނަ ދުވަހު އެއް ގޮތަކަށް ވެސް ހީސް ނުލެވި ހުރެފަ، ޑޮކްޓަރުން ހޮޅި ލައްވަން އިރުޝާދު ދީފައި ހުއްޓައި ކުޑަކަމުދެވެން ފެށުނީ. އެކަމަކު ހީސް ގޮަތަކަށް ނޫން، ހީވަނީ ހަމަ ލޭ ހެން، އެވަރަށް ރަތް. އެފަހުން މުޅިން ވެސް ހީސް ލާއިރު އަންނަނީ ލޭ،" ހަނާ ބުންޏެވެ.
ހާލަތު އިތުރަށް ގޯސް ވާން ފެށީ ނޭފަތުން ލޭ އަންނަން ފެށި ހިސާބުންނެވެ. ކޮންމެ ކޮންމެ ދުވަހަކު ނޭފަތުން ހޯސް ލާފައި އަންނަ ލޭ ފެނުމުން، ބަލީގައި އަޅަމުން ދިޔަ ވޭނާ އެއްވަރަށް ބިރާއި ހާސްކަން ވަށާލި އެވެ.
"އެއް ފަހަރު ނޭފަތުން ލޭ އަންނަން ފެށި ގޮތަށް ލޭ އައުން ނުހުއްޓި، ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ހުރީ ހަތެއް ޕޮއިންޓު ލޭ،" ކަމަށް ހަނާ ބުންޏެވެ.
އެފަދަ ކޮންމެ ފަހަރަކު އޭނާގެ ނޭފަތް ބައްދާލަ އެވެ.
ހާނާ ބުނީ، ނޭފަތުގެ ނާރުތައް އަންދައިގެން ލޭ މަނާ ވޭތޯ ވެސް އެކި ފަހަރު މަތިން ޑޮކްޓަރުން މަސައްކަތް ކުރި ކަމަށެވެ. އެންމެ ފަހުން އިންޑިއާ އަށް ބޭހަށް ދިޔަ ފަހަރު ވެސް ނޭފަތުގެ އެތެރެއަށް ޕްލާސްޓިކް އެއްޗެއް ލައްވައިގެން އެއްވެސް ގޮތަކަށް ނޭފަތުން ނޭވާ ނުހިނގާ ގޮތަށް ބަންދުކޮށް ޓޭޕު އަޅާފައި މަހެއް ވަންދެން ބެހެއްޓި ކަމަށް ބުންޏެވެ. އެކަމަކު އޭގެ އެއްވެސް ކަމަކުން ހައްލަކަށް ވާ ކަހަލަ ނަތީޖާ އެއް ނުލިބުނެވެ.
"އެއް މަސް ކޮށްފައި ޓޭޕު ގަނޑު ނައްޓާލި އިރު ކޯ ވެސް ވަރަށް ބޮޑަށް ހަލާކުވެފަ ހުރީ. އޭތި ނައްޓާލީ ނުކެވޭތީ. އެކަމަކު އަނގައިން ނޭވާލާން ޖެހޭތީ ނުނިދި، ފަހުން ފަހުން އައިސް އެއްގޮތަކަށް ވެސް ނުނިދެން ފެށީ،" ބައްޔާއެކު ނިދުން ގެއްލި ނަފްސާނީ ގޮތުން އަސަރުކުރަން ފެށި ގޮތް ހަނާ ކިޔައިދިނެވެ.

ހަނާ
ޒުވާން ދަރިފުޅު ވޭނުގައި ކަރުނަ އަޅާ މަންޒަރު ބަލަން ހުސްނާ އަށް ވެސް މިހާރު ކެތްވާ ވަރެއް ނޫނެވެ. ދަރިފުޅުގެ ބަލި ފަސޭހަކުރަން އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއް މިހާރު ވެސް ކޮށްފި އެވެ. ރުގްޔާ ވެސް ކުރި އެވެ. އެކަމަކު އެއްވެސް ކަމަކުން އަލި މަގެއް ނުފެންނާތީ އޭނާ މާޔޫސްވެ އެވެ. އަމުދުން، ދަރިފުޅުގެ މުސްތަގުބަލާ މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ކަރުނުން ލޯ ތެންމާލަ އެވެ.
ހަނާ އަކީ ހުސްނާ އަށް ލިބުނު ފަސް ކުދިންގެ ތެރެއިން ދެވަނަ އަށް އެންމެ ހަގު ދަރިފުޅެވެ. އެކަމަކު އެފަދަ ވޭނެއްގައި އުޅެމުން ވެސް ހަނާ ދައްކާ ހިތްވަރުން ހުސްނާ އަށް ވެސް ހިތްވަރު ލިބެ އެވެ. ދަރިފުޅުގެ ބައްޔަށް ކިރިޔާވެސް ޖަވާބެއް ލިބެންދެން ހަމަޖެހިލުމެއް ނެތި ފަރުވާ ހޯދުމުގައި ދެމި ހުންނަން އޭނާ ބޭނުންވެ އެވެ. އާންމުންގެ އެހީއަށް ހުސްނާ އެދެނީ އެކަން އެގޮތަށް ކުރުމަށް، އެހީ އަށް އެދުން ނޫން ގޮތެއް އޭނާ ނެތިގެންނެވެ.
ހަނާގެ ބަލީގެ އަސްލަކީ ކޮބައިކަމެއް އަދި ޔަގީނުން ބުންނަން ނޭނގޭ ތާނގައި ފަރުވާ އަކާ ހަމައަށް ކުރަން އޮތީ ކިހައި ވަރެއްގެ ދަތުރެއް ކަމެއް ހުސްނާ އަކަށް ވެސް އަދި އަންދާޒާކުރާކަށް ނޭނގެ އެވެ.
"ހަނާ އަކީ ހިތްވަރުގަދަ ކުއްޖެއް. އެހާ ވޭނުގައި އެވަރުގެ ކުއްޖަކު، ހަނާ އެ ކެތްކުރާ ވަރަށް ޝަކުވާއެއް ނެތި ކެތްކުރާ ތަން ފެންނާނީ މަދުން. އެކަމާ ހަމްދުކުރަން. ހަނާގެ ފަރުވާ އަށް ވަރަށް ރަނގަޅު ޑޮކްޓަރުންނަށް ދެއްކިއްޖެ. ދެރައީ ޑޮކްޓަރުންނަށް ވެސް ވަނީ ކީއްކަން ޔަގީން ނުވާތީ،" ހުސްނާ ބުންޏެވެ.
"ޑޮކްޓަރުން ވެސް އަދި ބަލި ދަސްކުރަނީ. ދޭންވީ ފަރުވާ ވެސް ކަނޑައަޅަނީ ދިޔައިމަ ބަލާފަ، އެމީހުން އެކުރާ ދިރާސާ އެއްގެ މައްޗަށް."
ހުސްނާ އާއި މުނާ، މިހާރު ދަނީ ހަނާ ގޮވައިގެން އަނެއްކާ ވެސް އިންޑިއާ އަށް ދާން ތައްޔާރުވަމުންނެވެ. ހަނާގެ ހަށިގަނޑު މާ ބޮޑަށް ދުޅަވެ ބޮޑުވެފައި ވާތީ އާއި، މަސްގަނޑަށް ލޭ އަރާ ތަންތަން އަމިއްލަ އަށް ފަޅައިގެން ދާތީ އެތަންތަނުގެ ބައޮޕްސީ ވެސް ހަދަން ރާއްޖޭގެ ޑޮކްޓަރުން އިރުޝާދު ދޭތީ، ހާލަތު މާ ބޮޑަށް ސީރިއަސް ވުމުގެ ކުރިން އަނެއްކާ ވެސް ބޭރުން ހައްލެއް ފެނޭތޯ ދާން، އެ ދެމައިން ދަނީ ތައްޔާރުވަމުންނެވެ. އެކަމަކު އަތްމަތި ދަތިކަމާއެކު ކުރިއަށް އޮތް ދަތުރުގެ ކަންކަން އާސަންދައިން އެކަނި ފަރު ނުޖެހޭނެތީ އެ ދެމައިންނާއި ހަނާ ވަނީ އާންމުންގެ އެހީ އަށް ވެސް އެދިފަ އެވެ.
މި ވަގުތު ހަނާގެ ބައްޔާ ވިދިގެން ހޯދޭނެ މާބޮޑު ފަރުވާ އެއް ނެތެވެ. ކަނީ އެންމެ ބޭހެކެވެ. ލޭގައި ބައެއް ފަހަރު އަޔަން އެއްގޮތަކަށް ވެސް ނުހުރެ، އަނެއްބައި ފަހަރު އަޔަން ވަރަށް ބޮޑަށް ދަށް ވާތީ ދޭތެރެއަކުން ބޭރުން އައިވީ ގެނެސްގެން އަޔަން އަޅަ އެވެ.
"ވަރަށް ދެރަވޭ ރަނގަޅު ނުވާތީ. އެކަމަކު މި ފަހުން ފަހުން އައިސް ލޭ އަންނަ އިރު ކުޑަ ގެޕެއް އާދޭ. މިހާރު ލޭ އަންނަނީ ދެ ދުވަހުން އެއް ދުވަހު. އެހެންވާތީ ވެސް ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.
ހަނާ ބުނީ، މުޅިން ރަނގަޅު ވާނެ ދުވަހެއްގެ އިންތިޒާރު އަބަދު ވެސް ކުރާ ކަމަށެވެ. އެދެނީ، އަލުން އާ ދުޅަހެޔޮ ހަޔާތަކަށް އޭނާ ކުރާ ދަތުރުގައި ވެވުނު މިންވަރަކުން އެހީތެރިވެދީ ދުއާ ކޮށްދިނުމަށެވެ.
titledesc










