ގަތަރުގެ ދޯހާގައި މިއަދު ފަށާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް މަސައްކަތް ކޮށްގެން ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށް ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ނީޝަމް ނާސިރު ބުނެފި އެވެ.
ކޮލިފައިން ގްރޫޕް އެކެއްގައި ރާއްޖެ އާއި ގަތަރުގެ އިތުރުން ދެން ވާދަކުރާ ތިން ގައުމަކީ ބަހްރޭނާއި ސައުދީ އަރަބިއްޔާ އަދި ކުވޭތެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ސައުދީ އަރަބިއްޔާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި މާދަމާ ގަތަރާ ބައްދަލުކުރާނެ އެވެ. ތިން ވަަނަ މެޗުގައި މި މަހު 27 ވަނަ ދުވަހު ބަހްރޭނާ ބައްދަލުކުރުމަށް ފަހު އޭގެ ޖެހިގެން އަންނަ ދުވަހު ފަހު މެޗުގައި ކުވޭތާ ބައްދަލުކުރާނެ އެވެ. ވޯލްޑް ކަޕަށް ކޮލިފައިވާނީ މި ގްރޫޕުން އެންމެ ކުރި ހޯދާ ޓީމެކެވެ.
ގަތަރުގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ނީޝަމް ބުނީ މިއީ ކޮވިޑް-19ގެ ހާލަތަށް ފަހު ގައުމީ ޓީމުން ވާދަކުރާ ފުރަތަމަ މުބާރާތް ކަމަށްވާއިރު، މި މުބާރާތަށް ތައްޔާރުވާން ވަރަށް ގިނަ އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެ ގޮތުން ކޮވިޑްގެ ލޮކްޑައުން ތެރޭގައި އޮންލައިންކޮށް ހަފްތާ އަކު ތިން ދުވަހު ފިޓްނަސް އަށް ސަމާލުކަން ދޭން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުނު ކަމަށާއި އިންޑޯ ކްރިކެޓް ހޯލް ބޭނުންކުރުމުގެ ހުއްދަ ލިބުމާ ހަމައަށް އެ ގޮތަށް ކުރިއަށް ދެވުނު ކަމަށް ނީޝަމް ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު، އިންޑޯގައި ފިޓްނަސް އަށް ސަމާލުކަން ދީގެން އިތުރަށް މަސައްކަތް ކުރަނިކޮށް މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އަނެއްކާ ވެސް ޓްރެއިނިންތައް ހުއްޓާލަން ޖެހުން އެއީ ދިމާވި ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ނީޝަމް ބުނެފައިވެ އެވެ/
"މި ހުރިހާ އުނދަގޫތަކެއްގެ ތެރެއިން ވެސް މި ދިޔަ ޖުލައި 21 ވަނަ ދުވަހު ފީލްޑަށް ނުކުމެ ޕްރެކްޓިސް ކޮށްލަން ފެށެންދެން އޮންލައިންކޮށް ގެންދިޔަ ސެޝަންތަކުން ވެސް ކުޅުންތެރިންގެ ފަރާތުން އިމްޕްރޫވްމަންޓް ފެނުނު. ފީލްޑަށް ނުކުމެވުމާ އެކު ކުޅުންތެރިން މި ކަމަށް ބޭނުންވެފައި ހުރި މިންވަރު ފެނިގެންދިޔަ. އައިސޮލޭޝަނުގައި ތިބިއިރު ތަހައްމަލުކުރަން ޖެހުނު އެ އުނދަގުލުން އަަރައިގަނެ މުބާރާތަށް ތައްޔާރުވާން ކުޅުންތެރިން މަސައްކަތް ފެށީ ވަރަށް ޖޯޝުގައި،" ނީޝަމް ބުންޏެވެ.
"އަހަރެމެންގެ އެންމެ ބޮޑު އުއްމީދަކީ (ޓީ20 ކޮލިފައިންގެ) މެޗުތަކުން މޮޅުވުން. ޓާގެޓަކީ އަންނަ އަހަރުގެ ޓީ20 ވޯލްޑް ކަޕަށް ކޮލިފައިވުން،"

ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް (ކ) ކޯޗު ނީޝަމް އަށް ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި މިދިޔަ 18 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޓީމުގެ ކޯޗު ނީޝަމް އާއި އެސިސްޓަންޓް ކޯޗު އިސްމާއިލް ނިހާދު ކުރި ރަނގަޅު މަސައްކަތް ފާހަގަކޮށް އެ ހިދުމަތްތަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ނީޝަމް ބުނީ ކްރިކެޓްގެ މުޅި ގޭމް ޑިވެލޮޕްކުރެވޭނެ އެކި އެކި ގޮތްގޮތާ މެދު ވިސްނައި ޕްލޭނެއްގެ ތެރެއިން ކުޅުންތެރިން ރަނގަޅުކުރަން ޖިމް ސެޝަންތައް ވެސް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި ކުޅުންތެރިންގެ ފިޒިކަލް ކަންކަމާއި ސްޕީޑަށް މަސައްކަތްކުރިއިރު، ޓެކްނިކަލް އަދި ޓެކްޓިކަލް ޕްލޭނަށް ވެސް މި މުބާރާތަށް ތައްޔާރުވުމުގެ ތެރޭގައި ހާއްސަ އަހައްމިއްޔަތުކަމެއް ދިން ކަމަށެވެ.
ކޮވިޑްގެ ހާލަތުގެ ސަބަބުން ސްރީ ލަންކާ ނޫނީ އިންޑިއާ އަށް ގޮސް ޓާފް ވިކެޓްގައި ޕްރެކްޓިސް މެޗުތަކެއް ކުޅެލަން ކްރިކްޓް ޓީމަށް ފުރުސަތެއް ނުލިބުނެވެ. އެކަމަކު، އެ ކަންކަމަށް ނުބަލައި މާލޭ ސިންތެޓިކް ވިކެޓްގައި ގައުމީ ކްރިކެޓް ޓީމުން ވަނީ މާލޭގެ އެކި ޓީމުތަކާ އެކީ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން ސްރީ ލަންކާ ޓީމުތަކާ ގިނަ މެޗުތަކެއް ކުޅެފައިވެ އެވެ.
ގައުމީ ކްރިކެޓް ޓީމުން އެންމެ ފަހުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، ފެނުނު އެންމެ އުއްމީދީ މަންޒަރަކީ ޓީމުގައި އަރަަމުން އައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ތިބުމެވެ. ނީޝަމް ބުނީ ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ފަރާތުން މި ފަަހަރުގެ މުބާރާތުގައި "ތަފާތެއް" ފެންނާނެ ކަމުގެ އުއްމީދުގައި އެބައޮތް ކަމަށެވެ.
ގައުމީ ކްރިކެޓް ޓީމަށް ވަނީ ކުޅިވަރުގެ ދާއިރާ އިން ޕީއެޗްޑީ ނަންގަވާފައިވާ އަދި ކާމިޔާބު އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން)ގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެއީ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށްޓަަކަ އެވެ.












