ރިޕޯޓުއޭޑީއެޗްޑީ: ހިތްދަތި ހަޔާތެއްގެ ތެރެއިން ހިތްވަރުގެ ވާހަކައެއް

އޭޑީއެޗްޑީ: ހިތްދަތި ހަޔާތެއްގެ ތެރެއިން ހިތްވަރުގެ ވާހަކައެއް

"ވަރަށް ދެރަވި. އަސްލު އެއްވެސް ވަރަކަށް ވިސްނާލާކަށްވެސް ނޭގުނު މިއީ ކިހިނެއް ވާ ކަމެއްކަން ވެސް. އަނެއްކާ އާންމު އެހެން ކުދިންނާ އެހާ ތަފާތުވެފައި އަޅުގަނޑުގެ އުފަން ދަރިއެއް ނޫންވީމަ ހިތަށް އެރީ އަޅުގަނޑަށް މި ދަރިފުޅު ބެލޭނެބާއޭ ވެސް،"

އޭޑީއެޗްޑީ: ހިތްދަތި ހަޔާތެއްގެ ތެރެއިން ހިތްވަރުގެ ވާހަކައެއް

އަޒީނަތު އަބްދުﷲ ގެ ފުރަތަމަ ކައިވެނި ރޫޅުމާ އެކު އޭނާ ދެ ވަނަ ކައިވެންޏެއް ކުރި އެވެ. މި ފަހަރު އިން މީހާގެ ފުށުން ދޮންދަރިއެއް ލިބުނެވެ. ދޮންދަރިފުޅު އާނިޔަތާއި ފިރިމީހާގެ ބެލެނެވެރިކަމުގެ ދަށަށް އައީ އެ ދަރިފުޅަށް އުމުރުން ދެ އަހަރު ވާން ގާތް ވެފައިވަނިކޮށެވެ.

އެހިސާބުން ފެށިގެން ވެސް އެ ދަރިފުޅުގެ ހެދިބޮޑުވުމުގައި ތަފާތުތަކެއް ހުރިކަން އޭނާއަށް ފާހަގަވި އެވެ. ރަނގަޅަށް އަޑު އިވި އައި ކޮންޓެކްޓް ކުރި ނަމަވެސް ވާހަކަ ދެއްކުމުގެ ބަދަލުގައި ދަރިފުޅު އެހެން މީހުންނާ މުއާމަލާތު ކުރަން ފެށީ އިޝާރާތުންނެވެ. ފިރިމީހާ ހިމެނޭ ގޮތަށް އާއިލާގެ މެމްބަރުން ވިސްނައިދިނީ އެއީ ބައެއް ކުދިންނަށް ދިމާވާހެން ވާހަކަދެއްކުމުގައި ލަސްތަކެއް އުޅެނީ ކަމުގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމުންވެސް ލިބުނީ ހަމަ އެ ޖަވާބެވެ. ޕްރީސްކޫލްގައި އެއް އަހަރު ރިޕީޓް ކުރުމަށްފަހު ގްރޭޑް އެކަކަށް ބަދަލުވިއިރުވެސް ދަރިފުޅަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. ފެންނަން ފެށީ އިތުރު މައްސަލަތަކެވެ.

ދަރިފުޅުގެ ހާލާމެދު ކިތަންމެ ކަންބޮޑުވިޔަސް، އެހީއެއް ދޭނޭ ފަރާތެއް އަދި އެހީ ހޯދަން ދާންވީ ދިމާލެއްވެސް އަޒީނަތަށް އޭރަކު ނޭގުނެވެ.

"ގްރޭޑް އެކަކަށް ވައްދަން ބެލިއިރު އެނގުނީ ސެން ކްލާހަކީ ކޮބައިކަންވެސް. ދެން އެތަނުން ބުނެދިން ފުރަތަމަ ޑައިގްނޯޒް ކުރަންޖެހޭނެ ކަމާއި ކުއްޖާގެ ހުރީ ކޮންކަހަލަ އުނދަގުލެއް ކިހާ ވަރަކަށްކަން އެނގެން ޖެހޭނެ ކަން. އެހިސާބުން ދެން އަސްލު މިވަނީ ކިހިނެއްތޯ ބަލަން ފެށީ" އަޒީނަތު ކިޔައިދިނެވެ.

އެއަށްފަހު ކުރީގެ މިޕްސްޓާ އަށް ދަރިފުޅު ގެންގޮސް ހެދި ޓެސްޓްތަކުން ދަރިފުޅުގެ ކިބައިގައި އޭޑީއެޗްޑީ އާއި އޯޓިޒަމްގެ އަސަރުވެސް ހުރިކަން އެނގުނެވެ.

"ވަރަށް ދެރަވި. އަސްލު އެއްވެސް ވަރަކަށް ވިސްނާލާކަށްވެސް ނޭގުނު މިއީ ކިހިނެއް ވާ ކަމެއްކަން ވެސް. އަނެއްކާ އާންމު އެހެން ކުދިންނާ އެހާ ތަފާތުވެފައި އަޅުގަނޑުގެ އުފަން ދަރިއެއް ނޫންވީމަ ހިތަށް އެރީ އަޅުގަނޑަށް މި ދަރިފުޅު ބެލޭނެބާއޭ ވެސް. އެކަމަކު ޑައިގްނޯޒްވި ހިސާބުން އަޒުމު ކަނޑައެޅިން މިއީ ކޯއްޗެއްކަން ރަނގަޅަށް ދަސްކޮށްގެންވިޔަސް މިކަން ކުރަން،" އަޒީނަތު ބުންޏެވެ.

އެއީ މީގެ ފަސް އަހަރު ކުރިން އޭޑީއެޗްޑީ އަށް ދަރިފުޅު ޑައިގްނޯޒް ކުރިއިރު ކުރެވުނު އިހުސާސްތަކެވެ. މިއަދު އެ އުއްމީދުތައް އޭނާ ހަގީގަތަކަށް ހަދައިފި އެވެ. އަމިއްލަ ބަނޑުން އުފަންނުވިޔަސް އެ ދަރިފުޅަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ސާބިތުކޮށްފި އެވެ.

އަޒީނަތުގެ ދަރިފުޅާއެކު މުހިއްޔުއްދީންގެ ސެން ކްލާހުގައި އޭރު މުޅިންވެސް ތިބީ އޭޑީއެޗްޑީ، އޯޓިޒަމް އަދި ޑައުންސިންޑްރޯމް ފަދަ ކަންކަން ތަހައްމަލުކުރަމުންދިޔަ ކުދިންނެވެ. އެއާއެކު އެކަންކަމާ ބެހޭގޮތުން ޓީޗަރުންގެ ފަރާތުންނާއި އަމިއްލަ އަށް އިސްވެ އެކިއެކި ވޯކްޝޮޕްތަކުން މައުލޫމާތު ހޯދާ ދެނެގެތުމަށް ބެލެނިވެރިން އެކި ގޮތްގޮތުން މަސައްކަތް ކުރި އެވެ.

"ވަރަށް ދަތިކަމަކަށްވީ. ހާއްސަކޮށް ވިލިމާލެއިން މި ކުދިންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީމަ ހިތަށް އެރީ ކުދިންގެ ހައްގުގައި ދެން ނުކުންނާނީ އޭ. އެކަމަކު ޕޭރެންޓް ސަޕޯޓް ގްރޫޕެއްވީމަ އެއްވެސް ކަހަލަ ހައިސިއްޔަތެއް ނޯވޭ. އެއްވެސް ކަމެއް ކޮށްދޭނެ ބަޔަކުވެސް ނުވި. އެހެންވެ ގާނޫނީ ހައިސިއްޔަތެއްވެސް ހޯދާށާ އެކީ އެންޖީއޯއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ" އަޒީނަތު އިސްވެ އެހެން ބައިވެރިންނާ އެކީ އުފެއްދި "ވިލަވްސް" ޖަމިއްޔާއާ ބެހޭގޮތުން އޭނާ ބުންޏެވެ.

މިއަދު އޭނާގެ ދަރިފުޅަށް 13 އަހަރު ފުރިއްޖެ އެވެ. އިތުރު ދެކުދިން ލިބި ޒިންމާތައް ގިނަވެއްޖެ އެވެ. އެކަމަކު މި ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ކިރިޔާވެސް މަދުވިޔަކަ ނުދެ އެވެ. އަދިވެސް ކަންކަން ހަނދާން ކުރުމަކީ ދަރިފުޅަށް ވަރަށް އުނދަގޫ ކަމެކެވެ. ސަމާލުކަން ދިނުމާއި، އެހެންމީހުންނާ މުއާމަލާތު ކުރުމުގައިވެސް ބޮޑުތަނުން ތަފާތެވެ. އެކަމަކު ޓީޗަރުންގެ ހިތްވަރާވެސް އެކީ ކުދިކުދި ބަސްތައް އެކަނި ލިޔެވޭ ވަރު ވެ އެވެ.

އޭޑީއެޗްޑީ އަކީ ކޮބާ؟

އޮކްޓޯބަރު މަހު މުޅި ދުނިޔޭގައި ވެސް އެކަމަކަށް ހޭލުންތެރިކުރާ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) އަކީ ނިއުރޮލޮޖިކަލް ޑިސްއޯޑާ އެކެވެ. ލައިސެންސްޑް ސައިކޯލޮޖިކަލް އެސޯސިއޭޓެއް ކަމުގައިވާ ޝަޒީނާ އަހުމަދު ނަސީމް ވިދާޅުވިގޮތުގައި މިއީ ސަމާލުކަން ކުޑަވުމާއި މަޑުމަޑުން ހުންނަން އުނދަގޫވުމެވެ. މި ބަލީގެ ތިން ބާވަތެއް ހިމެނެ އެވެ. އެއީ ހަމައެކަނި ސަމާލުކަންދޭން އުނދަގޫވުމާއި، ހަމައެކަނި މަޑުމަޑުން ނީދެވުމާ އަދި މި ދެބައި އެކުގައި ހުންނަ ކުދިންނެވެ.

އޭޑީއެޗްޑީ މި ދިމާވަނީ ކީއްވެގެންކަމެއް އަދި މިހާތަނަށް ހޯދިފަ އެއް ނުވެ އެވެ. ޝަޒީނާ ވިދާޅުވިގޮތުގައި އޭޑީއެޗްޑީ ހުންނަނަމަ ސިކުނޑިން އެހެން ހިއްސުތަކަށް މެސެޖު ފޮނުވާ ނާރުތަކުގައި ހުސް ޖާގަ ތަކެއް ހުރެ އެވެ. އަދި މި ޖާގަތަކުގެ ސަބަބުން ބައެއް މެސެޖުތައް ފޯރުކޮށްދެވެންޖެހޭ ހިސާބަށް ފޯރުކޮށްނުދެވި އެހެން މެސެޖެއް އަނެއްކާވެސް ފޯރުކޮށްދެވެ އެވެ. އެއާއެކު ބޭރުފުށުން މި ފެންނަނީ އެއްވެސް ވަރަކަށް ސަމާލުކަން ދެމިނުހުރެ އެއްކަމަކުން އަނެއްކަމަކަށް ކުއްޖާގެ ސަމާލުކަން ބަދަލުވަމުންދާތަނެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު މުޅީ އާބާދީގެ އަށް އިންސައްތަ ކުޑަކުދިންނަކީ އޭޑީއެޗްޑީ ތަހައްމަލު ކުރާ ކުދިންނެވެ.

އޭޑީއެޗްޑީ ދެނެގަންނާނީ ކިހިނެއް؟

އޭޑީއެޗްޑީ ތަހައްމަލުކުރުމުން ދުރުކޮށްދޭނޭ ކަމެއް އަދި މި ކަމަށް ދޭނޭ ފަރުވާއެއްވެސް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް އެކަށީގެންވާ ބޭސްފަރުވާއާއެކީ މި ބަލީގެ އަލާމާތްތައް ކުޑަކުރެވިދާނެ ކަން ޝަޒީނާ ފާހަގަކުރެއްވި އެވެ. މިގޮތުން އެންމެ މުހިންމީ ބަލި ކުރީ ބައިގައި ދެނެގަތުމެވެ.

އޭޑީއެޗްޑީގެ އާންމު ބައެއް އަލާމާތްތަކުގެ ތެރޭގައި

  • ސަމާލުކަން ކުޑަވުން
  • މަޑުމަޑުން ހުންނަން އުނދަގޫވުން
  • އެއް ކަމެއްގައި ގިނަ ވަގުތު ހޭދަކުރަން އުނދަގޫވުން
  • އަތް ފައި މަޑުން ބަހައްޓަން އުނދަގޫވުން
  • އެކި ކަންކަމުގައި ކެތް މަދުވުން
  • ސުވާލުކޮށް ނުނިމެނީސް ޖަވާބުދޭން މަސައްކަތްކުރުން
  • ވާހަކަ އަވަސްވެފައި ގިނަވުން
  • ކުއްލިއަކަށް ނުވިސްނައިހުރެ ކަންކަން ކޮށްލުން
  • ކަންކަން ހަނދާން ނުހުރުން
  • ވިސްނައިގެން ކުރަންޖެހޭ ކަންކަމާއި ދުރުހެލިވުން
  • ރުޅި ގަދަވުން

ޝަޒީނާ ވިދާޅުވާ ގޮތުގައި އޭޑީއެޗްޑީ ހުންނަ ކޮންމެ ކުއްޖެއްގެ ކިބައިގައި މި ހުރިހާ އަލާމާތެއް ނުހުރެދާނެ އެވެ. އަދި ބައެއް ކުދިންނަކީ މިޒާޖުގެ ގޮތުންވެސް ތަންކޮޅެއް ހަލަނި ކުދިންނަށް ވެދާނެ އެވެ. ސައިކޮލޮޖިސްޓުންނަށް ކުއްޖަކު އޭޑީއެޗްޑީއަށް ޑައިގްނޯޒް ކުރެވެނީ އުމުރުން ހަތަރު އަހަރު ފުރުމުންނެވެ.

"އޭޑީއެޗްޑީ ޑައިގްނޯޒްކުރާއިރު ވެސް ހަތަރު އަހަރުން މަތީ ހަލަނިކޮށް އުޅޭ ކޮންމެ ކުއްޖަކީ އަދި ކޮންމެހެން އޭޑީއެޗްޑީ ހުންނަ ކުއްޖެއް ނޫން. ބައެއް އަލާމާތްތައް ހުއްޓަސް، ވަކި ވަރަކަށްވުރެ ބޮޑަށް ކުއްޖާގެ ކިބައިގައި ވަކި ކަންކަމެއް ހުރެގެން ޑައިގްނޯޒްކުރެވޭނީ. އެހެންވީމަ ވީ އެންމެ އަވަހަށް އާލީ އިންޓަވެންޝަން ޕްރޮގްރާމެއްގައި ބައިވެރިކޮށްގެން ގިނަ ފަހަރު ކުދިންގެ މިކަންކަން ވަރަށް ބޮޑަށް އެބަ ރަނގަޅު ކުރެވޭ،" 18 އަހަރުގެ ތަޖުރިބާއާ އެކު ޝަޒީނާ ވިދާޅުވި އެވެ.

ބެލެނިވެރިންނާ ދަރިޗަރުންތަކެއް އެކުގައި--
ބެލެނިވެރިންނާ ދަރިޗަރުންތަކެއް އެކުގައި--

ބެލެނިވެރިންނާ ދަރިޗަރުންތަކެއް އެކުގައި--

ތައުލީމީ ނިޒާމުގެ ތެރެއިން އޭޑީއެޗްޑީ

އޭޑީއެޗްޑީ ހުންނަ ކުދިން އެންމެ ގިނައިން ލޭބަލް ކުރެވެނީ "ބަސްނާހާ" ކުދިންގެ ގޮތުގަ އެވެ. ކްލާހުގައި ކިޔަވަން އިންނައިރުވެސް ޓީޗަރަށާއި ފޮތަށް ދޭންޖެހޭ ސަމާލުކަން ދިނުމަކީ މި ކުދިންނަށް އުނދަގޫ ކަމެކެވެ. އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރު ޝަތުރަތު ޝާކިރު ވިދާޅުވި ގޮތުގައި އޭޑީއެޗްޑީ ހުންނަ ކުދިންގެ ހަށިގަނޑުގައި އެހެން ކުދިންނާ ތަފާތުކޮށް އިތުރަށް ހަކަތަ އުފައްދަ އެވެ. އަދި މި ހަކަތަ ބޭރުނުވާނަމަ އެ ކުދިންނަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. ގިނަ ތަޖުރިބާ ކާރުން ބުނާގޮތުން ކުއްޖާ އުމުރުން ދޮށިވާ ވަރަކަށް މިހަކަތައިގެ ސަބަބުން އެ ހުންނަ ހަލަނިކަން މަޑުމަޑުން ރަނގަޅުވެސްވެ އެވެ.

"ތަންތަނަށް އަރާ ފުންމާ މަޑުމަޑުން ނީދެވިގެން އަސްލު ގިނަ ފަހަރު މިއުޅެނީ މި ހަކަތަ ބޭރުނުކުރެވިގެން. އެހެންވީމަ ކުއްޖާ އަށް ހަރަކާތްތެރިވެ އުޅެވޭ ކަހަލަ އެކްސަސައިޒްތަކެއް ފޯރުކޮށްދެވުނީމާ ސަމާލުކަންދީ އެ ބޭނުންވާ ޓާގެޓްތަކަށް ރީޗް ވާން ފަސޭހަވޭ،" ޝަތުރަތު ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލްގައި މިހާރުވެސް އެކި ކަހަލަ ހާއްސަ އެހީތަކަށް ބޭނުންވާ 200 އެއްހާ ކުދިން ތިބިއިރު، މީގެތެރެއިން ގާތްގަނޑަކަށް 30 އިންސައްތައަކީ އޭޑީއެޗްޑީ ތަހައްމަލު ކުރާ ކުދިންކަމަށް ޝަތުރަތު ވިދާޅުވި އެވެ. އަދި އޭގެތެރެއިން 99 އިންސައްތަ ކުދިންނަކީ އެކުދިންގެ އުމުރާ ގުޅޭހެން ކްލާސްރޫމްތަކުގައި ކިޔަވާ ކުދިންނެވެ.

ޅަފަތުގައި ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިއްޖެނަމަ ކުދިންގެ ގުޅުމަށް އަންނަ ހެޔޮ ބަދަލު ޝަތުރަތުވެސް ފާހަގަކުރެއްވި އެވެ. އޭޑީއެޗްޑީ ކުދިންގެ ތެރޭގައި "ހައިލީ އިންޓެލިޖެންޓް" ކުދިން ގިނައިރު، ކިޔެވުމުގެ އުނދަގޫތައް ހުންނަ ކުދިންގެ އަދަދު ނިސްބަތުން މަދުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ އެކުވި ތައުލީމުގެ ތެރެއިން ކޮންމެ ކުއްޖަކީވެސް ބާރުވެރި ކުއްޖަކަށް ހެދުމުގެ އަމާޒުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ނަމުގައި ހާއްސަ ޑިޕާޓްމަންޓެއް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރުގައި ތައާރަފްކޮށްފަ އެވެ. އަދި މިހާރު ކުޅުދުއްފުއްޓާއި ފުވައްމުލަކުގައިވެސް އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓެއް ވަނީ ގާއިމްކުރެވިފަ އެވެ.

މި ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖެއްވެސް ދެނެގަނެ، ކުއްޖާގެ އެސެސްމަންޓް ހެދި އެ ކުއްޖެއްގެ ލެވެލްއިން އަމިއްލަ އެޑިއުކޭޝަން ޕްލޭނެއް ހެދިފައި އޮންނަން ޖެހެ އެވެ. އެހެންނަމަވެސް ނުކުޅެދުންތެރިކަމާއި އެކުވެސް އެކުއްޖެއްގެ ގްރޭޑް ލެވެލްގައި ކިޔެވޭނަމަ އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ޝަތުރަތު ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލްގައި އޭޑީއެޗްޑީ ހުންނަ ކުދިންނަށް ހާއްސަކޮށް ގެންގުޅޭ ބައެއް އުސޫލުތައްވެސް ޝަތުރަތު އޮޅުން ފިލުވައިދެއްވި އެވެ. މިގޮތުން ކޮންމެ ކުއްޖަކަށްވެސް ތައުލީމީ ގޮތުން ހާސިލްކުރަން ބޭނުންވާ ޓާގެޓްތްކާއި ބިހޭވިއާގެ ތެރެއިން ހާސިލް ކުރަން ބޭނުންވާ ކަންކަންވެސް ފާހަގަކުރެވި ފަހަރަކު ކަމަކަށް އިސްކަންދީގެން އެކަންކަން ހާސިލްކުރުމަށް ބެލެނިވެރިންނާ ޓީޗަރުން ގުޅިގެން މަސައްކަތް ކުރެ އެވެ.

އަދި ކްލާސްރޫމު ތެރެއިންވެސް ކުދިންނަށް ބްރޭކް އިތުރުކޮށް ތެދުވެލާ ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ދިނުމާ، ކްލާހުގެ އެހެން ކުދިންނާ އޮންނަ ގުޅުން ވަރުގަދަކުރުމާ، އަދި ވަކި ގަޑިތަކަކަށް ޝެޑިއުލްކޮށްގެން "ޑްރީމް ކްލާހަށް" ގެންދިއުން ފަދަ ކަންކަން ކުރެވެ އެވެ.

ޑްރީމް ކްލާހަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް އެކުދިންގެ އެކި ބޭނުންތަކަށް ހާއްސަ ރިސޯސްތަކާއި އެކީ ތައްޔާރުކުރެވިފައިވާ ކްލާހެކެވެ. މި ހުރިހާ ހަރަކާތްތަކެއްގެވެސް ބޭނުމަކީ ކުދިންގެ ކިބައިގައި ހުންނަ ހަކަތަ ދުއްވާލާ ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ހިތްވަރު ދިނުމެވެ.

"ބައެއް ކުދިން މިސާލަކަށް ބޭނުންވެދާނެ ލައިންގެ އެންމެ ކުރީގައި އަބަދުވެސް ހުންނަން. ނޫނީ ސުވާލުކުރީމާ އެންމެ ފުރަތަމަ ޖަވާބުދޭން. މިފަދަ ކަންކަމަށް ބިހޭވިއަރަލް ސަޕޯޓް ނުލިބެންޏާ ވަރަށް ގިނަ ކުދިންނަށް ބޮޓްލްއަޕް ކޮށް ހާލަތު އިތުރަށް ގޯސްވެސް ވޭ"

ތަފާތުތަކާއި އެކީވެސް ބަލައިގަނޭ!

އޭޑީއެޗްޑީއާ އޯޓިޒަމް ހުންނަ އެހެން ކުއްޖެއްގެ މަންމަ ކަމުގައިވާ ނުހާ އަލީ (އަސްލު ނަމެއް ނޫން) ބުނިގޮތުގައި ދަރިފުޅުގެ ހުރިހާ ކަމަކަށްވުރެ ވެސް އޭނާއަށް އެންމެ އުނދަގުލީ މީހުންގެ އިހާނެތި ބަސްތައް އަޑުއަހަން ޖެހުމެވެ. ބޭރުފުށުން ފެންނަން ހުރި އުނިކަމެއްނަމަ ހަމްދަރުދީވެ އޯގާތެރިވިޔަސް، ލޮލަށް ނުފެންނަ މި ބަލިކަމަކީވެސް ކުއްޖާއަށް ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާނޭ ކަމެއްގެ ގޮތުގައި ނުހާ ބުންޏެވެ.

"ދަރިފުޅު ރުޅިގަދަވިޔަސް ބުނެވެނީ އެއީ އަޅުގަނޑު ދަރިފުޅު ބަލާ ގޮތުން އުޅޭ ގޮތޭ. ބޭނުން ވެއްޖިއްޔާ (ދަރިފުޅު) ކޮޓަރިވެސް ވަރަށް ރީތިކޮށް ތަރުތީބުކޮށްލާނެ. އެކަމަކު އަނެއްބައި ފަހަރު ހަމަ ހުރިހާ އެއްޗެއް އެތަން މިތަނަށް އުކާލާނެ. އެކަމަކު އެކަހަލަ ކަންކަމާއި ވެސް އާއިލާ މީހުން އައިސް ވަރަށް އެއްޗެހި ބުނޭ،" ހަތަރު ކުދިންގެ މަންމަ ނުހާ ބުންޏެވެ.

ހަމައެކަނި ގޭތެރެ އެއް ނޫނެވެ. ބޭރުތެރެއަށް ކުދިން ގޮވައިގެން ގޮސް އުޅުމުގެ ތެރޭގައިވެސް ކުދި ކުދި ކަންކަމާއި ވަރަށް ބޮޑަށް ރުޅިގަދަވެ ނިކަން ގަދައަށް ރުއިމަކީ މި ކުދިންގެ ފަރާތުން ފެނިދާނެ ކަމެކެވެ. ނަމަވެސް މި ހާލަތުގައިވެސް ގިނައީ ދުރުގައި އެ މަންޒަރު ބަލަން ތިބޭވޭ މީހުންނެވެ. ނުވަތަ މައިންބަފައިން ގޯސްކުރެވި އެއްޗެހި ގޮވޭ މީހުންނެވެ. ޝަޒީނާ ވިދާޅުވީ މިފަދަ ޓެމްޕާ ޓެންޓްރަމްސްއަކީ ކުދިން މައިންބަފައިންގެ ކެތްތެރިކަން ކޮޅުންލާތޯ ހަމަ ކުރާ ޓެސްޓެއް ކަމަށެވެ. ދެރަވިއަސް މިފަދަ ހާލަތްތަކުގައި ދަރިފުޅު ބުނާގޮތަށް ކަންތައް ކުރެވޭނަމަ އޭގެ ނޭދެވޭ އަސަރު ފަހުން ކޮށްފާނެ އެވެ.

މީގެއިތުރުންވެސް އޭޑީއެޗްޑީ ހުންނަނަމަ ސްކްރީން ޓައިމް އަކީ ވަރަށް ބޮޑަށް ލިމިޓް ކުރަންޖެހޭ ކަމެކެވެ. ދިރާސާތަކުން އެނގޭގޮތުގައި، ދުވާލަކު ދެގަޑިއިރަށްވުރެ ގިނަ ވަގުތު ސްކްރީންޓައިމްގެ ގޮތުގައި ދެވޭނަމަ ސަމާލުކަން ދަށްވުމާއި، ހައިޕާ ވުން ފަދަ މައްސަލައެއް ދިމާވުމުގެ ފުރުސަތު އެންމެ ބައިގަޑިއިރު ސްކްރީނުތަކަށް ބަލާ މީހުންނާ އަޅާބަލާއިރު ހަތް ގުނަ އިތުރުވެ އެވެ. އަދި މީގެ ސަބަބުން ނިދުމަށް ވެސް ސީދާ އަސަރުކުރެ އެވެ. ރަނގަޅަށް ނުނިދުމަކީ މަޑުން ހުންނަންވެސް އުނދަގޫވާނެ ކަމެކެވެ.

އެއާއެކު މިފަދަ މައްސަލަތައް ހުންނަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މައިންބަފައިންނާ އެކީގައި ކޮލިޓީ ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަ ކުރުން މުހިންމުކަމަށް ޝަޒީނާ ވިދާޅުވި އެވެ. މިގޮތުން މަދުވެގެން ދުވާލެއްގެ ތިރީސް މިނިޓު ދަރިފުޅާއި އެކުގައި އޭނާ ޝައުގުވެރިވާ ކަމެއް ކޮށްލުމުގައި ހޭދަކުރެވިދާނެ އެވެ.

ހަމައެޔާއެކު ކުދިންގެ ސިކުނޑި ތަރައްގީ ކުރުމަށްޓަކައި އަތުން ކުރާ ހަރަކާތް އިތުރުކޮށް، ލެގޯ، ބްލޮކްސް އަދި އެކި ކަހަލަ ޕަޒަލް ފަދަ ހަރަކާތްތައްވެސް ގޭގައި ކުޅެވިދާނެ އެވެ.

"ގިނަ ފަހަރު އަޅުގަނޑުމެންގެ އަމަލުތައް ހުންނަ ގޮތުންނާ ބުނެވޭ ބަސްތަކުން އެކުދިންގެ ހާލަތު އިތުރަށް ގޯސްކުރެވޭ" ޝަތުރަތު ވިދާޅުވި އެވެ.

އޭޑީއެޗްޑީ ތަހައްމަލުކުރަން ޖެހުމަކީ މައިންބަފައިންނާއި ދަރިފުޅުގެ ހަޔާތަށް ލިބޭ ހިތްދަތިކަމެކެވެ. އެކަމަކު އެ ހިތްދަތިކަމުގެ ތެރެއިން މައިންބަފައިންނާއި ދަރިން އެ ކުރާ ހިތްވަރަށް ސާބަސް ދޭން ޖެހެ އެވެ. އެއާ އެކު ދޭންވީ ލޯތްބާއި އިހުތިރާމެވެ. ފެންނަ ފެނުމަށް، އާންމު އެހެން ކުއްޖަކާ އެއްވެސް ތަފާތެއް ނެތަސް، އޭޑީއެޗްޑީ ހުންނަ ކުދިންނަކީ އެހެންމީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކުދިންނެވެ.

އާއިޝަތު މިހުނާ ނާސިހް

ސީނިއާ ޖާނަލިސްޓް

އާއިޝަތު މިހުނާ ނާސިހަކީ ލައިފްސްޓައިލް ނޫސްވެރިއެކެވެ. އާއްމު ދިރިއުޅުން، މުނިފޫހިފިލުވުން، ފަންނުވެރިކަން އަދި ދިވެހި ސަގަފާތާ ގުޅޭ ލިޔުންތަކަކީ އޭނާގެ ހާއްސަ ދާއިރާއެވެ. ޓީވީ ހޯސްޓެއްގެ ގޮތުގައި "ދިޓީވީ" އިން މީޑިއާ ކެރިއަރު ފެށި މިހްނާ ވަނީ "ދޯ މެގަޒިން" އަދި "ސަން އޮންލައިން" ގައި ކުރިން މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox