ރިޕޯޓުހުކުމެއް ނެތި ބަންދުގައި ދެ އަހަރު: ދެން ކުރިމަތިވީ މަރާ!

ހުކުމެއް ނެތި ބަންދުގައި ދެ އަހަރު: ދެން ކުރިމަތިވީ މަރާ!

އޮކްޓޯބަރު 7، 2021 ވަނަ ދުވަހު މާލެ ޖަލުން މަރުވި ޝަބީން ހުރީ ދެ އަހަރު ދުވަސް ހުކުމެއް ނެތިފަ. ސާބިތު ނުވި ކުށަކަށް، ބަލި ހާލުގައި އޮތް ޝަބީން ދިޔައީ ލުޔަކަށް އާދޭސް ކުރަމުން. އެންމެ ފަހުން މަރާ ކުރިމަތިލިއިރު، އިދާރާތަކުގެ ފަރާތުން ސުވާލުއުފެދޭ އެތައް ކަމެއް ވެފަ އެބަ ހުރި.

މަރުވި ގައިދީ އިސްމާއިލް ޝަބީން. މަރުވިއިރު، އޭނާގެ ބަލި ވަނީ ނިއުމޯނިއާއަށް ބަދަލުވެފަ.
މަރުވި ގައިދީ އިސްމާއިލް ޝަބީން. މަރުވިއިރު، އޭނާގެ ބަލި ވަނީ ނިއުމޯނިއާއަށް ބަދަލުވެފަ.

އާއިލާއިން އަސަރާއެކު ބުނަމުން އައީ އެއީ ސިއްހީ އެތައް މައްސަލައެއް ހުރި މީހެއް ކަމަށެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުގައި ބާއްވަން ހެޔޮވާވަރުގެ މީހެއް ނޫން ކަމަށެވެ. ކުށެއް ސާބިތުނުވެ ހުރި މީހެއް ކަމަށެވެ.

"ސިޔާސީ މީހުން ކޮވިޑާހެދި ގޭބަންދަށް ބަދަލުކުރެވޭއިރު، ކީއްވެގެންތޯ ބޭބެ ގެޔަށް ބަދަލު ނުކުރެވެންވީ؟ ނިއުމޯނިއާ ހުރިކަން ރޭކާލީ މަރުވި ފަހުންތޯ؟ އޭގެ ކުރިން ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން އޭނާ ކުރި އާދޭހަށް ބީރު ކަންފަތެއް ދިނީ ކީއްވެގެންތޯ؟"

މިއީ ކ. މާލެ، މ. މަލަސް، އިސްމާއިލް ޝަބީން، 46، ގެ އާއިލާއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓާއި ކުރަން ހުރި ސުވާލެވެ. ދެ އަހަރު ދުވަސް ވަންދެން މާލެ ޖަލުގައި ޝަރީއަތް ނުފެށި ބަންދެއްގައި ޝަބީން އޮތީ މަސްތުވާތަކެތީގެ މައްސަަލައެއްގަ އެވެ.

އެތައް ފަހަރެއްގެ ސިއްހީ މައްސަލަތަކެއް ހުރިކަމަށް ބުނެ އާއިލާއިން އަދި ޝަބީން އަމިއްލައަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔަކަށް އެދި އެދި އޮއްވާ އެންމެ ފަހުން އޭނާ މަރުވީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 7:30 ހާއިރު އެވެ. ނިއުމޯނިޔާ ހުރިކަން އެނގުނީ މަރުވި ފަހުންނެވެ. އޭނާ މަރުވީ ހަކުރު ބަލީގެ ހާލަތު ގޯސްވެގެންނެވެ. އިދާރާތަކަށް އެކަން އެނގުނީ، އޭނާގެ މަރުގެ ސެޓްފިކެޓުންނެވެ.

"ވަރަށް ހާލުގަ ހުރީ، ހަމައެކަނި ނޭވާލާކަން އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ. ވަރަށް އުނދަގުލުން ވާހަކަދެއްކީ ވެސް އޭނާ،" ޝަބީން މަރުވުމުގެ އެއް ދުވަސް ކުރިން އޭނާއާ އައިޖީއެމްއެޗު ތެރެއިން ބައްދަލުވި އޭނާގެ ދެބެންގެދެދަރި މުހައްމަދު ނަބީލް، އެންމެ ފަހުން ބޭބެއާ ދިމާވި ދުވަހު ބޭބެ ހުރި ހާލު ކިޔައިދެމުން ބުންޏެވެ.

އޭރު ޑޮކްޓަރުން ވަނީ ހަކުރު ބަލީގެ އިތުރުން ގައިންގަޔަށް ނާރާ ޓީބީ ބައްޔަށް ޝަބީން ޑައިގްނޯޒްކޮށްފަ އެވެ. އޭނާގެ ވަކީލު އަހުމަދު ޝާން މި ނޫހަށް ބުނީ، އެ ބަލިތަކުގެ އިތުރުން ޝަބީންގެ ކިބައިން ކަންބޮޑުވާ އިތުރު އެހެން ބިރުވެރި ކަންތައްތަކެއް ވެސް ފެނުނު ކަމަށެވެ. އެއް އަތް މާ ބޮޑަށް އައްސިވެ ބޭނުންނުކުރެވޭވަރު ވުމާއި، ހަމަނިދިން މީހާ މަހުރޫމްކޮށްލާ އިންސޮމްނިއާގެ އަލާމާތްތަކެއް ވެސް އޭނާގެ ކިބައިން ފެންނަން ފެށިކަމަށެވެ.

އެކަންކަމާ ކަންބޮޑުވެގެން ޝާން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 4 ވަނަ ދުވަހު ޝަބީންގެ ބަލި ހާލަތު ވަރަށް ތަފްސީލުކޮށް ބަޔާންކޮށް، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ޝާން ވަނީ އެ މައްސަލައިގަ ޝަބީންއަށް ފަރުވާދޭން ޑޮކްޓަރުން ލަފާދީފައިވާ ކަންކަން ކަރެކްޝަނުން ކުރިޔަ ނުދޭކަމަށް ވެސް ފާހަގަކޮށްފަ އެވެ. ޑޮކްޓަރުން ވަނީ ޝަބީންގެ ކަންކަމުގައި ކަރެކްޝަނަށް ލަފާދީފަ އެވެ.

titledesc

"އެ މަރުވީ، އެ އަތަށް ވީ ގޮތެއް ވެސް ނޭނގި އަހަރެއްހާ ދުވަހު އުޅެފައި،" ޝާން ބުންޏެވެ.

ޑޮކްޓަރުންގެ ލަފައަށް އެއްވެސް ކަމެއް ކަރެކްޝަނުން ނުކުރާތީ، އާއިލާގެ އާދޭހަށް ޝާން އޭރު ފޮނުވި ސިޓީގައި އެދުނީ ޝަބީންގެ ހާލަތު ގޯސްވުމުގެ ފަރުވާ ހޯދަން ގޭބަންދަށް ބަދަލުކުރާށެވެ. ނޫނިއްޔާ މައްސަލަ އަވަހަށް ކުރިޔަށް ގެންގޮސް ނިންމާލުމަށެވެ. ސާބިތުނުވާ ދައުވާއަކަށްޓަކައި، ބަލި މީހެއް ޖަލުގައި ނުބޭއްވުމަށެވެ.

"އެންމެ ފުރަތަމަ ވެސް އޭނާ ގެންދިޔައިރު، އަޅުގަނޑުމެން އިންނާނެ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފަ، އޭނައަކީ މިވެނި ބައްޔެއް ހުރި މީހެކޭ،" ނަބީލް ބުންޏެވެ.

"ދެން މިފަހުން ހޮސްޕިޓަލުން ފެނުނީމަ އެތަނުން ވެސް ޑޮކްޓަރާ ވާހަކަދެއްކީމަ ޑޮކްޓަރު ބުނީ ޝަބީން ބުނިކަމަށް ބޭސް ނުދެޔޭ ރޯގާ ޖެހިގެން ހޮޑުލާތާ ފަސް ދުވަސް ވެއްޖެޔޭ، އޭރު އޭނާގެ ކޮންޑިޝަން ހުރީ ނިއުމޮނިއާއަށް ބަދަލުވެފައ. ޓްރީޓްނުކޮށް ގޮސް، އެބަހުރި ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމެންޓް ވެސް ކަޓުވާފައި،"

ޝަބީންގެ މަރުގެ ސެޓްފިކެޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ނިއުމޯނިއާ ޖެހުނުތާ ފަސް ދުވަސް ފަހުން.
ޝަބީންގެ މަރުގެ ސެޓްފިކެޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ނިއުމޯނިއާ ޖެހުނުތާ ފަސް ދުވަސް ފަހުން.

ޝަބީންގެ މަރުގެ ސެޓްފިކެޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ނިއުމޯނިއާ ޖެހުނުތާ ފަސް ދުވަސް ފަހުން.

ކަރެކްޝަންސްއިން އެ މައްސަލައިގަ ބުނަން އޮތް ހަމައެކަނި ބަހަކީ، މައްސަލަ ތަހުގީގުކުރަމުންދާތީވެ، މައްސަލައިގަ ވަކި އެއްޗެއް އަދި ބުނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރެ، ޝަބީނަށް ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ލިބޭނެކަމަށް ކަރެކްޝަންސްއިން ބުނެ އެވެ. އިހުމާލެއް ނުވާނެ ކަމަށް ކަރެކްޝަންސުން އެބަ ބުނެ އެވެ.

ކަރެކްޝަންސްއަށް ވެސް، ގައިދީން ބަންދުގައި ތިބޭއިރު، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ހެދުމުގައި އެހެން އާއްމު މީހެކޭ އެއްގޮތަށް ދިގު ކިއުއެއްގައި މަޑުކުރަން ޖެހެ އެވެ. ބައެއް ފަހަރު އެ ކިއު ދިގުވުމުގެ ސަބަބުން ކަރެކްޝަނަށް އެ ނުރުހުން އަމާޒު ވެސް ވެ އެވެ.

އަދި ހަމައެއާއެކު، އެ ގައިދީއެއް ޖަލުން ޑޮކްޓަރަށް ދައްކަން ގެންދިޔުމުގެ ދަތުރުފަތުރާ، ގާޑު ކުރާނެ އޮފިސަރުންނާ، އެޑްމިޓްކޮށްފިނަމަ ޑިއުޓީކުރާނެ އޮފިސަރުން ހޯދުމުގައި ވެސް ދަތިތަކެއް އެބަ ހުރިކަން ވަނީ އެނގިފަ އެވެ. ޖަލު އޮފިސަރުން މަދުވުމުގެ ވާހަކަތަކަކީ އާ ވާހަކައެއް ނޫނެވެ.

އެ މައްސަލައިގެ ވާނުވާ އޮޅުންފިލުވުމަށް މި ނޫހުން ތަކުރާރުކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގުޅަން މަސައްކަތް ކުރުމުން ވެސް މިނިސްޓަރު ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އެހެންނަމަވެސް މިމަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިމްރާންއާ އެ މައްސަލައިގަ މެމްބަރަކު ސުވާލުކުރުމުން މިނިސްޓަރު ވަނީ ޝަބީންގެ މަރުގެ މައްސަލައިގަ އެއްވެސް އިހުމާލެއް ނެތް ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ.

އަދި އެ މައްސަލައިގަ ސަރުކާރުގެ އިތުރު އިދާރާތަކުން ހެދި ރިޕޯޓްތަކުގައި ވެސް އިހުމާލެއް ފާހަގަކުރެވިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މިހެން އޭރު ބުނިނަމަވެސް، އަދިއަދަށް ވެސް އެ ރިޕޯޓްތައް ނިމި ހާމަކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.

"އަޅުގަނޑު ކަށަވަރުކުރިން ޑޮކްޓަރަށް ދެއްކިފައި އެބަހުރިތޯ. ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތަށް ކަންތައް ކުރެވިފައި ހުރިތޯ. އެކަންކަން ވަނީ ކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އިމްރާން ވަނީ ޝަބީންގެ މައްސަލައިގަ އިހުމާލެއް ނެތްކަމަށް ވިދާޅުވެފަ-- ފޮޓޯ:މަޖިލިސް
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އިމްރާން ވަނީ ޝަބީންގެ މައްސަލައިގަ އިހުމާލެއް ނެތްކަމަށް ވިދާޅުވެފަ-- ފޮޓޯ:މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އިމްރާން ވަނީ ޝަބީންގެ މައްސަލައިގަ އިހުމާލެއް ނެތްކަމަށް ވިދާޅުވެފަ-- ފޮޓޯ:މަޖިލިސް

އެކަމަކު އާއިލާއިން އުފައްދާ ސުވާލަކީ، ފަރުވާ ލިބުނުނަމަ ހާލަތު ނިއުމޯނިއާއަށް ބަދަލުވާނެތޯ އެވެ. އަދި ނިއުމޯނިއާ ޖެހިގެން ފަސް ދުވަސްވީއިރު ވެސް ފަރުވާ ނުލިބުނި ކީއްވެގެންތޯ އެވެ.

ޝަބީން މަރުވީ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުންތައް ފަށަން ރިމާންޑު ޖަލުގައި އޮންނަތާ ދެ އަހަރު ދުވަސް ފަހުންނެވެ. އެކަމަކު އެ މައްސަލައިގަ ވެސް ވާހަކަ އަންނަނީ އެކި ގޮތް ގޮތަށެވެ. ޝަބީންގެ އަތުން ފެނުނީ ސީދާ ކިހާ އަދަދެއް ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ. އެ ނުކުތާ މުހިންމުވާ ކަމަކީ ވަކި އަދަދަކަށްވުރެ މަދުން މަސްތުވާތަކެތި ފެނިއްޖެނަމަ، ޖަލުގެ ކުޑަ ގޮޅީގައި ބަންދު ކުރުން ނޯންނާތީ އެވެ. އޮންނަނީ ފަރުވާ އެވެ.

ބަލި ހާލަތުގައި އޮތް ޝަބީން ދޫކުރަން ޕީޖީން ގޮތްދޫނުކޮށް ދެކޮޅު ހެދިކަމަށް އާއިލާއާ ވަކީލުން ވެސް ބުނެ އެވެ. ދެ ފަހަރެއްގެ މަތިން ގޭބަންދަށް ބަދަލުކުރަން އުޅެނިކޮށް ވެސް، ކުއްލިއަކަށް ސަބަބެއް ނާންގައި "ސްޓޭންޑް" ބަދަލުވާކަމަށް ވަކީލު ޝާން ބުނެ އެވެ.

"އެންމެ ފަހުން ބަންދުގެ އަޑުއެހުމެއް ތާވަލުކުރީ މިދިޔަ އޮކްޓޯބަރު 3 އަކަށް. އެދުވަހު ވެސް އަޑުއެހުން ކެންސަލްވީ. ސަބަބެއް ނުބުނޭ ކޯޓަކުން. ދެން އަޅުގަނޑު ގުޅާ ގުޅާ ވެސް ފޯނެއް ނުނަގާ އޭރު. އެހެން ހުއްޓާ ޝަބީން މަރުވީ،" ޝާން ބުންޏެވެ.

"އަދި 2020ގަ ކޮވިޑުގެ ތެރެއިން؟ ގެޔަށް ބަދަލުކުރަންވެސް ނިންމި. އެކަމަކު އެކަން ވެސް ފަހުން ބަދަލުވެގެން ދިޔައީ. ނޭނގެ އެއްގޮތަކަށްވެސް ކީއްވެގެން ކަމެއް."

މި ވާހަކަތައް ޝަބީންގެ ކޮއްކޮ ނަބީލް ވެސް ފާހަގަކުރި އެވެ. ބަލި ހާލުގައި އޮއްވާ ވެސް ޕީޖީން ޝަބީން ދޫކޮށްލަން ދެކޮޅު ހެދިކަމާ، ގޭބަންދަށް ބަދަލުކުރަން އުޅެ ނިންމުން ބަދަލުކުރިކަމުގެ ވާހަކައެވެ.

"ބައެއް މީހުން އެބަ ހުރި ދޫކޮށްފަ މިދިޔަ އަހަރު ގޭ ބަންދަށް. ދެން ކީއްވެގެން ނުވާންވީ އެވަރަށް ބަލިއިރުގަ؟" ނަބީލް ސުވާލު އުފެއްދި އެވެ. އަދި ހުކުމެއް ނެތް މީހަކު ދެ އަހަރު ދުވަސް ވަންދެން ޖަލުގައި އޮތް އިރު، އެއީ ކިހާ ބޮޑު ބޭއިންސާފެއްތޯ އާއިލާއިން ދަނީ ސުވާލު ކުރަމުންނެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ރިމާންޑް ޖަލެއްގައި ޝަބީން ހުރިނަމަވެސް އާއްމުކޮށް ރިމާންޑުގައި ހުންނަ ފަރާތްތަކުގެ ބަންދުގައި ކަރެކްޝަންސްގެ މާ ބޮޑު ދައުރެއް ނޯވެ އެވެ. އެކަންކަމުގައި ބޮޑަށް ބަސް ބުނަނީ ޕީޖީ އޮފީހުންނެވެ. އެކަމަކު އެ މައްސަލައިގަ ޕީޖީގެ ޖަވާބު ވެސް ވަރަށް ކުރެވެ.

ހަމައެކަނި ބުނި ބަހަކީ "ކަންވީ ގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ" ކަމަށެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން ގޭ ބަންދަށް ބަދަލުކުރަނީ ނުވަތަ އެފަދަ ގޮތަކަށް ކޯޓުގައި އެދެނީ ވެސް ފުރާނައަށް ނުރައްކާ ހުރި ބައްޔެއް ޖެހިފައި ހުރި ހާލަތެއް މެދުވެރިވެފައިވާ ހުރި މީހެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހެއް ނަމަ އެވެ.

ޕީޖީ ހުސެއިން ޝަމީމް. ޝަބީން ދޫކޮށްލަން ޕީޖީން ނޭދުނީ އޭނާގެ ކިބައިގައި ގެޔަށް ބަދަލުކުރަން ޖެހޭ ހާލަތެއް ނެތުމުންކަން ވަނީ އެނގިފައި-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
ޕީޖީ ހުސެއިން ޝަމީމް. ޝަބީން ދޫކޮށްލަން ޕީޖީން ނޭދުނީ އޭނާގެ ކިބައިގައި ގެޔަށް ބަދަލުކުރަން ޖެހޭ ހާލަތެއް ނެތުމުންކަން ވަނީ އެނގިފައި-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޕީޖީ ހުސެއިން ޝަމީމް. ޝަބީން ދޫކޮށްލަން ޕީޖީން ނޭދުނީ އޭނާގެ ކިބައިގައި ގެޔަށް ބަދަލުކުރަން ޖެހޭ ހާލަތެއް ނެތުމުންކަން ވަނީ އެނގިފައި-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޝަބީންގެ ގޭބަންދަށް ބަދަލުނުކުރީ އޭނާގެ ކިބައިން އޭރު އެފަދަ ހާލަތެއް ފެންނަން ނެތުމުންކަން މި ނޫހަށް ވަނީ ކަށަވަރު ވެފަ އެވެ.

މައްސަލަ ދެ އަހަރު ދުވަހަށް "ވާނުވާ ބަންދަކަށް" ބަދަލުވެގެން ދިޔުމާ ގުޅޭގޮތުން ވެސް ޕީޖީގެ ބަހެއް ނުލިބުނެވެ. އެކަމަކު، އެކަމުގައި ވެސް އޮތް ގޮތަކީ ނިޒާމުގެ ތެރެއިން މައްސަލަ ކުރިޔަށްގެންދިޔުން އަވަސް ކުރުމެވެ.

ޝާން ބުނި ގޮތުގައި ކަރެކްޝަންސްގެ މެޑިކަލް އޮފިސަރަކު ވަނީ ޝަބީން ބަންދުން ދޫކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކޯޓުގައި ބުނެފަ އެވެ. އެހެންނަމަވެސް އެއީ އެ އޮފިސަރެއްގެ ބަހަށް ބުރަނުވެވޭވަރުގެ މީހެއްކަމަށް ޝާން ތުހުމަތު ކުރެ އެވެ.

"އެއީ މުޅިން އެހެން މައްސަލައެއްގަ ދޮގުކޮށް މައުލޫމާތު ދީފަ ހުރި ބޭފުޅެއް. އެބޭފުޅާގެ ބަހަށް ބަލައިގެން ނުވާނެ އަސްލު ބުނަންޏާ،" ޝާން ބުންޏެވެ.

ޝާންގެ އެ ވާހަކަތައް ހަގީގަތަކަށް ނުވި ނަމަވެސް، ކަރެކްޝަންސްގެ މެޑިކަލް އޮފިސަރަކު ކަރެކްޝަންސްގެ ގައިދީއެއް ސިއްހީ ސަބަބަކަށްޓަކައި ދޫކުރަން ބަސް ބުނުމަކީ އޭގެން އިތުރު މައްސަލަތަކެއް ކުރިފަޅައިގެން ނިކުންނަ ކަމެއް ކަމަށް މި ރިޕޯޓަށް ވާހަކަދައްކާލި ބައެއް ގާނޫނީ ވަކީލުން ފާހަގަކުރި އެވެ.

އެ ވަކީލުން ވަނީ ރާއްޖޭގެ ޖަލުތަކުގެ ނިޒާމާއި ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޝަބީންގެ މައްސަލަ ރަނގަޅަށް ދަންނަ ގާނޫނީ ވަކީލެއްކަމުގައިވާ އަދި އެ މައްސަލަ ސޯޝަލް މީޑިއާގައި އާއްމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައި ގާނޫނީ ވަކީލް ހަމްޒާ ލަތީފް ބުނީ ޝަބީންގެ މައްސަލައިގަ ނިޒާމީ ގޮތުން ހުރި ބައެއް ބާގަނޑުތަކާއި އަންނަ "ބެކްލޭޝް"ގެ ބިރުގެ މިސާލު ފެންނަން ހުރި ކަމަށެވެ.

"ޕީޖީން އެދިގެން އެބަހުރި ބައެއް ގައިދީން ދޫވެސްކޮށްފައި، ބަންދު ވެސް ކޮށްފަ. އެހެންވީމަ އެއީ އާ ކަމެއް ނޫން. އެކަމަކު ގިނަ ފަހަރަށް އެކަހަލަ ނިންމުމެއްގައި ދައުލަތުގެ ބަހަށް ވަރަށް ބޮޑަށް ބުރަވާނެ ގާޒީން،" ހަމްޒާ ބުންޏެވެ.

"އެއީ އެއާ ދެކޮޅަށް ނިންމައިފިއްޔާ ވަރަށް ބޮޑަށް ގާޒީންނަށް އެބަ އޮވޭ ބިރު، އެ ގާޒީއެއްގެ މައްސަލަ ބަލާފާނެތީ. ދެން ގައިދީއެއް އެގޮތަށް ބަލިވެގެން ދޫކޮށްލިޔަސް، އެ ގާޒީއަކާ ދިމާލަށް ބުނެވޭނެ ކުށްވެރިން ދޫކުރަނީއޭ."

އެހެންވެ ގާޒީންނަށް ގިނަ ފަހަރަށް ބަލި ހާލަތުގައި އޮންނަ ގައިދީ ވެސް ދޫކުރަން ފަސްޖެހެ އެވެ. އެއީ ދޫކުރިއްޔާ ކުށްވެރިއެއް މުޖުތަމައުއަށް ދޫކުރިކަމުގެ އިލްޒާމު އެ ގާޒީއަކަށް އަންނާތީ އެވެ. ނޫނިއްޔާ އެ ގާޒީއެއްގެ މައްސަލަ ފައިލެއް ޖޭއެސްސީއަށް ދިޔުމުގެ ބިރު ވެސް އޮންނާތީ އެވެ. ޕީޖީ އޮފީހަށް ވެސް ހަމަ އެފަދަ އިލްޒާމު، ޕީޖީން އެދިގެން ދޫކުރާ ފަހަރު ފަހަރު އާދެ އެވެ.

ފުރޮޅުލީ ގޮނޑިއެއްގައި ތިބޭ އުމުރުން ދުވަސްވީ އަދި ޖިންސީ ކުށުގެ ގައިދީން ވެސް ދޫކޮށްފިއްޔާ "ޖިންސީ ކުށެއްކުރި މިވެނި މީހެއް މުޖުތަމައުއަށް ދޫކޮށްލައިފި" ހެޑްލައިންތަކަށް އަންނަކަމަށް ހަމްޒާ ބުންޏެވެ. ގާޒީން، ޕީޖީ އަދި ކަރެކްޝަނުން ވެސް ފަސްޖެހެނީ އެ އަންނަ ރޯޅިއާ ހެދި އެވެ.

އެކަމަކު އެ ޕްރެޝަރާ އެކުގައި ވެސް ބަންދުގައި ހުރި މީހެއްގެ ކިބައިން ގެޔަށް ދޫކޮށްލަން ޖެހޭ ހާލަތެއް އައިސްފިނަމަ ނަމަ އެކަން ކުރަން ޖެހޭނެކަމަށް އިތުރު ވަކީލެއް ހުއްޖަތު ދެއްކީ ގާނޫނުންނެވެ. އެއީ ޖަލުތަކާ ޕެރޯލްގެ ގާނޫނުން ބަންދުގައި ހުރި މީހަކަށް ލިބެން ޖެހޭނެ ހަމައެކަނި އަދަބަކީ މުޖުތަމައުއާ އެކަހެރިކޮށްފައި ހުރުންކަމަށް ބުނާއިރު، އިތުރު އެހެން އެއްވެސް އަދަބެއް ދެވިގެން ނުވާނެ ކަމަށް ގާނޫނުގައި އޮންނަ އޮތުންކަމަށް އެ ވަކީލު ބުންޏެވެ.

"އެއީ ސިއްހީ ފަރުވާ ނުވަތަ ހާލަތު ޖަލުގައި އޮވެގެން އިތުރަށް ގޯސްވެއްޖެނަމަ، އެދެވެނީ އިތުރު އަނިޔާއެއް. އެހެންވީމަ އެ ގާނޫނުގެ ދަށުން އެހެނެއް ނުއެއް ހެދޭނެ،" އަ ވަކީލު ކުރުކޮށް ބުނެލި އެވެ.

ޝަބީންގެ މައްސަލައިގަ ހަމްޒާ ދެން ފާހަގަކުރި އަނެއްކަމަކީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން މިނިވަންކޮށް ނުވަތަ "އިމްޕާޝަލްކޮށް" ކުރެވެން ނޯންނަ މައްސަލަ އެވެ. އަދި ކަރެކްޝަންސްގެ ތެރެއިން އެދޭ ސިއްހީ ލަފަޔާއި، ސަރުކާރުގެ ހޮސްޕިޓަލަކުން ޑޮކްޓަރަށް ދައްކައި ލިޔުން ހޯދުން އެއީ މުޅިން ހުއްޓާލަން ޖެހޭކަމަށް ހަމްޒާ ބުންޏެވެ.

"އެއީ އަސްލު އެކަން އޮންނަން ޖެހޭނެ ގޮތަކީ މިނިވަންކޮށް ވަކިން އެހެން ބައެއް އެކަހަލަ ކަންކަން ކުރަން ޖެހޭނީ. މީހެއްގެ ހައްގުތަކެއްގެ ވާހަކަދައްކާއިރު، މަސްލަހަތު އޮތް އެއްވެސް ފަރާތަކުން އެ މައްސަލައިގަ އޭނާގެ ހައްގަކާ ދޭތެރޭ އެއްޗެކޭ ބުނެވެން އޮވެގެން ނުވާނެ. އެއީ ފެއާކަމާއި ދޭތެރޭ ސުވާލު އުފެދޭނެ ކަމެއް،" ހަމްޒާ ބުންޏެވެ.

މާލެ ޖަލު. ޝަބީން މަރުވެފައިވަނީ މާލެ ޖަލުގައި ހުއްޓާ ނޭވާލާން އުނދަގޫވެގެން މިމަހުގެ ކުރީ ކޮޅު-- ފޮޓޯ: އަދަދު
މާލެ ޖަލު. ޝަބީން މަރުވެފައިވަނީ މާލެ ޖަލުގައި ހުއްޓާ ނޭވާލާން އުނދަގޫވެގެން މިމަހުގެ ކުރީ ކޮޅު-- ފޮޓޯ: އަދަދު

މާލެ ޖަލު. ޝަބީން މަރުވެފައިވަނީ މާލެ ޖަލުގައި ހުއްޓާ ނޭވާލާން އުނދަގޫވެގެން މިމަހުގެ ކުރީ ކޮޅު-- ފޮޓޯ: އަދަދު

ޝަބީންގެ މަރުގައި އިތުރު މައްސަލައެއް އުޅޭކަން ވެސް ހަމްޒާ ފާހަގަކުރި އެވެ.

އެއީ ގައިދީން ވެސް ބަންދުގައި ތިބޭ މީހުން ވެސް މަކަރު ހަދައި އޮޅުވާލައިގެން ޑޮކްޓަރަށް ދައްކަން މަސައްކަތް ކުރާ ކުރުމެވެ. އަދި އަމިއްލައަށް އަނިޔާކޮށްގެން ވެސް ޑޮކްޓަރަށް ދައްކަން އުޅޭކަމުގެ ވާހަކަތަކެއް ވަނީ އިވިފަ އެވެ. އެހެން ޑޮކްޓަރަށް ދާ ފަހަރު ފަހަރު، ފިލަން މަސައްކަތްކޮށް، މަސްތުވާތަކެއްޗާއި ފޯނު ކަހަލަ ތަކެތި ވެސް ބައެއް ކުށްވެރިން ހޮސްޕިޓަލުގެ ތެރެއިން ހޯދައިގަނެ އެވެ.

މިހެންވާތީ، ހަގީގަތަށް ވެސް ބަލިވާ ފަހަރު، ކަރެކްޝަންސްއިން އަދި ޕީޖީން ވެސް އެ މައްސަލަ ސީރިއަސްކޮށް ނުނަގާ ކަމަށް ހަމްޒާ ލަފާކުރެ އެވެ. އެކަމަށް މާ ބޮޑު އެއްޗެއް ވެސް ބުނެވޭކަށް ނެތެވެ.

މިނިސްޓަރު އިމްރާން ވެސް މަޖިލީހުގައި މި ވާހަކަ ދެއްކެވި އެވެ. އިމްރާން ވިދާޅުވީ ގައިދީންނަށް ބޭސްފަރުވާ ނުލިބިގެން އެތައް ޝަކުވާއެއް ލިބޭ ކަމަށާއި، ނަމަވެސް، ބައެއް ހާލަތްތަކުގައި އެއް ގަދީއަކު އަހަރެއްގެ ތެރޭގައި 40 އަށް ވުރެ ގިނަ ފަހަރު ޑޮކްޓަރަށް ދެއްކިފައި ވެސް އެބަހުރި ކަމަށެވެ.

"ފުރާނައެއް ރިސްކު ކުރެވެން ނެތުމުން، ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކަން ޖެހޭނީ،" ހަމްޒާ ބުންޏެވެ.

ނޫނީ ދެން އޮތް ގޮތަކީ، އެހެން ބައެއް ލައްވައި، ޖަލުގެ ގޯތި ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

މި ހުރިހާ ވާހަކައަކާ އެކުގައި ވެސް، އެންމެ ފަހު ނިއާއަށް ދާއިރު، އަދިވެސް ފާހަގަވަނީ ޝަބީންގެ ހާލަތު ނިއުމޯނިއާއަށް ބަދަލުވުމުގައި އިހުމާލެއް އޮތް ކަމަށެވެ. ފަރުވާ ދިންނަމަ، އެކަން ފާހަގަވާނީ މަރުގެ ސެޓްފިކެޓަކުން ނޫން ކަމެވެ. ނިޒާމު މިވަނީ އަނެއްކާ ވެސް ފެއިލްވެފަބާ އެވެ. ނޫނީ އިދާރާތައް އަނެއްކާ ވެސް ފެއިލްވީބާ އެވެ؟

އަހުމަދުﷲ އަބްދުލްހާދީ

ސީނިއާ ޖާނަލިސްޓް

އަހުމަދުﷲ އަބްދުލްހާދީ އަކީ އެންމެ ކުރިން ޓްރެވަލް ލިޔުންތެރިއެކެވެ. ރާއްޖޭގެ ޓޫރިޒަމާ ގުޅުން ހުރި ލިޔުންތައް އޭނާ ލިޔުނެވެ. އޭގެ ފަހުން މަސައްކަތްކުރީ ރާއްޖޭގެ ހަބަރުތަކަށް ހާއްސަ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ހާއްސައީ އިޖްތިމާއީ ދާއިރާއަށެވެ. މައްސަލަތަކުގެ ފުނަށް ވަދެ ލިޔަން އޭނާ ޝައުގުވެރިވެ އެވެ. ކުރިން މަސައްކަތްކުރީ "ސަން އޮންލައިން" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox