ސެޕްޓެމްބަރުން ފެށިގެން އިންފްލުއެންޒާ ހަލުވިކަމާ އެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާފައިފި ނަމަ އިންފްލުއެންޒާ އައުޓްބްރޭކަކަށް ގޮސްދާނެ ކަމުގެ އިންޒާރު ހެލްތުު މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އޮކްޓޫބަރު މަހުގެ ތެރޭގައި އިންފްލުއެންޒާ ޕޮޒިޓިވިޓީ ރޭޓަކީ 40 ޕަސެންޓެވެ. އަދި މާލެ ސަރަހައްދުގައި، ވަކިން ހާއްސަކޮށް ހުޅުމާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އެހެން ސަރަހައްދުތަކަށް ވުރެ އިތުރެވެ.
އިންފްލުއެންޒާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކުރަމުން އެޗްއީއޯސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ހުރިހާ އެންމެން ވެސް ސަމާލުވާން ޖެހޭ ކަމަށެވެ.
އެގޮތުން ކެއްސާ ކިނބިހި އަޅާ، ރޯގާ ނުވަތަ ހުން އައުން ފަދަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ފްލޫ ކްލިނިކަށް ދާން އޭނާ އިރުޝާދު ދެއްވި އެވެ. އަދި ބަލީގެ ނުރައްކާ ބޮޑު މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
ރާއްޖެއިން މިހާތަނަށް ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރޭގައި ގިނައީ އިންފްލުއެންޒާ-އޭ އެވެ. ދެން ފެނުނީ އިންފްލުއެންޒާ-ބީ އަދި އިންފްލުއެންޒާ-އޭ-އެޗް3 ބާވަތެވެ. މި ނޫން އިންފްލުއެންޒާގެ ބާވަތްތައް ފެތުރޭތޯ ބެލުމުގެ ގޮތުން ނެގެޓިވްވާ ސާމްޕަލްތައް ވެސް އަންނަނީ ޓެސްޓު ކުރަމުންނެވެ.

މިހާތަނަށް ރިޕޯޓް ކުރެވުނު އިންފްލުއެންޒާ ކޭސްތަކުގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. ދެން ހިމެނެނީ ކުޑަކުދިންގެ އުމުރުފުރާތަކުންނެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގައި ވެސް ފާހަގަކުރެވުނު ގޮތަށް، އިންފްލުއެންޒާ ވެސް ގިނައިން ޖެހެނީ އާންމުކޮށް ބޭރުތެރޭގައި އުޅޭ އުމުރުފުރާގެ މީހުންނަށް ކަމަށެވެ.
އައުޓްބްރޭކަކުން ރައްކާތެރިވުމުގެ ގޮތުން ޑރ. އަފްޒަލް ވަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން އާންމުންނަށް ގޮވާލާފަ އެވެ. އަދި ވިދާޅުވީ މިއީ ވެސް ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމުން ކޮވިޑުން ރައްކާތެރިވާން ކުރާ ކަންކަމުން މި ބަލިން ވެސް ރައްކާތެރިވެވޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް މާސްކު އަޅަން ސަމާލުވުމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަން ނުނިކުތުމަށާއި، ކުޑަކުދިންނާއި ހައި ރިސްކު މީހުން ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ރާއްޖޭގައި އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވެފައި މިވަނީ، ކޮވިޑު ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.












