މި މަހު 23-29 އަށް ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ގަތަރަށް ފުރައިފި އެވެ.
ކޮލިފައިން ގްރޫޕް އެކެއްގައި ރާއްޖެ އާއި ގަތަރުގެ އިތުރުން ދެން ވާދަކުރާ ތިން ގައުމަކީ ބަހްރޭނާއި ސައުދީ އަރަބިއްޔާ އަދި ކުވޭތެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 24 ވަނަ ދުވަހު ގަތަރާ ބައްދަލުކުރާނެ އެވެ. ތިން ވަަނަ މެޗުގައި މި މަހު 27 ވަނަ ދުވަހު ބަހްރޭނާ ބައްދަލުކުރުމަށް ފަހު އޭގެ ޖެހިގެން އަންނަ ދުވަހު ފަހު މެޗުގައި ކުވޭތާ ބައްދަލުކުރާނެ އެވެ.
ޓީ20 ވޯލްޑް ކަޕްގެ ޖާގަ ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ލީގު އުސޫލުން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. ޓީ20 ވޯލްޑް ކަޕް މިހާރު ޝެޑިއުލް ކޮށްފައި އޮތީ އަންނަ އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރު މަހު އޮސްޓްރޭލިއާގައި ހޯސްޓްކުރާ ގޮތަށެވެ.

ގައުމީ ކްރިކެޓް ޓީމުގެ އަޒްޔާން (ވ) އަށް ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ކޮލިފައިންއާ ދިމާކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ވަނީ ގައުމީ ކްރިކެޓް ޓީމުތަކަށް ބައިނަލްއަގުވާމީ މެޗުތަކުން މޮޅުވެ، ހާއްސަ ކާމިޔާބީތަކެއް ހޯދައިފިނަމަ ދޭނެ ބޯނަސް ސްކީމެއް އަލުން ތައާރަފްކޮށްފަ އެވެ.
ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތްތަކުން މޮޅުވާ އަންހެން އަދި ފިރިހެން ޓީމަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ނިންމައިފަ އެވެ. މީގެ އިތުރުން 50 ލަނޑު ހަދާ ކުޅުންތެރިއަކަށް 2500 ރުފިޔާ ދޭން ނިންމާފައިވާއިރު، ސެންޗަރީއެއް ހަދާ ކުޅުންތެރިއަކަށް 5000 ރުފިޔާ ދޭނެ އެވެ. އަދި ތިން ވިކެޓް ނަގާ ކުޅުންތެރިއަކަށް 1500 ރުފިޔާ ދޭން ނިންްމިއިރު، ފަސް ވިކެޓް ނަގާ ކުޅުންތެރިއަކަށް 2500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެެވެ.
ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި މިދިޔަ 18 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޓީމުގެ ކޯޗު އަހުމަދު ނީޝަމް ނާސިރު އާއި އެސިސްޓަންޓް ކޯޗު އިސްމާއިލް ނިހާދު ކުރި މަސައްކަތަށް ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވަނީ ޝުކުރު އަދާކޮށްފަ އެވެ.












