މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މި އަހަރު 3632 ދަރިވަރުން ގްރެޖުއޭޓްވާނެ ކަަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
އެމްއެންޔޫ އިން ވަނީ މިދިޔަ އާދީއްތަ ދުވަހު ގްރެޖުއޭޝަން ފަށައިފަ އެވެ. ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު ރަސްމިއްޔާތު ބޭއްވިފައިނުވާތީ މި އަހަރުގެ ގްރެޖުއޭޝަން ކުރިއަށް ދަނީ މިދިޔަ އަހަރާ އެއްކޮށެވެ. އެއީ 2019 ގެ ފަހު ސެމިސްޓާ އިން ފެށިގެން މި އަހަރު މިހާތަނަށް ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ގްރެޖުއޭޝަން ބާއްވާނެ އެވެ.
ގްރެޖުއޭޓްވާ 3632 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލް އާއި ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރި ދަރިވަރުންނެވެ.
އެމްއެންޔޫއިން ބުނީ ގްރެޖުއޭޓްވި ދަރިވަރުންގެ ތެރެއިން ސްޓޭޖު މަތިން ސެޓްފިކެޓް ހަވާލުކުރާނީ ޑިގްރީ ކޯހަށް ވުރެ މަތިން ކިޔަވާ ނިންމި 1،700 ދަރިވަރުންނަށް ކަމަށެވެ.













