ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ގައުމީ ކްރިކެޓް ޓީމުތަކަށް ބައިނަލްއަގުވާމީ މެޗުތަކުން މޮޅުވެ، ހާއްސަ ކާމިޔާބީތަކެއް ހޯދައިފިނަމަ ދޭނެ ބޯނަސް ސްކީމެއް އަލުން ތައާރަފްކޮށްފި އެވެ.
ސީބީއެމް އިން ބޯނަސް ސްކީމާ އިއުލާނުކުރީ އަންނަ ހަފްތާގައި ފަށަން ނިންމާފައިވާ ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ކްރިކެޓް ޓީމަށް ހާއްސަކޮށް ރޭ ބޭއްވި ހަފްލާގަ އެވެ. ރޭ ކުރިއަށް ދިޔައީ ޓީ20 ކޮލިފައިންގައި ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކުރުުމުގެ ރަސްމިއްޔާތެވެ.
ސީބީއެމް އިން ވަނީ މި ފަހަރުގެ ޓީ20 ކޮލިފައިން އިން ފެށިގެން ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތްތަކުން މޮޅުވާ އަންހެން އަދި ފިރިހެން ޓީމަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ނިންމައިފަ އެވެ. މީގެ އިތުރުން 50 ލަނޑު ހަދާ ކުޅުންތެރިއަކަށް 2500 ރުފިޔާ ދޭން ނިންމާފައިވާއިރު، ސެންޗަރީއެއް ހަދާ ކުޅުންތެރިއަކަށް 5000 ރުފިޔާ ދޭނެ އެވެ.
އަދި ތިން ވިކެޓް ނަގާ ކުޅުންތެރިއަކަށް 1500 ރުފިޔާ ދޭން ނިންްމިއިރު، ފަސް ވިކެޓް ނަގާ ކުޅުންތެރިއަކަށް 2500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެެވެ.
"މިއީ ކުރިއަށް އޮތްތަނުގައި އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކުގެ އިންޓަނޭޝަނަލް މުބާރާތްތަކަށް ތައާރަފްކުރި ކަމެއް،" ކްރިކެޓް ބޯޑުގެ ނައިބް ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ) ވިދާޅުވި އެވެ.
ޓީ20 ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމު ދޯހާ އަށް ފުރާނީ މާދަމާ އެވެ. މި މަހުގެ 23 ވަނަ ދުވަހު ކޮލިފައިންގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 24 ވަނަ ދުވަހު ގަތަރާ ބައްދަލުކުރާނެ އެވެ. ތިން ވަަނަ މެޗުގައި މި މަހު 27 ވަނަ ދުވަހު ބަހްރޭނާ ބައްދަލުކުރުމަށް ފަހު އޭގެ ޖެހިގެން އަންނަ ދުވަހު ފަހު މެޗުގައި ކުވޭތާ ބައްދަލުކުރާނެ އެވެ.
އަންނަ އަހަރު ކްރިކެޓްގެ އޭސީސީ މުބާރާތެއް ނެތުމުން ބައިލެޓަރަލް މެޗުތަކެއް ކުޅެން ވަނީ ނިންމައިފަ އެވެ. ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި މިދިޔަ 18 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޓީމުގެ ކޯޗު އަހުމަދު ނީޝަމް ނާސިރު އާއި އެސިސްޓަންޓް ކޯޗު އިސްމާއިލް ނިހާދު ކުރި މަސައްކަތަށް ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަދި ފައިސަލް ވަނީ މާލޭގައި ދިރިއުޅޭ ސްރީ ލަންކާގެ ކްރިކެޓް ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. އެއީ ގައުމީ ޓީމާ އެކީ ގިނަ މެޗުތަކެއް ކުޅެފައިވާތީ އެވެ.
މީގެ އިތުރުން ކްރިކެޓް ކައުންސިލް (އޭސީސީ) އާއި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އެހީތެރިކަމާ އެކު މާލެ އާއި ފުވައްމުލަކުގައި ކްރިކެޓްގެ ދެ ވިކެޓް ޓާފް އަޅަން ވަނީ ނިންމައިފަ އެވެ.












