ޒުވާން ގައުމީ ޓީމަށް ކޮލިފައިންގެ ކުރިން ބަހްރޭނުގައި މެޗުތަކެއް ކުޅެވޭތޯ ބަލަނީ

Oct 18, 2021, 6:55 AM
ގައުމީ 23 އަހަރުން ދަށުގެ ޓީމު މިއަދު ބަސް ޓާމިނަލްގައި ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ 23 އަހަރުން ދަށުގެ ޓީމު މިއަދު ބަސް ޓާމިނަލްގައި ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އަންނަ އަހަރު އުޒްބެކިސްތާންގައި ކުރިއަށްދާ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން މެޗުތަކަށް މިއަދު ބަހްރޭނަށް ޒުވާން ގައުމީ ޓީމު ފުރިއިރު، އެ ކޮޅުގައި ޕްރެކްޓިސް މެޗުތަކެއް ކުޅެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ކޮލިފައިން އަށް ތައްޔާރުވާން ހަ ހަފްތާގެ މުއްދަތަށް ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައިރު ވަނީ ޅ އަތޮޅު ކޭމްޕެއް ޖަހައި ޅ. ނައިފަރާއި ޅ. ހިންނަވަރުގައި ހަ މެޗެއް ކުޅުމަށް ފަހު މާލޭގައި ހަތަރު މެޗު ކުޅެފަ އެވެ. މާލޭގައި ކުޅުނު ހަތަރު މެޗަކީ ގައުމީ ސީނިއާ ޓީމުގެ ސްކޮޑުން ބާކީވި ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ހިމެނޭ ގޮތަށް މިކްސް ކޮށްލާފައި އޮތް ޓީމެކެވެ.

ބަހްރޭނަށް ފުރުމުގެ ކުރިން މިއަދު ސޮބާ ބުނީ ގާތްގަނޑަކަށް 10 ޕްރެކްޓިސް މެޗު ކުޅެފައި ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފައިވާއިރު، ޓީމާ މެދު ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށެވެ. ކޮލިފައިންގައި ރާއްޖެ އޮތީ ބަހްރޭނާއި އިރާގު އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ. ސޮބާ ބުނީ މިއީ ވަރުގަދަ ގްރޫޕެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ދެން ކުޅުންތެރިންގެ ފިޓްނަސް ހަމަ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ވަރަށް އުފުލިފައި މި އިނީ. އުއްމީދު މިކުރަނީ ބަހުރޭނަށް އަވަހަށް ގޮސް ޕްރެކްޓިސް މެޗުތަކެއް ކުޅެލަން. ދެ މެޗެއް ލިބިއްޖެ ކަމަށް ވިއްޔާ ވަރަށް ބޮޑުތަން ޓީމު ސެޓްކޮށްލައި ޓީމުގެ ކުޅުންތެރިން ޕްރެޝަރުގައި ކުޅޭގޮތް ބަލާލެވި ވަރަށް ބޮޑު ހިތްހަަމަ ޖެހުމަކަށް ވާނެ. ކުޅުންތެރިންނަށް ވެސް އިތުބާރު ލިބޭނެ ކޮމްޕެޓިޝަންގައި ފުރަތަމަ އޮތް އިރާގު މެޗަށް ދާއިރު،" ސޮބާ ބުންޏެވެ.

މިއަދު ޓީމާ އެކު ފުރުމުގެ ކުރިން ސޮބާ: ޓީމުގެ ހާލަތު ރަނގަޅު ކަމަށް ސޮބާ ވަނީ ބުނެފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު އިރާގާ ކުޅުމަަށް ފަހު ދެ ވަަނަ މެޗުގައި ކުޅޭނީ 28 ވަަނަ ދުވަހު ބަހްރޭނާ އެވެ. އަދި ފަހު މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މި މަހު 31 ގަ އެވެ.

ޒުވާން ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނާއި ގައުމީ ސީނިއާ ޓީމުގައި ކުޅުނު ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި މި ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނުނު ހައިޝަމް ހަސަން (ބިޑި) އާއި ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ހިމެނެ އެވެ.

"ރެގިއުލާކޮށް ކުޅެމުން އަންނަ ކުޅުންތެރިއެއް ހައިޝަމް އަކީ. ސީނިއާ ޓީމުގެ ލެފްޓް ބެކަށް ކުޅެމުން އަންނަނީ. ހައިޝަމް (ގައުމީ ޓީމުގެ) ސްޓާޓިން ލައިނަޕްގައި ކުޅުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އޭގެ އިތުރުން ތިން ވަނަ ކީޕަރު ނާޖީ ވެސް ޖޮއިންކުރާނެ. ދެން ޔާނު، ޗޯޓު އަދި އޮގީ މި ކުޅުންތެރިންނަކީ ވެސް ސީނިއާ ޓީމުގައި އެކި ފަަހަރު މަތިން ފުރުސަތު ލިބި ބޮޑު ޓީމާ އެކު މަސައްކަތް ކޮށްފައި ތިބި ކުޅުންތެރިން،" ސޮބާ ބުންޏެވެ.

ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ސޮބާ ވަނީ ޒުވާން ގައުމީ ޓީމުގައި ދެން ތިބި ކުޅުންތެރިންނަށް ބަލާއިރު، މި ވަގުތު ސީނިއާ ޓީމަށް ލިޔަސް ސީނިއާ ޓީމަށް ކުޅެވޭ ލެވަލްގެ ކުޅުންތެރިން ވެސް އެބަތިބި ކަމަށް ބުނެފަ އެވެ.

ސޮބާ ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޒުވާން ކުޅުންތެރިންނަށް ކުޅެލަން ލިބޭ މެޗު މަދުވުން ކަމަށެވެ. ލޯކަލް ލެވަލަށް ބެލިޔަސް ގަވާއިދުން ކުޅެލަން ލިބެނީ މަދު ކުޅުންތެރިންތަކަކަށް ކަމަށްވާއިރު، އިންޓަނޭޝަނަލް ލެވަލްގައި އޮންނަނީ އެ އަށް ވުރެ ފުރުސަތު ހަނިކޮށް ކަން ސޮބާ ފާހަގަކުރި އެވެ.

ޒުވާން ގައުމީ ޓީމުގެ ހެޑް ކޯޗަކީ އަލީ ސުޒޭން އެވެ. އެފްއޭއެމް އިން ބުނީ ސުޒޭން ޓީމާ ގުޅޭނީ ފަހުން ކަމަށެެވެ. އެއީ އަންނަ މަހު ލަންކާގައި ކުޅޭ ފޯ ނޭޝަންސް ކަޕްގެ ތައްޔާރީތަކާ ގުޅޭގޮތުން ކަންތައްތަކެއް ނިންމުމަށް ފަހު އެވެ.

ކޮލިފައިންގައި ވާދަކުރާ ގައުމީ ޓީމުގެ ސްކޮޑު:

އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަހުމަދު ނާހިލް އިބްރާހިމް، އަހްނަފް ރަޝީދު، ހަމްދޫން އަބްދުލް ލަތީފް، ހައިސަމް ރަޝީދު، ހަސަން އަލީފް އިބްރާހިމް، ހަސަން އީނާޒް، ހަސަން ނައްވާޝް، ހުސެއިން އަހުސަމް މޫސާ (ތިއްތޭ)، މުހައްމަދު ޖައިލަމް (އޮގީ)، މޫސާ އަޒީމް ހަސަން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ޝައިފުﷲ އިބްރާހިމް، ޒައިން ޒަފަރު، ޒަޔާން ނަސީރު، އަބްދުﷲ ޔާމީން (ޔާން)، ހުސެއިން ފައިސަލް (ފައިޓޯ)، އަލީ ނާޖިހު (ނާޖީ)، އަލީ އަޖްފާން އަމްޖަދު، ހަސަން ނަޒީމް (ޗޯޓު)، އިޝާގް ރަޝީދު، ހައިޝަމް ހަސަން (ބިޑި)

ޒުވާން ގައުމީ ޓީމުގެ އޮފިޝަލުންގެ ގޮތުގައި ހިމެނެނީ ކޯޗަކަށް ސުޒޭން، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ސޮބާ އާއި މުހައްމަދު ޝާހިދު (ޝާޑު)، ގޯލްކީޕަރު ކޯޗުންގެ ގޮތުގައި އިމްރާން މުހައްމަދާއި ހަސަން ހަމީދު (ޑަކޭ) އެވެ. މެނޭޖަރަކަށް މުހައްމަދު އަދުހަމް ހުރިއިރު، ޓީމު ޑޮކްޓަރަކީ ހިޝާމް އަލީ ޒަކީ އެވެ. އަދި ކިޓް މެނޭޖަރަކީ އިސްމާއިލް ނަސީރު (އިއްސެ) އެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމު އެންމެ ފަހުން ވާދަކުރީ 2019 ވަަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox