ދުބާއީ، ޔޫއޭއީ (އޮކްޓޫބަރު 16) - ކަލްކަތާ ނައިޓް ރައިޑާސްގެ މައްޗަށް ކުރިހޯދައި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއީ ސުޕަ ކިންގްސް އިން ހަތަރު ވަނަ ފަހަރަށް ހޯދައިފި އެވެ.
މިދިޔަ މެއި މަހު އައިޕީއެލް ކުޅުން ހުއްޓާލީ އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަވާތީ އެވެ. ބާކީ މެޗުތައް ކުޅުނީ މިދިޔަ މަހާއި މި މަހު ޔޫއޭއީގަ އެވެ. އިއްޔެ ކުޅުނު ފައިނަލުގައި ޗެންނާއީ އިން ކަލްކަތާ ބަލިކުރީ 27 ލަނޑުންނެވެ.
ފުރަތަމަ ޗެންނާއީ އިން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 192 ލަނޑު ހަދައިފަ އެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 59 ބޯޅައިން 86 ލަނޑު ހެދި ދެކުނު އެފްރިކާގެ ކުރީގެ ކެޕްޓަން ފާފް ޑޫ ޕްލީސިސް އެވެ. އަދި އެ ޓީމަށް ކުޅޭ އިންގްލެންޑްގެ މޮއީން އަލީ ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޗެންނާއީގެ ތަރި ދޯނީ: އަންނަ ސީޒަނުގައި ވެސް ފެނިދާނެ.
އޭގެ ޖަވާބުގައި ކުޅެންއަރައި ކަލްކަތާ ޓީމުން ވަނީ 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިއަކު ނުބައިވެގެން 165 ލަނޑު ހަދައިފަ އެވެ. ކަލްކަތާގެ ޝުބްމަން ގިލް ވަނީ 43 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ. އަދި އެ ޓީމުގެ ވެންކަޓޭޝް ވަނީ 32 ބޯޅައިން 50 ލަނޑު ހަމަކޮށްފަ އެވެ. އެކަމަކު، އެ ޓީމުގެ ކެޕްޓަން އިއޮއީން މޯގަން އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
އައިޕީއެލްގެ ޗެމްޕިއަންކަން ޗެންނާއި އިން މީގެ ކުރިން ހޯދީ 2010، 2011 އަދި 2018 ވަނަ އެވެ. މީގެއިން ކޮންމެ ފަހަރެއްގައިވެސް ޗެންނާއީ ޓީމުގައި މުހިއްމު ރޯލެއް ކުޅުނީ އިންޑިއާގެ ކްރިކެޓް ލެޖެންޑް މަހިންދުރަ ސިންގް ދޯނީ އެވެ.
އަންނަ ސީޒަނުގައި ވެސް އައިޕީއެލް އިން ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި ދޯނީ ބުނީ ކްރިކެޓް ކުޅުން އެއްކޮށް ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.












