އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ އަތުން 3-1 އިން މޮޅުވެ, އިންޑިއާ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި އިންޑިއާ އިން ނުކުންނާނީ މުބާރާތުގެ ފައިނަލުގައި މުޅިން އަލަށް ވާދަކުރާ ނޭޕާލާ ދެކޮޅަށެެވެ. މިރޭ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތް ނަމަވެސް ބަލިވުމުން މި ވަނީ އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިފަ އެވެ.
ސާފްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އިންޑިއާ އިން މި ވަނީ އެ ޓީމުން ކޮންމެ ދެ ފަހަރަކުން އެއް ފަަހަރު ސަރަހައްދުގެ ޗެމްޕިއަންކަން ހޯދަައި ދަމަހައްޓަމުން އަންނަ ރެކޯޑް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިފަ އެވެ.
އިންޑިއާ އިން މި މެޗަށް ނުކުތީ އެންމެ ފަހުން ނޭޕާލް އަތުން މޮޅުވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ. އަދި ރާއްޖޭން ވެސް ނުކުތީ އެންމެ ފަހުން ލަންކާގެ މައްޗަށް ކާމިޔާބު ހޯދި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައާ އެކު އެވެ. އެންމެ ފަހުން މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް ވަނީ އަނިޔާއިން ރިކަވާވެ، ފުރަތަަމަ އެގާރައިގައި ހިމެނިފަ އެވެ.
މެޗުގެ ފުރަތަމަ ކަށިގަނޑާ އެކު އިންޑިއާ އިން ކުރިއަށް ޕްރެސްކޮށްގެން ރާއްޖެ ކުޅެން ޖާގައެއް ނުދީ ކުރިއަށް ޖެހުނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އިންޑިއާ ޑިފެންސް ތެރެއިން ދޫވި ބޯޅައެއް ހޯދައި ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ވަނީ ބްލޮކްވެފަ އެވެ.
އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ހިލާ ޖެހުމެއް ބްލޮކްވިއިރު، އޭގެ ފަހުން އޭރިއާ ބޭރުން ބްރެންޑަން ފެނާންޑޭސް ޖެހި ބޯޅައެއް ދިިޔައީ އަރިމަތިންނެވެ.
ގޯލާ ސީދާކޮށް ރާއްޖޭގެ ފުރަތަަމަ ހަމަލާ ފޮނުވާލީ އިބްރާހިމް މަަހުދީ (ފޭދޫ އިއްބެ) އެވެ. މެޗުގެ 12 ވަަނަ މިނިޓްގައި އިންޑިއާގެ ހާފު ތެރެއިން އަލީ ފާސިރު (ސެންޓޭ) ބޯޅައެއް ހޯދައި ފޭދޫ އިއްބެ އަށް ޖައްސާލި ބޯޅަ ހިފައިގެން ވަދެ އޭނާ ޖެހި ޝޮޓް އަމާޒުވީ އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް އަތަށެެވެ.
ރާއްޖޭން ވެސް ލިބޭ ފުރުސަތުތަކުގައި ޕްރެސް ކުރަމުންދިޔައިރު، ރަނގަޅު ވަގުތުތަކުގައި އެޓޭކްކުރެވޭތޯ ބެލި އެވެ.
އިންޑިއާ އިން މެޗުގެ 26 ވަަނަ މިނިޓްގައި ވަނީ ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. ހިލޭ ޖަހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ޗެތުރީ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ދަގަނޑޭ އަށް ހުސްކޮށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލިިއިރު، ދިޔައީ ޑިފެންޑަރެއް ގައިގައި ޖެހިފައި ބޭރަށެވެ.
ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 32 ވަނަ މިނިޓްގައި އިންޑިއާ އިން ވަނީ ލީޑުނަގައިފަ އެވެ. ރާއްޖެ ޑިފެންސްތެރެއިން ހުޅުވުނު ޖާގައެއްގައި ކުރިއަށް ކުޅުނު ބޯޅައެއް ހޯދައިގެން މަންވީރު ސިންގް އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ ފަހުން އޭރިއާތެރެއިން މަންވީރު ފޮނުވާލި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.
މެޗުގެ 42 ވަނަ މިނިޓްގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އިންޑިއާގެ ތިން ކުޅުންތެރިއަކު ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެެރެއަށް ވަން ވަގުތު އިންޑިއާގެ ރާހުލް ބޭކޭ ވަނީ ހަމްޕު އަށް ފައުލުކޮށްފަ އެވެ. ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ދަގަނޑޭ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ. މި ފަހަރުގެ މުބާރާތުގައި ޖެހި ތިން ވަނަ ގޯލެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ރާއްޖޭން ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މި ހާފް ފަށައިގެން ހަތް މިނިޓް ހިނގި ތަނުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ރެފްރީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުުރުމުން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ދަގަނޑޭ ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ވަނީ ބްލޮކްވެފަ އެވެ. އެ ބޯޅަ ފޭދޫ އިއްބެ އަށް ދީގެން ބޭނުން ހިފެން އޮތެވެ.
އޭގެ ހަތަރު މިިނިޓް ފަހުން އިންޑިއާ އިން ވަނީ ދެ ވަނަ ފަހަރަށް ލީޑުނަަގައިފަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި އޭރިއާތެރެއިން މަންވީރު މެއިން ކޮންޓްރޯލްކޮށްލި ބޯޅަ ހޯދައު ޗެތުރީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިންޑިއާ އިން އަލުން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރާއްޖޭން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އިންޑިއާ ކީޕަރު ގުރްޕްރީތު ސިންގް ވަނީ މަތަކޮށްފަ އެވެ.
އިންޑިއާ އިން ލިބޭ ފުރުސަތުތަކުގައި އެޓޭކްކުރަމުންދިޔައިރު، މެޗުގެ 71 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ޗެތުރީ ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ކީޕަރު ފައިސަލް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ބަދަލުތަކެއް ގެނެސްގެން ރާއްޖޭން މެޗުގެ ތެރެއަށް ވަދެވޭތޯ މަސައްކަތްކުރިއިރު، މެޗުގެ 78 ވަނަ މިނިޓްގައި ރާއްޖޭގެ މުހައްމަދު އުމެއިރު ފޮނުވާލި ހިލޭ ޖެހުމެއް އިންޑިއާގެ ކީޕަރު ގުރްޕްރީތު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އިންޑިއާ ކޯޗު ސްޓިމަކަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި އިންޑިއާގެ ސުބަޝިޝް ބޯސް އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.












