މަތީގައި އެއޮތީ މި ލިޔުމުގެ ސުރުހީއެއް ނޫނެވެ. އެއީ މިދިޔަ ހަފުތާއެއްހާ ދުވަހު އެންމެ ގިނައިން އަމާޒުވި ސުވާލެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ކުރިން އުފެދުނު ޓިކެޓުގެ ޑިމާންޑް މިހާރު މިއޮތީ އާދަޔާހިލާފަށް ބޮޑުވެފަ އެވެ.
ޓިކެޓް ހުސްވުމުން އެއް ބަޔަކު މުޒާހަރާކޮށްފި އެވެ. އަނެއް ބަޔަކު މަގުމަތީ ފުރޮޅިއްޖެ އެވެ. ޓިކެޓް ހޯދަން އެއް ބަޔަކު 18 ގަޑިއިރު ކިއޫގައި ތިބެއްޖެ އެވެ. އަނެއް ބަޔަކު ކަޅުބާޒާރުން ދެހާހެއްހާ ރުފިޔާ އަށް ޓިކެޓް ގަނެފި އެވެ.
ކުއްލިއަކަށް ފުޓްބޯޅައިގެ ފޯރިގަދަވީ ހެއްޔެވެ؟ ނޫނެވެ. ދިވެހިންގެ މެޖޯރިޓީ އަކީ ފުޓްބޯޅަ ބަލާ މީހުންނެވެ. ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ފޯރި ކެނޑުނަސް ގައުމީ ޓީމު ކުޅޭ ނަމަ އެ ފޯރި އަބަދުވެސް ދިރެ އެވެ. އާލާވެ އެވެ. އަމުދުން ސަރަހައްދުގެ ވާދަވެރި ޓީމުތަކާ ކުޅޭއިރު އެންމެން ވެސް ޝައުގުވެރިވެ އެވެ. އެއަށް ވުރެ ބޮޑު ސަބަބަކީ ޒުވާން ޖީލާ އެކު ދަނޑުގައި ނަގާ ފޯރި އާއި މަޖާ ބޮޑުވެ އެންމެން ވެސް އެކަން ތަޖުރިބާކޮށްލަން ބޭނުންވުމެވެ.

ޓިކެޓް ގަތުމަށް ކިއޫ ހަދާފައި. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މި ފަހަރު ޑިމާންޑް މިހާ ބޮޑަށް އުފުލުނު މައިގަނޑު ސަބަބަކީ ދަނޑަށް ވަދެވޭ އަދަދު މަދުވުމެވެ. ކުރިން 10،000 މީހުން ވަންނަ ދަނޑުގެ ސިޑިބަރިތައް ބަލިކަށިވުމުގެ ސަބަބުންނާއި ކޮވިޑް ވެސް އޮތުމުން، މިހާރު ވައްދަނީ 5000 މީހުންނެވެ. އޭގެ ތެރެއިން އެއް ބަޔަކީ އެފްއޭއެމުން ކްލަބްތަކާއި ކުޅުންތެރިންގެ އާއިލާ އަށާއި ސްޕޮންސަރުންނަށް ދޭން ޖެހޭ ބަޔަކަށް ވާތީ އާއްމުންނަށް ވިއްކަން އޮންނަނީ 3000 ޓިކެޓެވެ.
ޑިމާންޑް ބޮޑުވެ، އެއް ބަޔަކު ވަނީ އެފްއޭއެމުން ޓިކެޓްތަކެއް ރިޒާވްކުރާތީ ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު އެފްއޭއެމްގެ ޖަވާބަކީ، ފުޓްބޯޅަ ދެމި އޮންނަނީ ކްލަބްތަކާއި ކުޅުންތެރިންނާއި ސްޕޮންސަރުންގެ އެހީއާ އެކު ކަމަށްވާތީ އެ ފަރާތްތަކަށް ހާއްސަ ގޮތެއް ހަދަން ޖެހެނީ ކަމަށެވެ.
"އަނެއްކާ އެވެސް ހަމަ ދިވެހި ޓީމަށް ތަރުހީބު ދޭން ވަންނަ މީހުންތާ؟،"
ކްލަބް ފުޓްބޯޅަ ބަލަން މީހުން ދަނޑު ފުރާލާތާ އެތައް އަހަރުތަކެއް ފަހުން ގައުމީ ޓީމުގެ މެޗެއް މާލޭގައި އެންމެ ފުރަތަމަ ކުޅުނީ 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގަ އެވެ. އެ ފަހަރު މާބޮޑު ބެލުމެއް ނެތި މީހުން ވެއްދުމުގެ ނަތީޖާއަކަށްވީ، ދަނޑުގެ އަސްލު ކެޕޭސިޓީއަށް ވުރެ އިތުރަށް، ޖުމްލަ ބާރަ ހާހެއްހާ މީހުން ވަނުމެވެ. އެއް ފަހަރު އެއް ބަޔަކު ސިޑިބަރިއާ ވިނަގަނޑާ ދެމެދު އޮންނަ ވެލިގަނޑުގައި ވެސް އިށީދެނލައިގެން ތިއްބެވެ. އިޝްތިހާރު ބޯޑު ނެތް ދިމާލެއް ނަމަ އެތާ ތިބި މީހުންނަށް މެޗު ފެންނާނެ އެވެ. ބޯޑަކާ ދިމާވަންޏާ ތިބެނީ ކޮޅަށެވެ. އޭގެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި 2001 އާއި 2004 ގައި ވެސް އޮތީ އެ އުސޫލެވެ. އެކަމަކު 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް އޮތީ، ދަނޑުގައި ކުޅިބަލާ ކޮންމެ މީހަކަށް އިނދެވޭނެ ޖާގައެއް މިން އަޅައި ކުރަހައި ދަނޑުގެ ކެޕޭސިޓީ ކަނޑައަޅައިފަ އެވެ.
ގޯލްޑަން ޖުބިލީން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް ވެސް ގައުމީ ޓީމު ކުޅޭއިރު ދަނޑު ފުލްވެ އެވެ. ޓިކެޓުގެ ޑިމާންޑް ބޮޑުވެ ކަޅު ބާޒާރެއް އުފެދެ އެވެ. އެކަމަކު ޓިކެޓަށް އާދަޔާހިލާފު ޑިމާންޑެއް އުފެދުނީ 2014 ވަނަ އަހަރުގެ ޗެލެންޖް ކަޕާ ހަމައިންނެވެ. އޭގެ ކުރިން ނަމަ ދަނޑަށް ވަންނަ މީހުންގެ މެޖޯރިޓީ އަކީ ސީދާ ފުޓްބޯޅަ ބަލާ މީހުންނެވެ. އެކަމަކު ފަހުން، އާ ޖީލާ އެކު މަންޒަރު ބަދަލުވި އެވެ.
ދިވެހި ފުޓްބޯޅަ ދިރާސާކުރާ މީހަކު ބުނި ގޮތުގައި އާ ޖީލާ އެކު، ބޭރު ފުޓްބޯޅަ ބަލާ މީހުން އިތުރުވެ އެހެން ގައުމުތަކުގައި އޮންނަ ފަދަ ފޭންސް ކަލްޗާއެއް ރާއްޖޭގައި އުފެދުނީ އެވެ. އެއީ ދަނޑަށް ވަދެ ހަމަޖެހިލައިގެން މެޗު ބަލަން ތިބުމުގެ ބަދަލުގައި ދަނޑުގައި ކުލަގަދަ، އަޑުގަދަ މާހައުލެއް އުފައްދާލުމެވެ.
"ދަނޑަށް ވަންނަން ބޭނުންވޭ އެކަމުގައި ބައިވެރިވެލަން ނުވަތަ އެކަން ލޮލުން ދެކެ އަތުން ހިފާލަން ބޭނުންވާ މީހުން ވެސް. ގައުމީ ޓީމުގެ މެޗުތަކާ އެކު ސަޕޯޓަރުން އިތުރުވަނީ އެހެންވެ،" އޭނާ ބުންޏެވެ.

ރާއްޖެ އާއި ލަންކާ މެޗު ބަލަން މީހުން ދަނޑަށް އެއްވެފައި. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ޗެލެންޖް ކަޕުގެ ޓިކެޓް ޑިމާންޑާ އެކު އޭރުގެ ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ކެޕޭސިޓީ ބޮޑު ޒަމާނީ ސްޓޭޑިއަމެއް މުހިއްމު ކަމަށެވެ. ސާފް ޗެމްޕިއަންޝިޕް މި ބާއްވަނީ އޭގެ ހަތް އަހަރު ފަހުންނެވެ. އެފަދަ ސްޓޭޑިއަމެއް ނެތެވެ. ނެތްތަނުގައި ދަނޑުގެ ހާލަތު އިތުރަށް ގޯސްވެ ކެޕޭސިޓީ ދަށްކުރަން ވެސް ޖެހުނީ އެވެ. ހަތް އަހަރު ތެރޭ މާބޮޑަށް ފަހަތަށް ސޮއްސާލީ އެވެ.
ފެންވަރު ރަނގަޅު ސްޓޭޑިއަމެއްގެ ވާހަކަ ހިނދޭ އެންމެ ބޮޑު ސަބަބަކީ ކްލަބް ފުޓްބޯޅަ ބަލަން މީހުން ނުވަނުމެވެ. އެހެންވެ ދަމަކުން ބަޑިއެއް ޖަހާހެން ބާއްވާ މުބާރާތަކަށް ސްޓޭޑިއަމެއް މުހިއްމު ނުވަނީ ކަމަށް ސިޔާސަތު ކަނޑައަޅާ މީހުންނަށް ވިސްނެނީ ކަމަށް ވެދާނެ އެވެ.
"ފަސް އަހަރު ހުސްކޮށް ބާއްވަން ވިޔަސް ސްޓޭޑިއަމެއް މުހިއްމު. މިފަދަ މުބާރާތެއްގައި އެކަން މި އެގެނީ. އަމިއްލަ ގައުމުގައި ބޮޑު މުބާރާތެއް ކުޅޭއިރު އެންމެން ބޭނުންވޭ އެބަ ތަޖުރިބާކޮށްލަން. އެ ފުރުސަތު ނުލިބުމަކީ ދެރައެއް،" ސަޕޯޓަރަކު ހިޔާލު ފާޅުކުރި އެވެ.
މި ފަހަރުގެ މުބާރާތް ފެށުނީ އުފާވެރި ހަބަރަކުންނެވެ. ގައުމީ ޓީމާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޭނުންވާ ހިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ދަނޑު ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތްކަށެވެ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އެކަމުގެ ތަފްސީލް ދެއްވަމުން އިއްޔެ ވިދާޅުވީ ދަނޑު ތަރައްގީކުރަން އިންޑިއާގެ އެހީގައި 25 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.
އެއާ އެކު އުފެދުނީ ސުވާލެކެވެ. ދަނޑު މަރާމާތުކުރަނީ ބާވަ އެވެ؟ ނުވަތަ އާ ސްޓޭޑިއަމެއް ހުޅުމާލޭގައި އަޅާނީ ނޫން ބާވަ އެވެ؟
ސެޕްޓެމްބަރު، 2019 ގައި ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ކުޅުނު މެޗަށް ވިއްކަން ކަނޑައެޅި 3500 ޓިކެޓް ހަތަރު ގަޑިއިރުން ހުސްވުމުން، ދަނޑަށް އިތުރު މީހުން ވައްދަން ގައުމީ ޓީމުގެ މިހާރުގެ ކޯޗު އަލީ ސުޒޭން ގޮވާލުމުން އޭރު މަހުލޫފް ވިދާޅުވީ އެ ހުއްދަ ނުދެވޭނެ ކަމަށެވެ. އެކަމަކު އެތަން ތަޅާލައި ހުޅުމާލޭގައި އާ ސްޓޭޑިއަމެއް އަޅަން ފައިސާ ހޯއްދަވަމް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭގެ ކުރިން، އޭރުގެ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގަލޮޅު ދަނޑުގެ ނެޗުރަލް ގްރާސް ޕިޗަކީ ދުނިޔޭގެ ފެންވަރުގެ ޕިޗަކަށްވާތީ ޒަމާނީ އެތަނުގައި ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ އާއްމުން ދާހިތްވާ ފަދަ ތަނަކަށް ހެދިދާނެ ކަމަށެވެ. ގަލޮޅު ދަނޑުގެ ސިޑިބަރި އާއި ޕިޗް ކައިރިވުމުން، ފުލް ހައުސްގައި ދަނޑުގައި އޮންނަނީ އިނގިރޭސި ވިލާތުގައި އޮންނަ ކަހަލަ މާހައުލެއް ކަމަށް އިނގިރޭސި މަޝްހޫރު ކޯޗު ސްޓީވް ޑާބީ ވެސް ވަނީ ބުނެފަ އެވެ.

ދަނޑުގެ ސިޑިބަރިއެއް. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ގަލޮޅު ދަނޑު މަރާމާތުކުރުމުގެ ހިޔާލު ވެސް އަދި އާ ސްޓޭޑިއަމެއް އެޅުމުގެ ހިޔާލު ވެސް ގެންގުޅެފައިވެ އެވެ.
ގަލޮޅު ދަނޑުގައި ހަމައެކަނި މައްސަލައަކީ ޖާގަ ނެތުމެއް ވެސް ނޫނެވެ. ތަނބުތަކުން ބަލާ މީހާގެ ވިއު ގެއްލުވާލަ އެވެ. އެކަށީގެންވާ ވަރަށް ފާހަނާ ބަރިއެއް ނެތެވެ. ކެންޓީނެއް ބަހައްޓާނެ ޖާގައެއް ނެތެވެ. ރަނގަޅު ފެންވަރުގެ މީޑިއާ ބޮކްސްއެއް ވެސް ނެތެވެ. އެންޓަރެންސް ނިޒާމެއް ނެތުމުން ފުލް ހައުސް މެޗުތަކުގައި ޖެހެނީ ވަށައިގެން ހުންނަ މަގުތައް ބަންދުކުރާށެވެ. އަނެއްކޮޅުން ވަށައިގެން އޮތީ ގެތައް ކަމުން އެ ސަރަހައްދު ބޮޑުކުރެވޭނެ ގޮތެއް ވެސް ނެތެވެ. ދަނޑުގެ ހަމައެކަނި ޕޮޒިޓިވް ކަމަކީ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެވެ.
ގަލޮޅު ދަނޑަކީ 1980ގެ އަހަރުތަކުން ފެށިގެން އެކި ފަހަރުތަކުގެ މަތިން ބިނާކުރަމުން އައި ތަނެކެވެ. ކުރިން ދަނޑުގެ މެޖޯރިޓީ އަކީ ސިޑިބަރި އެވެ. އެކަމަކު ފަހުން ވަނީ އެއްކޮށް ގޮނޑި ޖަހައިފަ އެވެ. ފަހަކަށް އައިސް އެންމެ ބޮޑު ތަރައްގީއެއް ގެނައީ 2014 ގެ ޗެލެންޖް ކަޕަށެވެ. އެ ފަހަރު ރޮސްޓަރަމް އާކޮށް، ވީއައިޕީ ބޮކްސް ހަދައި ޕްރެސް ބޮކްސް އާއި މީޑިއާ ރޫމެއް ހެދި އެވެ.
ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ބޭނުންކުރި އެކަމަކު ފަހުން ފުޓްބޯޅައަށް ހާއްސަވި ގަލޮޅު ދަނޑަކީ މިހާރު ވެސް ދޭތެރެއަކުން މިނިވަން ދުވަހުގެ ކުޅިވަރުތައް ނޫނީ މިއުޒިކް ޝޯތައް ވެސް އޮންނަ ތަނެކެވެ. އަދި 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ހުވާކުރެވުން ވެސް އޮތީ ދަނޑުގަ އެވެ.
ގަލޮޅު ދަނޑަށް މިހާތަނަށް ދެވިފައި އޮތީ ފެންކައްކާ ބޮލީގެ އިއްޒަތެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނިމުމުން އެތަން އަނެއްކާ ވެސް ދޫކޮށްލެވިއްޖެ ނަމަ، ނުވަތަ ހަލާކުވާ ދިމާތަކުގައި ބޭސް މަލަންގަނޑެއް އަޅައިގެން ފުއްދާލައިފި ނަމަ ދެން އަންނަ މުބާރާތެއްގައި ވެސް އަނެއްކާ އެއްކަލަ "ޓިކެޓެއް ނެތްހޭ؟" ސުވާލު އަމާޒުވާން ފަށާނެ އެވެ.













