ގައުމީ ޓީމުގެ އިލްތިމާސެއް: "ކެތްތެރިވެ ހެޔޮ ދުއާކޮށް ޓީމަށް ސަޕޯޓް ދީ"

Oct 10, 2021, 5:49 AM
ގައުމީ ޓީމުގެ އިލްތިމާސެއް: "ކެތްތެރިވެ ހެޔޮ ދުއާކޮށް ޓީމަށް ސަޕޯޓް ދީ"

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗަށް އާއްމުކޮށް ވިއްކަން ހުޅުވާލި ޓިކެޓުތައް އިއްޔެ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވުމުން ގިނަ ސަޕޯޓަރުންތަކެއް ހިތްހަމަނުޖެހިގެން ދަނޑުތެރެއަށް ވެސް ވަނެވެ. އަދި މަގުމަތީގައި ނުރުހުމުގެ ޝުއޫރުތައް ވެސް ފާޅުކުރި އެވެ. އެ ހުރިހާ ކަމަކަށް ބަލައި އެފްއޭއެމުން ވަނީ ރޭ ހާއްސަ ކެޓަގަރީން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކައިފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މި ފަދަ އުނދަގޫ ދަނޑިވަޅެއްގައި ގައުމީ ޓީމަށް ސަޕޯޓްކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް، ޓީމާ އެކު ތިބުމަށް އިލްތިމާސެއްކޮށްފަ އެވެ. މާލޭގެ އާބާދީ އޮތްގޮތުން ވީޙާވެސް ގިނަ ބަޔަކު ދަނޑަށް ވަދެ ޓީމަށް ސަޕޯޓްކުރަން ބޭނުންވި ކަމުގައި ވިޔަސް ގަލޮޅު ދަނޑުގައި އެ ހާލަތު ނެތި އެކަން ކުރެވޭނެ ގޮތެއް ނެތުމުން އެއީ ކުޅުންތެރިން ވެސް ހިތާމަކުރާ ކަމެކެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނީ ހުރިހާ އެންމެން ވެސް ދަނޑަށް ވަދެ ދިވެހި ޓީމަށް ސަޕޯޓްކުރަން ބޭނުންވާނެކަން އެނގޭ ކަމަށާއި އެކަމަކު، އުނދަގޫ ހާލަތެއްގައި އޮވެގެން މި މުބާރާތުގައި ކުޅެން ކުރިމަތިލިއިރު، އެކި ކަހަލަ ދަތިތައް ހުންނާނެކަން ގަބޫލުކުރަން އެދޭ ކަމަށެވެ.

"މި ވަގުތު ގަލޮޅު ދަނޑުގެ ހާލަތު ހުރިގޮތުން އެހާ ގިނަ ބޭފުޅުންނަށް ނުވަދެވޭތީ އަޅުގަނޑުމެން ވެސް ދެރަވޭ. އެކަމަކު ވެސް ހުރިހާ ބޭފުޅުންނަށް ވެސް މިކަން ވިސްނޭނެ ކަމަށް އުއްމީދުކުރަން. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑުމެން ފަހަތުގައި ތިއްބެވުން އެދެން. ހެޔޮހިތުން އަޅުގަނޑުމެންނަށް ކާމިޔާބަށް އެދިލުމަކީ ވެސް އަޅުގަނޑުމެންނަށް ކޮށްދެވޭ އެންމެ ބޮޑު ސަޕޯޓް،" އަކޫ ބުންޏެވެ.

"އެކަން ހުރިހާ ބޭފުޅުން ވެސް ހަނދާން ބަހައްޓައިގެން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިންޝާﷲ ކާމިޔާބު މިންވަރު ކުރައްވާށި،"

އިއްޔެ ގަލޮޅު ދަނޑު އޮލިމްޕަސް ކަންމަތީގައި ޓިކެޓް ގަންނަން ތިބި މީހުން އެއްވެގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ބުނީ ކޮވިޑްގެ މި ހާލަތުގައި ދަނޑަށް މި ވަދެވެނީ ފަސްހާހެއްހާ މީހުންނަށް ކަމަށްވާއިރު، ހުރިހާ އެންމެންނަށް ދަނޑަށް ވަދެ ސަޕޯޓް ނުކުރެވުނަސް ގައުމީ ޓީމަށް ސަޕޯޓްކުރުމުގައި ދެމިތިބެން އެދޭ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ސަޕޯޓަރުންގެ ހުރިހާ އެންމެން މާލޭގެ އާބާދީ އަށް ބަލާއިރު އެންމެނަށް ދަނޑަށް ވެސް ނުވަދެވޭނެ. އުނދަގޫ ދަނޑިވަޅެއްގައި ލިމިޓެޑްކޮށް މި އިންނަނީ ޓިކެޓާ އެއްޗެހި. ކޮންމެ ގޮތެއްވިޔަސް އިތުރަށް ނެތް ވަދެވޭކަށް. މިހާރު އިން ގޮތަށް ވެއްޖިއްޔާ މިހާރު އިންވަރަށް ވަދެގެން ވެސް ގޭގަ ތިބެގެން ޓީމަށް ސަޕޯޓް ދެއްވާށޭ. ހާލަތުގައި ކެތްތެރިވެގެން ޓީމަށް ސަޕޯޓް ދެއްވާށޭ މެސެޖަކީ،" ސެންޓޭ ބުންޏެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު އަދި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ފައިސަލް ބުނީ މި ދަނޑިވަޅަކީ ވަރަށް އުނދަގޫ ދަނޑިވަޅެއްކަމަށާއި ވަރަށް ގިނަ ސަޕޯޓަރުން ސަޕޯޓް ދިނުމަށްޓަކައި ދަނޑަށް ވަންނަން ވިޔަސް މީގެ އެންމެ މުހިއްމީ ކޮންމެ ތާކު ހުރި ކަމުގައި ވިޔަސް ޓީމު ފަހަތުގައި ތިބުން ކަމަށެވެ

"އެންމެ މުހިއްމީ ދަނޑަށް ވަނުމެއް ނޫން. އެންމެ މުހިއްމު ކަމަކީ ދަނޑަށް ނުވަދެވޭ މީހުން ވެސް ގޭގައި ތިބެގެން ވެސް ހެޔޮ ދުއާ ކޮށްދިނުން. އެންމެން ވެސް ފޯރިއާ އެކު ގައުމީ ޓީމުގެ ރޫހާ އެއްގޮތަށް ސަޕޯޓް ކޮށްދޭށޭ ބުނެލަން އޮތީ،" ފައިސަލް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ސަޕޯޓް ކުރަން ދަނޑަށް ވަނުމުގައި ކެތްތެރިކަން ބަހައްޓަވަން އިލްތިމާސްކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ދަނޑުގެ ޖާގަ މި އޮތްގޮތުން ގާތްގަނޑަކަށް ފަސްހާސް ޖާގަ މި އޮންނަނީ އެހެން ނަަމަވެސް ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅުގަނޑުމެންނަށް ސަޕޯޓްކުރުމަށްޓަކައި ދަނޑަށް ވަންނަން އެތައް ހާސް ބަޔަކު ތައްޔާރަށް އެބަތިބި ދަނޑަށް ވަންނަން ފުރުސަތު ނެތް. އެ ބޭފުޅުންގެ ފަރާތުން ވެސް އެދެނީ ޓީމަށް އެ ބޭފުޅުންގެ ދުއާ އާއި ހެޔޮ އެދުންތައް އޮތުން،" ސުޒޭން ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގަލޮޅު ދަނޑު ބޭނުންކުރެވޭ ވަރަށް މަރާމާތު ކުރީ މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ގަލޮޅު ދަނޑުގެ ދެ ސަރަަހައްދެއްގެ ސިޑިބަރި ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންދުކޮށްފަ އެވެ. އަލުން ބޭނުންކުރަން ފެށީ ދަނޑުގެ ސަހަރާފަޅި މަތި ނޫން އެހެން ތަންތަނެވެ. ސަަހަރާފަޅި މަތީގައި ގިނަ ބަޔަކު އެރުވުމުގެ ބަދަލުގައި އެތަން ބޭނުންކުރަނީ މީޑިއާ ޓްރިބިއުންއެއްގެ ގޮތުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox