ޓިއުރިން (އޮކްޓޫބަރު 7) - ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ، އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް އިން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ފްރާންސް ކުޅޭނީ ސްޕެއިނާ އެވެ. ހަމަ އެރޭ ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ޔޫރޯގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ. އިޓަލީން ޔޫރޯ ކާމިޔާބުކުރީ ނޮކައުޓް ބުރުގައި ބެލްޖިއަމް ބަލިކޮށްފައި ގޮހެވެ.
ޔުވެންޓަސްގެ ހޯމް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 40 މިނިޓް ތެރޭ ބެލްޖިއަމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ 37 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ދިން ބޯޅައެއްގައި އޭރިއާތެރެއިން ޔަނިކް ކަރާސްކޯ ތިރިތިރިން ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ބެލްޖިއަމުން ވަނީ ރޮމެލޫ ލުކާކޫގެ މޮޅު ގޯލުން ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖަހަން ބޯޅަ ދިނީ ޑިބްރޭނާ އެވެ.
ދެ ވަނަ ހާފްގައި ނުކުމެ ފްރާންސް އިން ނަތީޖާ އަނބުރާލީ މޮޅަށް ކުޅެގެންނެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ކަރިމް ބެންޒެމާ އެވެ. ކީލިއަން އެމްބާޕޭ ދިން ބޯޅައެއްގައި ބެންޒެމާ ވަނީ ރަނގަޅަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ހަތް މިނިޓް ފަހުން އެމްބާޕޭ ވަނީ ޕެނަލްޓީ އަކުން ފްރާންސަށް އެއްވަރުކޮށްދީފަ އެވެ. މިއީ އެންޓޮއިން ގްރީޒްމަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި ލުކާކޫ ބެލްޖިއަމަށް ގޯލެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
އެކަމަކު، މެޗުގެ 90 ވަނަ މިނިޓްގައި ފްރާންސްގެ ފުލްބެކް ތިއޯ ހެނާންޑޭޒް ޖެހި ތަފާތު ގޯލާ އެކު ފްރާންސް ފައިނަލުން ޖާގަ ޔަގީންކުރީ އެވެ. ހެނާންޑޭޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ތިބައު ކޯޓުއާ އަށް އެ ސަލާމަތްކުރަން މާ ބޮޑު ކަމެއް ނުކުރެވި އެވެ.
މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ފުރަތަމަ ހާފު ނިމުނު ގޮތުން މި މެޗުން ފްރާންސް މޮޅުވެދާނެ ކަމަށް ގަބޫލުކުރަން ގިނަ ބަޔަކަށް ދަތިވެދާނެ ކަމަށެވެ. އެކަމަކު، އެކަމަކު ފްރާންސް އިން މަސައްކަތް ކޮށްފިނަމަ ކޮންމެ ޓީމެއް ކައިރީގައި ކޮންމެ ހާލަތެއްގައި ވެސް ނަތީޖާ ނެރެވޭނެކަން ސާބިތުވެއްޖެ ކަމަށް ޑެޝޯމްޕްސް ބުންޏެވެ.












