"ބަންގްލަދޭޝް މެޗުން މޮޅު ނުވެ އަޅުގަނޑުމެންނަށް މުބާރާތުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތް،"
ރާއްޖެ އަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިދީ މި ފަހަރުގެ މުބާރާތުގައި އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއުކުރުމުގެ އަމާޒުގައި ޓީމު ލީޑުކުރުމުގެ ޒިންމާ ބޮލުގައި އަޅައިގެން ހުރި ގައުމީ ޓީމުގެ އަކުރަމް އަބްދުލް ގަނީ (އަކޫ)، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭގެ މެޗާ ބެހޭގޮތުން ބުނީ މިހެނެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު ކުޅުނު ދެ މެޗުން މޮޅުވެގެން އެއް ވަނައިގައި ނޭޕާލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ބަންގްލަދޭޝް އެވެ. ތިން ވަނައިގައި އޮތް އިންޑިއާ އަށް އަށް ވަނީ މެޗަކުން ޕޮއިންޓެއް ލިބިފަ އެވެ. ރާއްޖެ ހަތަރެއްގައި އޮތީ އެއް މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި އެވެ. އަދި އެންމެ ފުލުގައި އޮތް ލަންކާ ކުޅުނު ދެ މެޗުން ވެސް ވީ ބައްޔެވެ.
މުބާރާތުގެ ގަވާއިދު ރޭވިފައި އޮތްގޮތުން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ރާއްޖޭން މިރޭގެ މެޗުގައި މޮޅުވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ މިރޭ ތިން ޕޮއިންޓް ނުލިބިއްޖެނަމަ އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލޭއިރު، އެހެން ނަތީޖާތަކަށް ބަރޯސާވެގެން ފައިނަލަށް ދާން ބަލާއިރު، އެކަން އެ ގޮތަށް ވުމުގެ މެތަމެޓިކަލް ފުރުސަތު ވެސް ވަރަށް ހަނިވާނެތީ އެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކޫ: އަކޫ ވަނީ މިރޭ މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ބުނެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ބަންގްލަދޭޝްގެ ކޯޗު އޮސްކާއާ މެދު ވިސްނަން ޖެހޭ
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާ ހަވާލުވެހުރީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް އެއް އަހަރު ދުވަހު ކޯޗުކޮށްދިން ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮން އެވެ. މި ވަގުތު ރާއްޖޭގެ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އަށް ވަަަރަކަށް ކުޅުންތެރިންނަކީ އޮސްކާއާ އެކު ނިއުގައި މަސައްކަތް ކުރި ކުޅުންތެރިންނެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅޭ ކުޅުންތެރިންނެވެ.
މިދިޔަ މަހު އޭއެފްސީ ކަޕްގައި އޮސްކާ ކޯޗުކޮށްދޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އިން ވަނީ މާލޭގައި ރާއްޖޭގެ މާޒިޔާ އަތުން 2-0 އިން މޮޅުވެފަ އެވެ.
އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވަނީ "މާޒިޔާ އަކީ އެންމެ ވަރުގަދަ ޑިފެންސް އޮތް ޓީމެއް ނޫން" މިހެން ބުނެފަ އެވެ. ހަމަ އެ ގޮތަށް މިރޭ ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވަނީ "ރާއްޖެ އަކީ އެންމެ ވަރުގަދަ ޑިފެންސް އޮތް ޓީމެއް ނޫން" ކަމަށް ބުނެފަ އެވެ.
ތަކުރާރުކޮށް ހަމަ އެއް ގޮތަކަށް މި ފަދަ ވާހަކައެއް އޮސްކާ ދެއްކީތީވެ، އޭނާގެ ވިސްނުން ހުރީ އެއް މިސްރާބަކަށް ކަން ސާފެވެ. މެޗުގެ ކުރިން ރާއްޖޭގެ ޑިފެންސް އަކީ ބަލިކަށި މަގާމެއްގެ ގޮތުގައި ވާހަކަ ދައްކައިގެން އޭގެ ފައިދާ ނެގުމަށެވެ. އެ ކަން އޮތީ އެ ގޮތަށް ތޯ އެހުމުން އޮސްކާ ދެބަހެއް ނުވި އެވެ.
އޮސްކާ ހުރެެގެން ބަންގްލަދޭޝަށް ފައިދާއެއް ނެގޭނެތޯ އެއީ ރާއްޖޭން ވިސްނަން ޖެހޭ "ފެކްޓާ" އެއްތޯ އެހުމުން ގައުމީ ޓީމުގެ ކެޕްޓަން އަކޫ ބުނީ އެއްވެސް ފެކްޓާ އަކަށް އެއްވެސް ކަމަކަށް ބެލުމެއް ނެތި ގައުމީ ޓީމަށް އޮތީ މޮޅުވުން ކަމަށެވެ.
ފުރަތަމަ އެގާރަ އަށް ބަދަލު ގެންނަން ޖެހޭތަ؟
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭނަށް އަމާޒުވި އެއް ސުވާލަކީ ގައުމީ ޓީމުގެ މިޑްފީލްޑަރަކަށް ހުރި (ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު) އަސްހަދު އަލީ (އަޑޭ) އަށް ސޯޝަލް މީޑިއާގައި އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ބަލާނެތޯ ސުވާލެއް ކޮށްފަ އެވެ.
ސުޒޭން ބުނީ އަޑޭ ވިޔަސް އަދި އެހެން ކުޅުންތެރިއަކު ވިޔަސް ގައުމީ ޓީމުގައި ހިމެނެން ނުޖެހޭ ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) އަށް މައުލޫމާތު ލިބިފައިވާ ކުޅުންތެރިއަކު ނެތް ކަމަށެވެ. އެހެން ކަމުން ސްކޮޑުގައި ތިބި 23 ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކު ބޭނުން ނުކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން އަޑޭ (ކ) އާއި އައިސަމް.-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
އަޑޭއާ ބެހޭގޮތުން ސުވާލުކުރި މަގުސަދު އޮޅުންފިލުވައިދިނުމަށް ސުޒޭން ވަނީ އެދިފަ އެވެ. އެ ސުވާލު ބޭރު މީޑިއާ އަށް ތަރުޖަމާކޮށް ނުދޭން ގައުމީ ޓީމުގެ މެނޭޖަރު ޝިބާ ނިންމި އެވެ.
ގައުމީ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލު އަންނަން ޖެހޭ ކަމަށް އެކި ފޯރަމްތަކުގައި އެކި ގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. ފުޓްބޯޅައިގައި އާންމު ގޮތެއްގައި ބަދަލު ނުކުރަނީ ވިނިން ޓީމު (މޮޅުވަމުން އަންނަ ޓީމު) އެވެ.
ރާއްޖޭން މުބާރާތް ފެށީ ބައްޔަކުން ކަމަށްވާއިރު، މިގޮތަށް ކުރިއަށްދާ ކުރު މުބާރާތެއްގައި ފުރަތަަަމަ މެޗުން ދިމާވި ކަންތައްތައް ރަނގަޅުކުރަން ބަލާނަމަ ފުރަތަމަ އެގާރަ އަށް ބަދަލު އަންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ފުރަތަމަ މެޗުގެ ދެ ވަނަ ހާފްގައި ރާއްޖޭން ކުރި ބަދަލުތަކާ އެކު އެޓޭކުގައި ޕޮޒިޓިވް ގިނަ ކަންތައްތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. ހާއްސަކޮށް ނާއިޒު ހަސަން (ދާދު) ކުޅެން އެރި ފަހުން އެ ފަޅި ފެނުނީ ނޭޕާލަށް ނުރައްކާ ބޮޑު ތަނެއްގެ ގޮތުގަ އެވެ. އެ ފަދަ ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ، އަނިޔާގެ މައްސަލަތަކެއް އުޅޭތީ ބަންގްލަދޭޝާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ޓީމުން ދެތިން ބަދަލެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ކުޑަކުޑަ އިންޖަރީ އިޝޫތަކެއް (މައްސަލަތަކެއް) އެބައުޅޭ. އެހެން ނޫނީ މާ ބޮޑު ބަދަލެއް އަންނާނެ ސަބަބެއް ނެތް. ސްކޯ ކުރުން ފިޔަވައި، އެހެން ގިނަ ކަންތައްތައް (ފުރަތަމަ މެޗުގައި) ރަނގަޅަށް ދިޔައީ. ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންތައްތައް ފެނުނު،" ސުޒޭން ބުންޏެވެ.
ތާރީހަށް ބަލާއިރު ރާއްޖެ ކޮޅަށް، އެކަމަކު މިއީ ޕްރެޝަރު މެޗެއް
ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނޭޕާލުން ނުކުތީ ޕްލޭނަކާ އެކު ކަމަށް އެ ޓީމުގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީ ވަނީ ބުނެފަ އެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ ކުޅޭއިރު، ގޯލެއް ނުޖެހި ހިނގާ ކޮންމެ މިނިޓެއްގައި ރާއްޖެ އަށް ޕްރެޝަރު ބޮޑުވާނެ ކަމަށް މުތައިރީ ބުނެފައިވާއިރު، އޭނާގެ ނޭޕާލް ޓީމުން ވަނީ ރާއްޖެއާ ދެކޮޅަށް ނުކުތް ޓާގެޓް ހާސިލްކޮށްފަ އެވެ. މެޗުން މޮޅުވީ ރާއްޖޭން މޮޅުވާން ބޭނުންވެގެން ކުރިއަށް އަރައި ތިއްބައި ނޭޕާލުން ކުރި ކައުންޓަ އެޓޭކެއްގަ އެވެ.
ބަންގްލަދޭޝް އިން ވެސް ރާއްޖެއާ ދެކޮޅަށް އެ ފަދަ ގޮތެއް އިހުތިޔާރުކޮށްފާނެ ކަމުގެ ސިގްނަލެއް އިއްޔެ އެ ޓީމުގެ ކޯޗު އޮސްކާ ވަނީ ދީފަ އެވެ.
އޮސްކާ ބުނީ ބަންގްލަދޭޝް ފުޓްބޯޅަ އާއި ދިވެހި ފުޓްބޯޅަ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ޑިފެންސް ވަރުގަދަވުން ކަމަށެވެ. ބަންގްލަދޭޝް ފުޓްބޯޅައިގެ މައިގަނޑު އެއް ސިފަ އަކީ ވެސް ޑިފެންސް ކުރުން ކަމުގައި އޮސްކާ ވަނީ ބުނެފަ އެވެ. މާނަ އަކީ އެ ޓީމުން އެ ސިފައިގެ ބޭނުން ހިފައި މި ވަގުތު ރާއްޖެ އަށް ވުރެ ޕޮއިންޓް ތާވަލުން ކުރީގައި އޮތުމުން އޭގެ ބޭނުން ހިފުމެވެ.

2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދާދު (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ.
ރާއްޖެ އަތުން ޕޮއިންޓަކުން ބަންގްލަދޭޝް އަށް ފުއްދާލެވޭ ގޮތަށް ހާލަތު އޮތްއިރު، ތާރީހަށް ބަލާނަމަ މިއީ ފަހަކަށް އައިސް ބަންގްލަދޭޝަށް ވަރަށް ބަދު ނަސީބުކޮށް އޮތް މެޗެކެވެ. ބަންގްލަދޭޝް އިން އެންމެ ފަހުން ރާއްޖެ ބަލިކުރީ 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.
އޭގެ ފަހުން ރާއްޖޭން ވަނީ ބަންގްލަދޭޝާ ދެކޮޅަށް ސީނިއާ ފުޓްބޯޅައިގައި ތިން ފަހަރު ކުރިމަތިލައިފަ އެވެ. ތިން މެޗުން ވެސް ރާއްޖެ ވީ މޮޅެވެ. އިންޑިއާގައި 2011 އާއި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްތަކުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭން ވަނީ 5-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ބަންގްލަދޭޝާ ދެކޮޅަށް އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖޭން ކުޅުނީ 2015 ވަނަ އަހަރު އެވެ. އެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ވައްދާލި ޕެނަލްޓީން ރާއްޖެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. ދެ ވަނަ ހާފުގައި ރާއްޖެ ދެ ވަނަ ގޯލެއް ޖަހަން ލިބުނު ފުރުސަތުތައް ނަގާލިއިރު، އޭގެ ނަތީޖާ އަކަށްވީ މެޗުގެ 86 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ހެމޮންޓޯ ބިސްވާސް ނަތީޖާ ހަމަހަމަ ކުރުމެވެ. ރާއްޖޭން މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދާދު ޖެހި މޮޅު ގޯލާއި އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ގޯލުންނެވެ.
މިރޭ އަމިއްލަ ފަސް ގަނޑުގައި ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް ރަނގަޅު ޕްލޭނަކާ އެކު ނުކުތުން ވަރަށް މުހިއްމެވެ. އެއީ އިދިކޮޅު ބެންޗުގައި ހުރި ދިވެހި ފުޓްބޯޅަ އަށް ފަރިތަ ކޯޗު އޮސްކާއާ އެކު ބަންގްލަދޭޝް އޮތީ ފޯމެއްގަ އެވެ. އެކަމަކު، ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ނަތީޖާ ނެރެން ޖެހޭ މެޗުތަކުގައި ގިނަ ފަހަރު ހުރީ އެކަން ހާސިލްކޮށްފަ އެވެ. އެހެންކަމުން މިރޭ 9 ޖަހާއިރު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުން ވެސް ނަތީޖާ ނެރެން ޖެހެ އެވެ. އެ ނޫން ގޮތެއް މި ވަގުތު ގައުމީ ޓީމަށް ނެތެވެ.












