އުރީދޫ ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން ރާއްޖެ އައި ބަންގްލަދޭޝް ނޫސްވެރިއަކަށް ހުރަސްއެޅި އެފްއޭއެމްގެ މުވައްޒަފުގެ މައްސަލައިގައި އެ އެސޯސިއޭޝަނުން މިރޭ މަފަށް އެދިއްޖެ އެވެ.
ބަންގްލަދޭޝް-ރާއްޖެ މެޗުގެ ޓިކެޓް ވިއްކުމުގެ މައްސަލަ ގޯސްވެ، ގަލޮޅު ދަނޑު އޮލިމްޕަސް ކަންމަތީ ޓިކެޓް ކައުންޓަރު ކައިރީގައި ހުރި ބެރިކޭޑް ކައިރީ އޮން ކެމެރާގައި ހުރި ބަންގްލަދޭޝްގެ ޓީވީއެއްގެ ނޫސްވެރިއަކު ވާހަކަ ދައްކަމުން ދަނިކޮށް، އެފްއޭއެމްގެ މުވައްޒިފަކު އޭނާ ކަރުގައި އަޅާފައި އޮތް ސާފް ޗެމްޕިއަންޝިޕްގެ މީޑިއާ ފާހެއް ނަގަން ވަނީ މަސައްކަތް ކޮށްފަ އެވެ.
މި މައްސަލަ ހޫނުވެ، ސޯޝަލް މީޑިއާގައި ބަންގްލަދޭޝްގެ ގިނަ ބަޔަކާއި ދިވެހިން މި ވާހަކަ ދައްކަމުންދިޔަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެފްއޭގެ ސްޓާފެއްގެ ފަރާތުން ފެނިގެންދިޔަ ބަަލައިގަންނަން އުނދަގޫ އަަމަލެއް ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އެފްއޭއެމްގެ ފަރާތުން މާފަށް އެދެން،" ބައްސާމް ވިދާޅުވި އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލްގެ ނޫސްވެރިން ވަނީ މާލެ އައިސްފަ އެވެ. އެންމެ ގިނައީ ބަންގްލަދޭޝްގެ މީޑިއާ އެވެ.
ސާފް ޗެމްޕިއަންޝިޕް ކަވަރުކުރަން އައި ބަންގްލަދޭޝްގެ ޓީވީ ޗެނަލް "ޓީ ސްޕޯޓްސް"ގެ ނޫސްވެރިއަކު އިންޑިއާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ފަހު ކަށިގަނޑު ފުމުނުތާ އިރުކޮޅެއްގެ ތެރޭގައި ވީޑިއޯ ކުރަމުން ދަނޑަށް އެރި މަންޒަރު އެތާ މީޑިއާ ޓްރިބިއުން އިން ތިރިއަށް ފޭބި ހުރިހާ ނޫސްވެރިންނަށް ފެނުނެވެ. ވަގުތުން އޭނާ އަތުން ފާސް އަތުލި އެވެ. މެޗު ނިމޭތަނުން ކުޅުންތެރިން ވެސް ދަނޑުން ނުފައިބަނިސް ދަނޑަށް އެރުމުގެ ހުއްދަ އެއްވެސް މީޑިއާއަކަށް ނޯވެ އެވެ.
މި މައްސަލައިގައި ބަންގްލަދޭޝްގެ ނޫސްވެރިޔާ ވަނީ އަލުން ފާސް ހޯދަން މައާފަށް އެދި ސިޓީއެއް ފޮނުވައި އެ ފަދަ ކަމެއް ތަކުރާރުނުވާނެ ކަމަށް ބުނެފަ އެވެ.
މި ފަހަރުގެ މުބާރާތް ކަވަރުކުރަން އައި ބިދޭސީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު ބަންގްލަދޭޝްގެ ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ސުވާލުކުރަން ދެނީ އެ ގައުމުގެ މީޑިއާތަކަށެވެ. އެ އަށް ފަހު އެހެން ގައުމުތަކަށް އެ ފުރުސަތު ދެ އެވެ.












