މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗަށް ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓްތައް ވިކި ހުސްވެފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެފްއޭއެމުން މިއަދު ބުނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 5000 ކަމަށެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ނިންމާފައިވަނީ 350 ޓިކެޓް ކަމަށާއި އެ އުސޫލުން ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓްތައް މިއަދު މެންދުރާ ހަމައަށް ވިކި ހުސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެފްއޭއެމުން ބުނީ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ބަލަން ވިއްކާ ޓިކެޓްތައް ދިވެއްސަކު ގަތުމަށް ފަހު ބަންގްލަދޭޝް މީހަކަށް ވިއްކައިގެން އެ މީހަކަށް ދަނޑަށް ނުވަދެވޭނެ ކަމަށެވެ.
"މީގެ ރޭވިފައި އޮތް ގޮތަކީ ބަންގްލަދޭޝް ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޒޯނުގެ ޓިކެޓްތަކަށް އެ މީހުންނަށް ވަދެވޭނީ. އެ ޒޯނުގެ ޖާގަތަކަށް ވާ ވަރަށް ޓިކެޓް ހުންނާނީ. މާނަ އަކީ ދިވެހި ސަޕޯޓަރުންނަށް ހާއްސަ ޓިކެޓަކަށް ބަންްގްލަދޭޝް މީހަކަށް ވަނުމުގެ ޖާގައެއް ނެތް. އެއީ އައިޑީ އެއް ޗެކް ކޮށްފައި ވައްދާނީ،" އެފްއޭއެމުން ބުންޏެވެ.
ބަންގްލަދޭޝް އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވަނީ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަަމަ މެޗުގައި ލަންކާ އަތުން 1-0 އިން މޮޅުވިއިރު، އިއްޔެ ހަވީރު ވަނީ ކުޅުންތެރިއަކު މަދުކޮށް އިންޑިއާއާ 1-1 އިން އެއްވަރުކޮށްފަ އެވެ.
ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން އާއި އެ ޓީމުގެ ކުޅުންތެރިން ވަނީ ދަނޑަށް ވަންނަ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓަކީ މެޗުތަކުގައި ރަނގަޅު ކުޅުން ދައްކަން ލިބޭ ހިތްވަރެއް ކަމަށް ބުނެފަ އެވެ.
އިއްޔެގެ މެޗަށް ފަހު އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވެސް ވަނީ އިންޑިއާގެ ކުޅުންތެރިންނަށް ބަންގްލަދޭޝް ކައިރީގައި ކުޅެން އުނދަގޫވި އެންމެ ބޮޑު ސަބަބަކީ ދަނޑުގެ މާހައުލު އޮތީ ބަންގްލަދޭޝަށް ވަރަށް ފަސޭހަވާ ގޮތަށް ސަޕޯޓް ލިބިލިބި ކަމަށްވާތީ އެވެ.
ރާއްޖެ ފިޔަވައި އެންމެ ގިނައިން ސަޕޯޓަރުން ވަންނަނީ ބަންގްލަދޭޝްގެ އެވެ. އެއީ ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން ދިރިއުޅޭތީ އެވެ. މެޗުތަކަށް ވަންނަ ނޭޕާލްގެ ސަޕޯޓަރުން ވެސް ނިސްބަތުން ގިނަ އެވެ.
ރާއްޖެއާ ދެކޮޅަށް 2016 ވަަނަ އަހަރު ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އިން ކުޅުނު މެޗަށް ދަނޑު ފުރާލީ ބަންގްލަދޭޝް ސަޕޯޓަރުން ވަދެ އެެވެ. އެކަމަކު، އެ މެޗުގެ ވަކި ހިސާބަކުން ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑުން ނިކުތީ ރާއްޖެ ގޯލުތައް ޖަހަން ފެށުމުންނެވެ. ރާއްޖެ އެ މެޗުން މޮޅުވީ 5-0 އިންނެވެ.












