ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި

Oct 4, 2021, 12:53 PM
ލަނޑު ޖެހުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ލަނޑު ޖެހުމަށް ފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ދެ ވަނަ ހާފްގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބަންގްލަދޭޝް އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ 1-1 އިން އެއްވަރުކޮށްފި އެވެ..

މި ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓާ އެކު އޮތް ނޭޕާލް އެވެ. އެއް މެޗުން ޕޮއިންޓެއް ހޯދި އިންޑިއާ ތިން ވަނައިގައި އޮތްއިރު، ހަތަރެއްގައި އޮތް ރާއްޖެ އާއި ފަހެއްގައި އޮތް ލަންކާ އަށް އަދި އެއް މެޗު ކުޅެގެން އޮތީ ޕޮއިންޓެއް ނުލިބި އެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުގެ އެންމެ ކުރިހޯދާ ދެ ޓީމެވެ.

އިންޑިއާ އިން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ވަނީ މިދިޔަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ކުޅެން މާލެ އަށް އައި އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރުގެ ހަތް ކުޅުންތެރިން ހިމަނައިފަ އެވެ. ބަންގްލަދޭޝް އިން ވަނީ ފުރަތަމަ މެޗުގައި ލަންކާ އަތުން މޮޅުވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްފަ އެވެ.

ބަންގްލަދޭޝް މެޗަކުން މޮޅުވެފައި އޮތުމުން މެޗު ފެށީ ޑިފެންސިވް ކޮށެވެ، ފަހަތަށް ގިނަ ކުޅުންތެރިން ފައިބައިގެން ކުޅުނުއިރު، އެ ޓީމުގެ ވިސްނުން ހުރީ ކައުންޓަ އެޓޭކުގައި ގޯލެއް ޖެހޭތޯ ބެލުމަށެވެ. އެ ގޮތުން ފުރަތަމަ 10 މިނިޓް ތެރޭ ދެ ބޯޅައެއް ކުރިއަށް ކުޅެގެން އެޓޭކް ކުރެވޭތޯ މަސައްކަތްކުރި އެވެ.

އިންޑިއާ އިން މެދުތެރެއިން ކޮންްޓްރޯލް ނަގައިގެން އެޓޭކް ކުރެވޭތޯ ބެލިއިރު، އެ ޓީމުގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ފޯވާޑް މަންވީރު ސިންގް އަށް ލިބޭ ބޯޅަތައް މަދުކުރަން ބަންގްލަދޭޝް އިން ދިޔައީ އޭނާ މާކްކޮށްގެން ކުޅެމުންނެވެ. އެކަމަކު، ލިބޭ ޖާގަތަކުގައި އޭނާ ދިޔައީ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ.

މެޗުގެ 25 ވަަނަ މިނިޓްގައި ސުނިލް ޗެތުރީ ވަނީ އިންޑިއާ އަށް ލީޑުނަގައިދީފަ އެވެ. އުދަންތާ ސިންގް އަރިމަތިން އޭރިއާތެރެއަށް ހިފައިގެން ވަދެ ހުރަސްކޮށްލި ބޯޅަ ޗެތުރީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ޗެތުރީ ސާފް ޗެމްޕިއަންޝިޕްގައި ޖެހި 11 ވަނަ ގޯލެވެ. ޗެތުރީ ވަނީ މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝް އަތުން އިންޑިއާ މޮޅުވި މެޗުގައި ދެ ގޯލު ޖަހައިފަ އެެވެ.

އިންޑިއާގެ ޗެތުރީ (ކ) ބަންގްލަދޭޝްގެ ޓޯޕޫ ކައިރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޗެތުރީ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ގޯލެއް ޖެހީ 2015 ވަނަ އަހަރުގެ ފައިނަލުގައި އަފްގާނިސްތާން ކޮޅަށެވެ. އިންޑިއާ އިން 2018 ވަނަ އަހަރު ސާފްގައި ކުޅުނީ 23 އަހަރުން ދަށުގެ ޓީމެވެ. އެ ފަހަރު ސްކޮޑުގައި ޗެތުރީ ނުހިމެނެ އެވެ.

އިންޑިއާ ލީޑުނެގިތާ މިނިޓެއްގެ ތެރޭގައި ބަންގްލަދޭޝް އިން ކުރި އެޓޭކެއްގައި އޭރިއާ ބޭރުން ބިޕްލޯ އަހުމަދު ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ރެފްރީ ވަނީ ވޯޓަ ބްރޭކެއް ދީފަ އެވެ.

ޗެތުރީ ވަނީ މެޗުގެ 37 ވަަނަ މިނިޓްގައި އިންޑިއާގެ ލީޑުފުޅާކޮށްދިނުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާބޭރުން ޗެތުރީ ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުގައި އިންޑިއާ އަށް ހަމަލާއެއް ނުއުފެއްދި ބަންގްލަދޭޝް އިން ރަނގަޅު ކައުންޓަ އެޓޭކެއް ކުރި އެވެ. އޭރިއާތެެރެއިން ބަންގްލަދޭޝްގެ ސާދު ޖައްސާލި ބޯޅަ އެ ޓީމުގެ ބިޕްލޯ ފޮނުވާލި ނަމަވެސް އިންޑިއާގެ ކީޕަރު ގުރްޕްރީތު ވަނީ މަތަކޮށްފަ އެވެ.

އިންޑިއާ އިން ދެ ވަނަ ހާފަށް ނުކުތީ އަނީރުދް ތާޕާގެ ބަދަލުގައި ބްރެންޑަން ފެނާންޑޭސް ކުޅެން އަރުވައިގެންނެވެ. މި ހާފްގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ފޯވާޑް ރަކީބް ހުސެއިން އޭރިއާތެރޭގައި ހުސްކޮށްހުރެފައި ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެެވެ.

ބަންގްލަދޭޝަށް މައްސަލަ ދިމާވީ މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ބިޝްވަނާތު ގޯޝް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އިންޑިއާގެ ލިސްޓަން ކޮލާސޯ މުޅިން ހުސްކޮށް ކުރިއަށް އެރި ބޯޅައެއްގައި ބިޝްވަނާތު ވަނީ އޭނާ އަށް ފައުލުކޮށްފަ އެވެ. އެންމެ ފަހު ކުޅުންތެރިއާގެ ގޮތުގައި ހުރެ ބިޝްވަނާތު އެ ފައުލުކުރުމުން އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ބަންގްލަދޭޝްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 60 ވަނަ މިނިޓްގައި އިންޑިއާ އިން ދެ ވަނަ ގޯލެއް ޖަހަން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އޭރިއާތެރެއިން މަންވީރު އާއި އުދަންތާ ފުލުފުލުގައި ޖެހި ދެ ބޯޅަ ކީޕަރު އަނީސުރް ވަނީ މަތަކޮށްފަ އެވެ.

ބަދަލުތައް ގެނެސްގެން ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއަކަށްވީ މެޗުގެ 73 ވަނަ މިނިޓްގައި އެ ޓީމުން ނަތީޖާ ހަމަހަމަ ކުރުމެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ބަންގްލަދޭޝްގެ ތޯރިގް ކާޒީ ބޮލުން ޖައްސާލުމުން އެ ބޯޅަ ލިބުނީ ގޯލު ކުރިމަތީގައި ހުސްކޮށްހުރި ޔާސީން އަރަފާތު އަށެވެ. އޭނާ ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

އިންޑިއާ އަލުން ލިޑުނަގަން ކުރިއަށް ޖެހިގެން ކުޅެން ފަށައި މެޗުގެ 85 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ޗެތުރީ އޭރިއާތެރެއިން މަންވީރަށް ދިން ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބަރްމަން ވަނީ ބްލޮކްކޮށްފަ އެވެ. ފަހު ވަގުތު ބަންގްލަދޭޝް އިން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ލަންކާ ކުޅޭނީ ނޭޕާލްއާ އެވެ. މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox