އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭއިރު، އިންޑިއާ އަކީ މުބާރާތުގެ ފޭވަރިޓުންކަން ދަނޑުމަތީގައި ސާބިތުކޮށްދޭން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ބުނެފި އެވެ.
މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓިމަކް ބުނީ މުބާރާތަށް ކުރިމަތިލަނީ ވަރަށް ކޮންފިޑެންސާ އެކު ކަމަށެވެ. އަދި ހާސިލްކުރަން މިއައި ކަންތައް އިންޑިއާ ކުޅުންތެރިންނަށް ވެސް އެނގޭނެ ކަމަށް ސްޓިމަކް ބުންޏެވެ.
"އަހަރެމެންނަކީ ފޭވަރިޓުންކަން ސާބިތުކޮށްދޭން ޖެހޭ. ކޮލިޓީއާ އެކު އަހަރެމެން ކުޅެން ޖެހޭ. އަހަރެެމެން އެއްވެސް ޓިމަކީ ބަލި ޓީމެއް ކަމަށް ނުދެކޭނަން. އަހަރެން ބޭނުމީ އަހަރެމެންގެ ޓީމަކީ މި މުބާރާތުގެ އެންމެ މޮޅު ޓީމުކަން ކުޅުންތެރިންގެ ކުޅުމުން ދަނޑުމަތީގައި ސާބިތުކޮށްދޭން،" ސްޓިމަކް ބުންޏެވެ.
ސާފް ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އިންޑިއާ އިން ވަނީ ކޮންމެ ދެ ފަހަަރަކުން އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އިންޑިއާ އިން ސާފްގެ ޗެމްޕިއަންކަން ހޯދީ 2015 ވަނަ އަހަރު އެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ކުޅުނު ފައިނަލުން އިންޑިއާ ވަނީ ރާއްޖެ އަތުން ބަލިވެފަ އެވެ.
ކޮންމެ ދެ ފަހަރަކުން އެއް ފަހަރު ސާފްގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދާފައިވުމަކީ މި ފަަހަރުގެ މުބާރާތަށް ނުކުންނައިރު، އިންޑިއާ ޓީމަށް އޮތް ޕްރެޝަރެއްގެ ގޮތުގައި ސްޓިމަކް ނުދެކެ އެވެ.
"ވަރަށް ހިތްހަމަ ޖެހޭނެ މުބާރާތް ކާމިޔާބު ކުރެވިއްޖިއްޔާ. އެހެންވެ އަހަރެމެން މި ތިބީ މި މުބާރާތަށް އައިސް. އަހަރެމެންނަށް މުބާރާތް ބޭނުމެއް ނެތޭ ނުބުނެވޭނެ. އޭރުން ކޮންފިޑެންސަށް އަސަރުކޮށްފާނެ. އެހެންވީމަ ވެވުނު ވަރަކުން ތައްޔާރުވެގެން މި ތިބީ އެންމެ ރަނގަޅަށް،" ސްޓިމަކް ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ފަސް ގައުމު ބައިވެރިވާއިރު، އިންޑިއާ ނޫން ކޮންމެ ޓީމެއް ވަނީ މެޗެއް ކުޅެފަ އެވެ. މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
މުބާރާތުގެ މެޗު ޝެޑިއުލް އޮތްގޮތުން ކޮންމެ ޓީމަކަށް ވެސް ހަތަރު ވަރަކަށް ދުވަހުގެ ބްރޭކެއް ލިބޭނެ އެެެވެ. އެކަމަކު އިންޑިއާ ފުރަތަމަ މެޗު ފަހުން ކުޅޭތީ މެޗުތައް ފަށާ ފަހުން އެ ޓީމަށް ބްރޭކެއް ނުލިބޭނެ އެވެ. ސްޓިމަކް ބުނީ ފައިނަލަށް ގޮސްފިނަމަ 12 ދުވަހުގެ ތެރޭ ފަސް މެޗު ކުޅެން ޖެހޭނެ ކަމަށާއި އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
"މި ދައްކަނީ ފަސޭހަ ކަމެއްގެ ވާހަކައެއް ނޫން. އެއީ އަހަރެމެންގެ ގިނަ ކުުޅުންތެރިންތައް މި ތިބީ އޮފްސީޒަނުގައި. އެހެންވެ މި ޖެހެނީ ވަރަށް ވިސްނައިގެން މަސައްކަތް ކުރަން،" ސްޓިމަކް ބުންޏެވެ.
އިންޑިއާ ޓީމުން ހުރިހާ ގޮތަކުން ބަރޯސާވަނީ ކެޕްޓަން ސުނިލް ޗެތުރީ އަށް ނޫން ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ. އޭގެ ހެއްކަކީ ވޯލްޑް ކަޕް ކޮލިފައިންގައި ޗެތުރީ ނުލައި ވެސް އިންޑިއާ އިން ރަނގަޅަށް ކުޅެފައިވުމެވެ. އެ ގޮތުން ސްޓިމަކް ފާހަގަކުރި އެއް މެޗަކީ ގަތަރުގައި އެ ޓީމާ އެއްވަރުކުރި މެޗުގެ ވާހަކަ އެވެ.
އިންޑިއާ އިން ޓީމު އެކުލަވާލިއިރު، މިދިޔަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ކުޅެން ރާއްޖެ އައި ބެންގަލޫރާއި އޭޓީކޭ މޯހަން ބަގާން ކުޅުންތެރިންނަށް ވަނީ އިސްކަންދީފަ އެވެ. ސްޓިމަކް ބުނީ މެޗު ކުޅޭ މާހައުލަށް ހޭނިފައި ހުރުމުގެ އިތުރުން ފިޓްނަސް އަށް ބެލިޔަސް އޭޓީކޭ އާއި ބެންގަލޫރުގެ ކުޅުންތެރިން ރަނގަޅު ކަމަށެވެ.
"އެ މީހުން ޔަގީނުން ވެސް އެހީވާނެ. ފަހަރެއްގައި ހޯމްގައި ކުޅޭ އިހުސާސް ވެސް ކުރެވިދާނެ،" ސްޓިމަކް ބުންޏެވެ.
ދާދި ފަހުން ނިމުނު ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝާއި އިންޑިއާ ދެ މެޗެއް ކުޅުނެވެ. އެ ގޮތުން 2019 ވަނަ އަހަރުގައި އިންޑިއާގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބަންގްލަދޭޝްގެ ހޯމް މެޗު ކުޅެން ޖެހުނީ ގަތަރުގަ އެވެ. އެއީ ކޮވިޑްގެ ސަބަބުން ސެންޓްރަލައިޒްކޮށް މެޗުތައް ގެންދިޔައިރު އެވެ. އެ މެޗުން އިންޑިއާ ވަނީ ފަހު ވަގުުތު ދެ ގޯލު ޖަހައި 2-0 އިން މޮޅުވެފަ އެެވެ.
ބަންގްލަދޭޝް ވިސްނާ ގޮތެއް އިންޑިއާ އިން ނުބަލާނެ
އިންޑިއާ އިން މުބާރާތް ފަށަން ޖެހޭ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭއިރު، އެ ޓީމު އެއް މެޗު ކުޅެގެން ތިން ޕޮއިންޓާ އެކު އޮތުމަކީ ޓެކްޓިކަލީ ރާވައިގެން ވަކި ކަމެއް ހާއްސަކުރަން ބަންގްލަދޭޝަށް ލިބޭ ފަސޭހައެއް ކަމަށް ސްޓިމަކް ފާހަަގަކުރި އެވެ. އިންޑިއާ އެ ކަމަށް ސަމާލުވާން ޖެހޭނެ ކަމަށާއި ދެން ވިސްނަން ޖެހޭނީ ފުރަތަމަ މެޗަށް ވީމަ ދިމާ ހާލަތްތަކަށް ހޭނުން ކަމަށެވެ.
"އެންމެ މުހިއްމީ ފުރަތަމަ މެޗު ރަނގަޅަށް ފެށުން. ރާއްޖެ ވެސް ވަރަށް މޮޅަށް ކުޅުނު މެޗުގައި އެކަމަކު އެންމެ ވަގުތު ކޮޅެއްގެ ތެރޭގައި ނޭޕާލުން ގޯލެއް ޖެހީ. އެ ވިސްނުމަށް ބެލިޔަސް އެނގޭ ފުރަތަމަ މެޗުގެ އުނދަގޫކަން ހަގީގަތުގައި. އަހަރެމެންނަށް ނެގޭނެ އެންމެ ވަރުގަދަ ޓީމު މިއީ،" ސްޓިމަކް ބުންޏެވެ.
ބަންގްލަދޭޝް މުބާރާތުގެ ފުރަތަމަ މެޗުގައި 1-0 އިން ލަންކާ ބަލިކުރި މެޗުގައި ބަންްގްލަދޭޝަށް ލިބުނީ "މަޖާ" ޕެނަލްޓީއެއް ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ. އެއީ އަތުގައި ޖެހުނީ ޕެނަލްޓީ އޭރިއާ ބޭރުން ކަމަށާއި އެއީ ޕެނަލްޓީ ދޭން ޖެހޭ ކަމެއް ވެސް ނޫން ކަމަށް ސްޓިމަކް ބުންޏެވެ. އެކަމާ ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ހިތްހަަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ސްޓިމަކް ބުނީ ބަންގްލަދޭޝްގައި މިހާރު ހުރީ އެންމެ ފަހުން ކުޅުނުއިރާ ތަފާތު ކޯޗެއް ކަމަށެވެ. އަދި މިހާރު ހުރި ކޯޗު އޮސްކާ ޓީމު ނަގާފައިވަނީ އޭނާއާ އެކު ބަޝުންދުރާގައި މަަސައްކަތްކުރާ ކުޅުންތެރިން ގިނަކޮށެވެ.
"ބަޝުންދަރާ ކިންގްސްގެ ކުޅުންތެރިން ވެސް ގިނައިން ލައިގެން ޓީމު ނެގީ. އެއީ އެ ކުޅުންތެރިންނަކީ ގަވާއިދުން އޭނައާ އެކު ޕްރެކްޓިސް ކުރާ ކުޅުންތެރިން ވީމަ. އެ މީހުން ޔަގީނުން ވެސް އަހަރެމެންނަށް ވަރުގަދަ ޗެލެންޖަކަށް ވާނެ. އަހަރެމެން ތިބޭނީ ސަމާލުވެގެން. އަހަރެން ވިސްނާނީ އަމިއްލަ ގޭމް ކުޅެން،" ސްޓިމަކް ބުންޏެވެ.
އޮސްކާ ވަނީ މުބާރާތުގެ ފުރަތަމަ ދެ ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކައެއް މިއަދު ވެސް ތަކުރާރުކޮށްފަ އެވެ. އޮސްކާ ބުނީ އޭނާގެ ނަޒަރުގައި މެޗު ރޫހާއި މެޗުގެ ނަތީޖާ އަށް ފޯކަސް ކޮށްގެން ކުރާ މަސައްކަތަށް ބަލާއިރު، ބަންގްލަދޭޝް ވަރުގެ ޓީމެއް ދުނިޔޭގައި ވެސް މި ވަގުތު ނެތް ކަމަށެވެ.
"އޭނަ ވިސްނާނީ އޭނަގެ ޓީމަށް އެންމެ ރަނގަޅަށް. ފަހަރުގައި ވެދާނެ އެއީ އެ ޓީމުގެ ކޮންފިޑެންސް ރަނގަޅުުކުރަން ދައްކާ ވާހަކަ ކަމަށް. އޭނަގެ ކްލަބް އޭއެފްސީ ކަޕްގައި ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު މިއީ ގައުމީ ޓީމު. މި ތަފާތުވާނެ. މީގެ ބިދޭސީ ކުޅުންތެރިންނަށް ބަރޯސާވެގެން ކަންކަން ނުނިންމޭނެ. ކްލަބްގައި ހުންނަ ކަންކަން ގައުމީ ޓީމުގައި ނުހުންނާނެ. ތި ކަމުގައި އޭނަ ވަރަށް އަވަހަށް ވިސްނުން ބަދަލުކޮށްފާނެ،" އޮސްކާގެ އެ ވާހަކަ ތަކަށް ރައްދުދެމުން ސްޓިމަކް ބުންޏެވެ.
ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ގިނަ މީހުންތަކެއް ދަނޑަށް ވާންނާނެތީ އެއީ އިންޑިއާ އަށް ޕްރެެޝަރެއްތޯ އެހުމުން ސްޓިމަކް ބުނީ އިންޑިއާގެ މީހުން ވެސް ރާއްޖޭގައި އެބައުޅޭ ކަމަށާއި އުއްމީދަކީ ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވުރެ އިންޑިއާ އަށް ތަރުހީބު ދޭ މީހުން ގިނައިން ދަނޑަށް ވަނުން ކަމަށެވެ.
ގަލޮޅު ދަނޑުގައި އިންޑިއާ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.












