ސާފްގައި މިހާތަނަށް ރާއްޖޭން ވާދަކުރި 11 މުބާރާތުގެ ތެރެއިން ބައްޔަކުން ފަށަން ޖެހުނީ މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގަ އެވެ. މީގެ ކުރިން ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރުވިއިރު، ފަސް މެޗުން ވަނީ މޮޅުވެފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނޭޕާލް އަތުން 1-0 އިން ބަލިވެގެން މުބާރާތް ފަށަން ޖެހުމުން އެއީ ޓީމަށް ކުރިމަތިވާނެ ޕްރެޝަރެއް ކަމުގައި ގައުމީ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ. އެކަމަކު، ކުޅުންތެރިން ހިތްވަރު ނެރެ، ހާލަތު ބަދަލުކުރާނެ ކަމުގެ އުއްމީދީ މެސެޖެއް ސުޒޭން ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދީފަ އެވެ.
"ޕޮޒިޓިވް ވާހަަކަ ހައްތަހާ ވެސް ހުރީ ގިނައިން. ވަރަށް މަދުން މިދިޔައީ ދެން މަދުން މިދިޔަ އެތިން އެއްޗެއްގައި ކޯސްޓެއް މިއޮތީ ދައްކަން ޖެހިފައި. މީގެ އެއް ގޮތަކަށް ވެސް ސަޕޯޓަރުން މާޔޫސްވާނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ޓީމުގައި އިންޑިވިޖުއަލް ކުޅުންތެރިއެއް އެ ކުޅުންތެރިއެއްގެ މެކްސިމަމް އެފާޓް ދޭނެ،" ނޭޕާލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ބުންޏެވެ.
"މިހާރު މި އޮތީ އަލުން ފަށަން ޖެހިފައި އެ ޕްރެޝަރު ކޮންމެ ވެސް ވަރަކަށް ކުޅުންތެރިން ވެސް ނަގަން ޖެހޭނެ. ޕްރެޝަރަށް ވެއްޓިގެން ކުޅުންތެރިންގެ ކުޅުމަށް އަސަރުކުރާނެ ހާލަތެއް އިރާދަކުރެއްވިއްޔާ ނާްންނާނެ،"

ގައުމީ ޓީމުން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އަހުމަދު މަހުލޫފް/ފޭސްބުކް
ރާއްޖޭން ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ފަސް ގައުމުގެ މެދުގައި މި ފަހަރުގެ މުބާރާތް ފުރަތަމަ ލީގު ބުރެއް ކުޅޭއިރު، ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ރާއްޖެ އަށް އަމިއްލަ ބާރުގައި ފައިނަލަށް ދަތުރުކުރެވޭނީ ދެން ހުރި މެޗުތަކުން މޮޅުވެގެންނެވެ. ބުރާސްފަތި ދުވަހު ކުޅޭ ބަންގްލަދޭޝް މެޗަށް ފަހު 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅޭނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗަކަށް ވާނީ 13 ވަނަ ދުވަހުގެރޭ އިންޑިއާއާ ކުޅޭ މެޗެވެ.
ކުޅުންތެރިންގެ އުއްމީދީ މެސެޖްތައް:
އަމިއްލަ ފަސް ގަނޑުގައި ފުރަތަމަ މެޗުން ބަލިވެގެން ފައިބަން ޖެހުމުގެ މާޔޫސްކަން ހުރިހާ ކުޅުންތެރިންގެ މޫނުމަތިން ނޭޕާލް މެޗުގައި ފެނުނެވެ. ހަގީގަތުގައި ނޭޕާލަށް ވުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރުސަތު ތަނަވަސްކޮށް ގޯލެއް ޖެހޭތޯ ވެސް ރާއްޖޭން ބެލި އެވެ.
އެކަމަކު، ނޭޕާލުން ކައުންޓަ އެޓޭކަށް ވިސްނައިގެން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައި އެ ޓީމުން ރޭވި ގޮތަށް މެޗު ކާމިޔާބު ކުރީ އެވެ. މިއީ މި މުބާރާތުގެ ހޯސްޓަކީ ރާއްޖެ ކަމަށްވާތީ ދެން ހުރި ޓީމުތަކުން ވެސް ބޭނުން ކޮށްފާނެ އުކުޅެކެވެ.
އެކަމަކު، އެ ގޮތަށް ދެން ހުރި ޓީމުތައް ވިސްނި ކަމުގައި ވިޔަސް ރާއްޖޭން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް ބުނެ، ގައުމީ ޓީމުގެ ކުޅުންތެރިން ސޯޝަލް މީޑިއާ އަށް ދޫކޮށްލާ މެސެޖްތަކުން ސަޕޯޓަރުންގެ އުއްމީދު އާ ވާނެ އެވެ.
"އަހަރެމެން ބޭނުންވި ނަތީޖާއެއް ނޫން ލިބުނީ. މުޅި ޓީމު އެއްކޮށް ބުރަކޮށް މަސައްކަތްކޮށް ނަތީޖާ ރަނގަޅުކުރަން ދެން ހުރި މެޗުތަކުގައި ނުކުންނާނީ،" އަލީ އަޝްފާގު (ދަގަނޑޭ)، އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.
ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މޮޅުވި ގޯލު ޖެހި ސެންޓޭ ބުނީ ފުރަތަމަ މެޗުން މޮޅެއް ނުލިބުމަކީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.
"އަހަރެމެން އެނބުރި އަންނާނީ ވަރުގަދަކޮށް،" ސެންޓޭ ބުންޏެވެ.
ގައުމީ ޓީމަށް މެދުކެނޑުމަކަށް ފަހު މެޗެއް ކުޅުނު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަަސަން (އިއްބެ) ބުނީ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ގިނަ ބަޔެއްގެ ސަޕޯޓާ އެކު ކުޅެން ލިބުމުގެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ.
"އިންޝާﷲ އަހަރެމެން އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް،" ނޭޕާލް އަތުން 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ރާއްޖެ މޮޅުކޮށްދޭން ދެ ގޯލު ޖެހި އިއްބެ ބުންޏެވެ.
ރާއްޖޭން 2018 ވަނަ އަހަރު ތަށި އުފުލާލިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނީ ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ތި ގޮތުގައި ޓީމުގެ ފަހަތުގައި ތިބެފިނަމަ ވަރުގަދަކޮށް އެނބުރި އަންނަން ފަސޭހަވާނެ ކަމަށެވެ.
ތާރީހުން ބާރު ލިބޭ ބައެއް ކަންތައްތަކަށް ކަޅިއެއް
ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި 2003، 2005 އަދި 2013 ވަނަ އަހަރު ރާއްޖޭން ފެށީ ނުހަނު ވަރުގަދަކޮށެވެ. މީގެ ތެރެއިން ބަންގްލަދޭޝްގައި 2003 ވަނަ އަހަރު ބޭއްވި މުބާރާތް ފެށީ ބޫޓާން 6-0 އިން ބަލިކޮށްފަ އެވެ. އޭގެ ފަހުން 2005 ވަނަ އަހަރު ޕާކިސްތާނުން ހޯސްޓްކުރި މުބާރާތް ފެށީ އަފްގާނިސްތާންގެ މައްޗަށް 9-1 އިން ކުރިހޯދައިގެންނެވެ. ނޭޕާލްގައި 2013 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން 10-0 އިން ލަންކާ ބަލިކުރި އެވެ.
އެކަމަކު، އެހާ ވަރުގަދަ ފެށުމަކަށް ފަހު އޭގެއިން އެންމެ މުބާރާތެއް ވެސް ވަރުގަދަކޮށް ނިންމާނުލެވުނެވެ. ތަށި ލިބޭނެ ކަމަށް ބެލި ނަމަވެސް އޭގެއިން އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވުނެވެ. މާނަ އަކީ ވަރުގަދަ ފެށުމަކީ އެންމެ މުހިއްމު ކަމަށް ނުވެދާނެ ކަމެވެ. މީގެ މުހިއްމީ ފަހު މެޗާ ހަަމައަށް އެއް ރޫހެއްގައި ހުރެ ކުޅުމެވެ.
އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން މުބާރާތުގެ ގްރޫޕް ސްޓޭޖު ނިންމާލީ ގޯލެއް ނުޖެހި އެވެ. ގުރުއަތުލައިގެން ސެމީ އަށް ދިޔަ ނަމަވެސް އޭގެ ފަހުން މުޅި ޓީމުގެ ރޫހު އޮތީ ބަދަލުވެފަ އެވެ. ސަޕޯޓަރުންގެ އެކި މެސެޖްތަކާއި ގާތް މީހުންގެ އެއްބާރުލުމާއި ކުޅުންތެރިން އެއްބަސް ކިޔައި، ޓީމުވަންތަކަން ދައްކައިގެން ރާއްޖޭން ވަނީ ސެމީގައި ނޭޕާލް އަދި ފައިނަލުގައި އިންޑިއާ ބަލިކޮށްފައި ތަށި އުފުލާލައިފަ އެވެ. މިއީ މި ވަގުތު ގެންނަން ޖެހޭ ރޫހެވެ.
އަމިއްލަ ފަސްގަނޑުގައި ތަށި ދިފާއުކުރުމުގެ އަޒުމުގައި ނުކުމެ ފުރަތަމަ މެޗުން ބަލިވުމުން އެ ހަގީގަތާއި ކުރިމަތިލައި ކުޅުންތެރިން މިހާރު ތިބީ ކުރިއަށް ވުރެ ވަރުގަދަ އަޒުމެއްގަ އެވެ. ޓީމުގެ ކޮންމެ މެމްބަރެއްގެ އެ ރޫހު އޮތުމުގެ އެންމެ ބޮޑު ހިތްވަރަކަށްވާނީ ސަޕޯޓަރުން ދޭ އެއްބާރުލުމެވެ. އެ ސަޕޯޓާ އެކު އަމިއްލަ ފަސްގަނޑުގައި ކޮންމެ ޓީމެއްގެ މައްޗަށް ވެސް ރާއްޖެ އަށް ކުރިހޯދިދާނެކަން މާޒީގައި ފެނިފައި ހުރި މަންޒަރުތަކުން ހެކި ލިބެ އެވެ. އަދި ދަށްކޮށް ފަށައި ފަހުން ވަރުގަދަކޮށް ކާމިޔާބާ އެކު ނިންމާލެވިފައި ހުރުމަކީ މާޒީން އަހަރެމެންނަށް ހޯދި ދާނެ ހިތްވަރެކެވެ.












