ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގު ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ އިން ހުޅުވާލައިފި އެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗު އޮތީ ހަވީރު 04:00 ޖަހާއިރެވެ. އަަވައްޓެރި ސްރީ ލަންކާ އާއި ބަންގްލަދޭޝެވެ. އަދި ރޭގަނޑު 9:00 ޖަހާއިރު ކުޅުމަށް ހަމަޖެހިފައި އޮތީ ދިވެހިރާއްޖެ އާއި ނޭޕާލެވެ.
ރާއްޖެއާ ނޭޕާލް ބައްދަލުކުރާ މެޗު ބަލަން ރަސްމީ ބޯޅަދަނޑަށް ދާން ބޭނުންވާ މީހުންނަށް ޓިކެޓް ނުގަނެ އެފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ވަނީ ހާއްސަ ސޯޝަލް މީޑިއާ ހަރާކާތެއް ފަށާފަ އެވެ. "ކެޗް އެންޑް ވިން"ގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ މި ހަރަކާތުގައި އުރީދޫގެ ޓްވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައިވާ ޖިފް ފުރިހަމަކޮށް، ސްކްރީންޝޮޓް ރީ ޕޯސްޓު ކުރުމުން ބައިވެރިވެވޭނެ އެވެ.
ސްކްރީންޝޮޓް ޕޯސްޓު ކުރާއިރު ބޭނުންކުރަން ޖެހޭނީ #OoredooSAFFChampionship2021 މި ހޭޝްޓެގް އެވެ. ޖިފް ފުރިހަމަ ވާނީ ޖިފްގައި ހިމެނޭ ސާފްގެ ލޯގޯ ފުރިހަމަވުމުންނެވެ. މި ސްކްރީންޝޮޓްތައް ފޮނުވުމުގެ ސުންގަޑި އަކީ މިއަދު ހަވީރު 04:00 އެވެ.
އުރީދޫގެ ކެޗް އެންޑް ވިން ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރޭގައި ނެގޭ ގުރުއަތުގައި ނަސީބުވެރި ދެ މީހުން ހޮވާނެ އެވެ. އުރީދޫ އިން މައުލޫމާތުދޭ ގޮތުގައި ސީބުވެރިން ހޮވާނީ، ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ކުރާ ހުރިހާ ރީޕޯސްޓެއް އެއްކޮށްލައިގެންނެވެ. މި ދެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް ފުރަތަމަ މެޗުގެ ދެ ޓިކެޓް ހިލޭ ލިބޭނެ އެވެ.
މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި އެކަނި ބާއްވާ ފުރަތަމަ ފަހަރު އެވެ. މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ.











