އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކަން މިއަދު މެންދުރު ފަހު ފެށިއިރު ގިނަ ބަޔަކު ޓިކެޓް ގަންނަން ކިއޫ ހަދައިފި އެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ނިންމީ މިއަދު ހެނދުނު ޓިކެޓް ވިއްކަން ފަށާށެެވެ. އެގޮތުން 10 ޖަހާއިރު ޓިކެޓް ވިއްކަން ފަށާނެ ކަމަށް ބަލައި އޭރު ވެސް ގިނަ ބަޔަކު ދަނޑު ކައިރީގައި ކިއޫ ހެދި އެވެ. އެފްއޭއެމުން މިއަދު ހެނދުނު ވަނީ ޓިކެޓް ވިއްކަން ފަށާނީ 2 ޖަހާއިރު ކަމަށް އިއުލާނުކޮށް، ޓިކެޓް ވިއްކާނެ ގޮތުގެ އުސޫލެއް ގާއިމްކޮށްފަ އެވެ.
ޓިކެޓް ވިއްކާ ވަގުތު ޔަގީންވުމާ އެކު ގިނަ ބަޔަކު ގޮސް ދަނޑު ކައިރީގައި ކިއޫ ދަމާލި އެވެ. ގިނަ ވަގުތުތަކެއް ވަންދެން ޓިކެޓް ގަންނަން މީހުން މަޑުކޮށްގެން ކިއޫގައި ތިބިއިރު، ޓިކެޓް ލިބުމުން ގިނަ ބަޔެއްގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަސް ޓިކެޓް ނެގި މީހެއް ޓިކެޓްތައް ދައްކާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އެފްއޭއެމުން ޓިކެޓް ވިއްކަން ކަނޑައަޅާފައިވާ އުސޫލުގެ ތެެރެއިން މީހަކަށް ގިނަވެގެން ވިއްކާނީ ފަސް ޓިކެެޓެެވެ. އެފްއޭއެމުން ބުނީ އެ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ ޓިކެޓަށް ދަނޑަށް ވަންނަ ކޮންމެ މީހެއްގެ ވެކްސިން ކާޑާއި އައިޑީ ކާޑު ޓިކެޓް ގަންނަން އަންނަ މީހާ ގެންނަން ޖެހޭނެ ކަމަށެވެ. މި ގޮތަށް ހަމަޖެއްސީ ޓިކެޓަށް ދަނޑަށް ވަންނަ މީހަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ މީހަކަށް ހެދުމަށެވެ.
މި ފަހަރުގެ މުބާރާތުގެ ޓިކެޓް ވިއްކާނީ ކޮންމެ "މެޗު ޑޭ" އެއް ވަކިންނެވެ. އެެހެން ކަމުން މިއަދާއި މާދަމާ ޓިކެޓް ވިއްކާނީ ހުކުރު ދުވަހު ކުޅޭ މުބާރާތުގެ ފުރަތަމަ ދެ މެޗަށެވެ.
ހުކުރު ދުވަހު ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ކުޅޭއިރު، އެރޭ ބައްދަލުކުރާނީ ރާއްޖެ އާއި ނޭޕާލް އެވެ. ކޮންމެ މެޗެއްގެ ޓިކެޓް ވެސް ވިއްކާނީ ވަކި ކައުންޓަރަކުންނެވެ. އެ ގޮތުން ރާއްޖެ މެޗުގެ ޓިކެޓް ވިއްކަނީ އޮލިމްޕަސް ކައިރި ކައުންޓަރުންނެވެ. އަދި ލަންކާ އާއި ބަންގްލަދޭޝް މެޗުގެ ޓިކެޓް ގަންނަން ލިބޭނީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ސިޑިބަރި ކައިރީ ކައުންޓަރުންނެވެ.

ޓިކެޓް ގަންނަން މީހުން ކިޔޫ ހަދައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75ރ އެވެ. މިއަދު މެންދުރު ފަހު 14:00 އިން ފެށިގެން މިރޭ 23:00 އަށް ޓިކެޓް ވިއްކާނެ އެވެ. އަދި މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވަގުތުތަކަކީ 10:00 އިން 18:00 އަށާއި 20:00 އިން 23:00 އަށެވެ.
ރާއްޖޭން 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ބޭއްވިއިރު، ޓިކެޓްތަކުގެ ޑިމާންޑް ވަރަށް ބޮޑުވި އެވެ.
މި ފަަަހަރުގެ މުބާރާތް ކޮވިޑް-19ގެ ހާލަތްތަކުގެ ތެރޭގައި ކުރިއަށްދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރަން އެފްއޭއެމުން ވަނީ ގިނަ ކަންތައްތަކެއް ރާވައިފަ އެވެ. އެ ގޮތުން ދަނޑަށް މެޗު ބަލަން ވަންނަ ސަޕޯޓަރުންނަށް ބޭރަށް ނުކުމެވޭނީ މެޗު ނިމުމުންނެވެ. އެފްއޭއެމުން ވަނީ ސިއްހީ ގައިޑްލައިންތަކަށް ތަބާވުމަށް ސަޕޯޓަރުންނަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ. އެ ގޮތުން ސަޕޯޓަރުން ދަނޑުގައި ތިބޭއިރު މާސްކް އަޅައިގެން ތިބުމަށް ވަނީ އަންގައިފަ އެވެ.












