މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސޫމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ނ. އަތޮޅުން ދ. އަތޮޅަށެވެ. ހއ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، ޖުމްލަކޮށް މުޅި ރާއްޖެ އަށް ވަނީ ވައިޓް އެލާޓެއް އިއުލާންކޮށްފަ އެވެ. މީގެ އިތުރުން ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، އެންމެންވެސް މޫސުމަށް ސަމާލު ވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނ. އަތޮޅުން ދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރު 12:30 އަށެވެ. އެސަރަހައްދަށް ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑު ގަދަވޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ހއ. އިން ލ. އަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:20 އިން 11:30 އަށެވެ. މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެ އެވެ.

މިއަދު ހެނދުނު 06:30 އިން ފެށިގެން 12:00 އަށް ރާއްޖޭގެ އުތުރުން ދެކުނަށް ވައިޓް އެލާޓް އިއުލާނުކޮށްފައިވާ އިރު ރާއްކޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
މުޅި ދުވަހުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށާއި މެންދުރު ފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ. ވައި ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާ އިރު ރާޅުގެ އުސްމިނުގައި ހަ ފޫޓު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.













