ގައުމީ ޓީމު ކުޅުނު ދެ ވަނަ މެޗުން ގަތަރު އާމީ ޓީމާ އެއްވަރުވެއްޖެ

Sep 25, 2021, 6:18 PM
އާމީ ޓީމުގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.

އާމީ ޓީމުގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.

އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމު ގަތަރުގައި ކުޅުނު ދެ ވަނަ މެޗުގައި ގަތަރުގެ އާމީ ނެޝަނަލް ޓީމު އަތުން 1-1 އިން އެއްވަރުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ގަތަރުގައި ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕްގައި ކުޅުނު ދެވަނަ މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެނެވެ. ފުރަތަމަ ހާފުގައި ރާއްޖެ އަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން، މެޗުގެ 29 ވަނަ މިނިޓުގައި އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާ އަމީ ޓީމުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް، އަލީ އަޝްފާގް (ދަގަނޑޭ) ތަނަވަސްކޮށްދިން ރަނގަޅު ފުރުސަތެއްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ގޯލަށް ނުރައްކާކުރަން ލިބުނު ފުރުސަތު އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. .

މެޗުގެ 57 ވަނަ މިނިޓުގައި ލީޑު ނެގީ އާމީ ޓީމުންނެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ އާމީ ޓީމުގެ ފޯވާޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ބަދަލުތަކާ އެކު ރާއްޖޭން ކުޅުން ރަނގަޅުކޮށް ފުރުސަތު ތަނަވަސްކުރަން ފެށި އެވެ.

ރާއްޖެ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ސެންޓޭ އެވެ. މެޗުގެ 68 ވަނަ މިނިޓުގައި ސެންޓޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަަހަމަކޮށްދީފަ އެވެ. ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި ސެންޓޭ ލަނޑު ޖެހީ ގޯލްކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހު އެވެ.

މެޗުގެ ބާކީ އޮތް ވަގުތުގައި ވެސް ރާއްޖެ އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއްވަރު ލިބުނަސް، ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ރަނގަޅު ހަމަލާތަކެއް އުފެއްްދީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު އުމެއިރު އެވެ. ދެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މިއީ ގައުމީ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ޓީމުގެ ކޭމްޕާ ގުޅުނު ފަހުން ކުޅުނު މެޗެކެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ގަތަރުގެ ދެ ވަަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އަތުން ރާއްޖެ 4-3 އިން މޮޅުވި މެޗުގައި ޓީމު ލީޑްކުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އޭރު ކޯޗު ސުޒޭން ޓީމާ ނުގުޅެ އެވެ. މިރޭގެ މެޗުގައި ކުޅުނު ގަތަރު އާމީ ޓީމުގައި ހިމެނެނީ އެކި ޑިިވިޝަންތަކުގައި ކުޅޭ އާމީ ޓީމުތަކުގެ ކުޅުންތެރިންނެވެ.

މިރޭގެ މެޗަށް ނިކުތް ގައުމީ ޓީމުގެ ފުރަތަމަ 11:

މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ގަނީ، ސަމޫހް އަލީ (ސަމުއްޓެ)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ނިހާން (ނިހާޓް، އަސްހަދު އަލީ (އަޑުބަރޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ އަޝްފާގް (ދަގަނޑޭ)

މިއީ އަންނަ މަހުގެ 1-16 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރާއްޖޭގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ ފަހު މެޗެވެ. ގަތަރުގެ ޓްރެއިނިން ކޭމްޕް ފުރިހަމަކުރުމަށް ފަހު، ރާއްޖޭގެ ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ގައުމީ ޓީމުން މި މަހު 10 ވަނަ ދުވަހު ގަތަރު ޓްރެއިނިން ކޭމްޕަށް އައިއިރު، ސްރީލަންކާއާ ދެކޮޅަށް މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު، އެ މެޗު ކުޅެން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ ލަންކާގެ ކޮވިޑް-19 ހާލަތުގެ ސަަބަބުން އެ ޓީމަށް ގަތަރުގެ ވިސާ ހަމަނުޖެހުމުންނެވެ. ގަތަރަށް އާދެވޭ ގޮތް ނުވުމުން ލަންކާ އިން މިހާރު ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސްފަ އެވެ. އެއީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސައިދިން ކޭމްޕެކެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox