ކޮންމެ ދުވަހަކު އަރާ އިރާއެކު އަޒްމީ ކާނިވާ ސަރަހައްދުން ނިކުމެގެން ހިނގައިގަންނަނީ މާލެ ތެރެއަށެވެ. ނަސީބެއް އަތުއަޅުވާލެވޭތޯ އެވެ. ދަތް އުނގުޅުމެއް، ފެންވެރުމެއް އަދި ހެދުން ބަދަލުކުރުމެއް ނެތި އެ ހިނގައިގަންނަ ގޮތަށް އަޒްމީ އަބުރާ ކާނިވަލަށް އަންނަނީ އިރުއޮއްސޭ ފަހުންނެވެ. މުޅި މާލެ ތެރޭ ހިނގައިގެން، އެކި މީހުން ކައިރީގައި ސަލާން ޖަހާ އާދޭސްކޮށްގެން ފައިސާ ކޮޅެއް ލިބޭތޯ މަސައްކަތްކުރަނީ އޭނާ ބުނާ ގޮތުގައިނަމަ ކެއުންބުއިން މުއްތިކުރާށެވެ.
ލިބޭ އެތިކޮޅުން، ކައިރީގައި ހުރި ހޮޓަލަކަށް އަރައި އެއްޗެއް ކާލައިގެން އަނެއްކާވެސް ލާހޫރެނީ އެވެ. އަޒްމީ ގޮތަށް ސަލާން ޖަހައިގެން ފައިސާ ހޯދާ ބައެއް މީހުން އެ ފައިސާ މަސްތުވާތަކެއްޗަށް ވެސް ހަރަދުކުރެ އެވެ. ސަލާން ޖަހައިން މަސްތުވާތަކެތި ގަންނަކަމަށް އަޒްމީ އެއްބަސްނުވި ނަމަވެސް އޭނާއަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރި މީހެއްކަމަށް އޭނާ ގަބޫލުކުރެ އެވެ.
އަޒްމީ ގޮތަށް ރާއްޖޭގައި 4،000 އަށް ވުރެ ގިނަ މީހުން އެބަ އުޅޭކަމަށް ޔުނިވާސިޓީ އޮފް ބިކޮކާ-މިލާނޯއިން 2019 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. މިއީ ފުލުހުންގެ ފަރާތުން ވެސް މީގެ ކުރިން އާއްމުވެފަ ހުރި އަދަދުތަކެކެވެ. މި އެންމެންނެއް ދިގު މުއްދަތަށް މަސްތުވާތަކެތި ބޭނުންނުކޮށްފާނެ އެވެ. އެކަމަކު އޭގެ އަސަރުތައް އެމީހުންނާއި މުޅި މުޖުތަމައުއަށް ވެސް ހަމަ ކުރެ އެވެ.
މަސްތުވާތަކެއްޗަކީ އާއިލާތައް ފަނާކޮށްލާ، މީހުން މަގުމަތިވެ، ވައްކަމާއި މާރާމާރީފަދަ ކަންކަން އިތުރުވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބެވެ. މި ހުރިހާ މައްސަލަތަކެއް ފާހަގަވި ނަމަވެސް، އަދިވެސް އެކަމަށް ހައްލެއް ނެތެވެ. ޒިންމާ ވަނީ ކާކު ހެއްޔެވެ؟
ރ. އަތޮޅު ރަސްމާދުއަށް އުފަން އަޒްމީ މަސްތުވާތަކެތީގެ ގޯޅިއަށް އޮބާލީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނައަށް 34 ފުރިއްޖެ އެވެ. މީގެ 19 ވަރަކަށް އަހަރު ކުރިން 2002 ވަނަ އަހަރު ބޭނުންކުރަން ފެށި އަޒްމީއަށް އެ ނިމުމެއްނެތްހެން ހީވާ ގޯޅިއަށް ލަނބާލެވުނީ އޭނާ ބުނާ ގޮތުގައިނަމަ އާއިލާގެ ސަބަބުންނެވެ.
"މަންމަ ނިޔާވެއްޖެ ވަރަށް ކުޑައިރު ވިހެއިތާ. ބައްޕަ އޭގެ ފަހުން ރަށުން އެހެން **ކާ ހިތާވެގެން އެމީހާއާ އިންގޮތަށް އަހަރުން މުޅިން ބަރުބާދުވީ، އެއީ ހުރިހާ ވެސް ނުބަޔަކީ،" މިއީ އަޒްމީ އޭނާގެ މައިންބަފައިން ކޮބާތޯ އެހުމުން ދިން ޖަވާބެވެ.
މަންމަ ގެއްލުނުފަހުން، ބައްޕަ އެންމެ ފަހުން "ލޮލަށް ދައްކާލީ" އޭނާގެ އުމުރުން ހަތް އަހަރުގައިކަމަށް އަޒްމީ ބުންޏެވެ.
ކިޔެވުމާއި މުޅި ދިރިއުޅުން އެހިސާބުން "ފުނޑުފުނޑުވެގެން" ދިޔަ ގޮތަށް މީހާ ފުރާފުރިހަމަވި ދުވަހު މިއަދު އޭނާއަށް މަޖުބޫރުވެފައިވަނީ މާލޭގެ މަގުމަތީގައި ސަލާން ޖަހައިގެން ދިރިއުޅޭށެވެ. އޭނާގެ އުމުރުފުރައިގެ އޭނާގެ ކުލާސްމޭޓުން މީހުންނާ ކައިވެނިކޮށް، ދަރިން ލިބި، ދަރިންގެ ސްކޫލު ގްރޭޖުއޭޝަންތަަކަށް ދާ ދުވަހު އޭނާ ނިދައި މިހަދަނީ ކާނިވަލުގެ ސްޓޭޖު މަތީގައި ކާޑުބޯޑު ފޮށިގަނޑެއް މަތީގަ އެވެ. ބުޅަލާއި މީދަލާއި ކުނީގެ އެނދެއްގަ އެވެ. ދަންވަރުގެ ފިންޏަށް ސަލާމަތްވާން ގައިގަ އަޅަނީ ސަތަރި ގަނޑެކެވެ.

އަޒްމީ މެން ނިދަން ބޭނުންކުރާ ފޮށިގަނޑުތައް. ފޮޓޯ: ހުސެއިން ޝަޔާހު، އަދަދު
ކައިބޮއެ ހަދަނީ އެ ދުވަހެއްގެ ނަސީބު ހުރި ގޮތުންނެވެ. ބައެއް ފަހަރު ގެތަކުން މަގުމައްޗަށް ނެރެފައި ހުންނަ ކުނި ކޮތަޅު ހާވައިގެންނެވެ. ފެންވަރައި، ފާހާނާ ކުރަނީ ކާނިވަލު ސަރަހައްދާއި އެތާ ކައިރީގައި ހުންނަ ނޫރު މިސްކިތްފަދަ ތަންތަނުގެ ފާހާނާއިންނެވެ. އެއްޗިހި ދޮވެ، ހެދުން ބަދަލުކޮށް ހެދުން އެއީ ނުހައްދަވާ ކަމެކެވެ.
"ލާރިއެއް ނުލިބޭ ބަޑީ. އެތަން މިތަނުން ހަމަ ތެޅި ބާލަނީ. ދެން ރައްޓެއްސަކި ފެނުނިއްޔާ ސައި ތައްޓެއް ބޯލަން ދޭށޭ ބުނީމަ ދޭ 20 ރުފިޔާ ވަރު. ނުކަން އަދި މިރޭ،" މިވާހަކަތައް އަޒްމީ ކިޔައިދެމުންދިޔަ އިރު ކަޅި އަޅަމުން ދިޔައީ އޭނާ ނިދަން އޮންނަ ފޮށިގަނޑު ކައިރީގައި ދުވަމުން ދިޔަ ކުރަތްޕަކަށެވެ.
ކާނިވާ ސަރަހައްދުގައި މިހެން ދިރިއުޅޭ 20 ވަރަކަށް މީހުން ތިބިއިރު، އެ އެންމެން ވެސް ފައިސާ ހޯދަނީ މާލެ ތެރޭގައި ސަލާން ޖަހައިގެންނެވެ. އޭގެން ކޮންމެ މީހަކާ ދިމާލަށް އާއްމު މީހާގެ ނަޒަރު ހުއްޓެނީ އެއީ މުޖުތަމައު އިން ބޭކާރުވެފައި ހުރި، ގެއްލިފައިވާ ފުރާނައެއްގެ ގޮތުގަ އެވެ. "ޒޮމްބީ" އެކޭ ކިޔައި މަލާމާތުގެ ނަޒަރަކުންނެވެ.
އަޒްމީ ގޮތަށް ކާނިވާ ސަރަހައްދާއި އެނޫންވެސް އެހެން ތަންތަނުގައި މަގުމަތިވެފަ ތިބި މީހުން މަދެއް ނޫނެވެ. ކާނިވާ ސްޓޭޖު މަތީ ބަޔަކު ނިދައޭ ބުނުމުން ފަސޭހައިން އަޅައިގަންނަކަން އެކަންޏެވެ. ސަބަބަކީ އެއީ މާލޭގައި އެންމެ ގިނައިން މީހުން ގޮސް އުޅޭ އެއް ސަރަހައްދު ކަމެވެ. ތަރައްގީ އާއި ދިރިއުޅުމުގެ ފެންވަރު އެންމެ ރަނގަޅަށް ފެންނަ އެއް ތަނަށް ވާތީ އެވެ.
ސްޓޭޖް ކައިރިއަށް ބަރިބަރިއަށް ޖަހާފައި ހުންނަނީ މަހުޖަނުންގެ ޕްރައިވެޓް ކާރުތަކާއި ސައިކަލެވެ. ކުރިމައްޗަށް އޮންނަ ކެފޭ ބަރިއަށް ވެސް ކޮފީ ބޯން ނާރާ މީހަކު މި މާލޭގަ މަދުވާނެ އެވެ. އޭގެ ފަހަތަށް ހުރީ ބޮޑު ހަރަދަކާއެކު މާލޭގެ މަލަމަތި ބަދަލުކޮށްލި ސަލްމާން މިސްކިތެވެ. ސްޓޭޖުގެ ކަނާތް ފަޅިން ހުރި އުސް އިމާރާތްތަކާއި އޮފީސްތަކުގެ ކުޑަޮދޮރުތަކުން ވެސް ކާނިވަލުގެ "ޕަވަޓީ" ގެ މަންޒަރު ފެންނާނެ އެވެ.

ކާނިވަލުގެ ސްޓޭޖް މަތިން ފެންނަ ތަރައްގީގެ މަންޒަރު. ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ކާނިވަލުގައި މިތިބަ މީހުންނަށް ސަމާލުކަން އަންނަ ސަބަބަކީ އެއީ ކަަމަށް ވެސް ވެދާނެ އެވެ. އެކަމަކު ހަގީގަތަކީ އެއީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ތޫފާނުގެ އެންމެ ކޮޅިގަނޑެއް ކަމެވެ.
މަސްތުވާތަކެތި ރާއްޖެއިން ލިބޭ މިންވަރު ފަސޭހަވެގެން ގޮސް، ކުރިން އެންމެ ނުލިބޭ ބާވަތްތައް މިހާރު ހިލޭ ލިބެމުންދާކަމަށް ވެސް ސަރުކާރުގެ އޮފިޝަލުން މިވަނީ ބުނަން ފަށައިފަ އެވެ. ބޭނުންކުރަން ވަކި ތަނެއް ނެތި ގޮސް، ގޭގެއާއި ފްލެޓްތަކުގެ ވައި ގޮޅިތަކާއި، ޕާކުތައް ވެސް މިވަނީ އެފަދަ ކެފޭތަކަށް ބަދަލުވެފަ އެވެ. އަޒްމީ އާއި އޭނާއާ އެކު ދެން އެތަނުގައި އުޅޭ މީހުން ވެސް އެކަން ކުރާ ކަމަށް އޭނާ އެއްވެސް ފަސްޖެހުމެއް ނެތި ބުނެލި އެވެ.
"ބުއީ ހަކުރު، މެތު؟ މެތު ވެސް ޖަހަން. މިތާ ކައިރިން؟ އާން، ބޮވެން ބޮވޭނެ މިތާ ކައިރި ތަންތަނުން ލިބޭނެ. މިތާ އެތެރޭ އިންނަ ރޫމުގަ ރާ ވެސް ބޮވޭނެ،" އަޒްމީ ހަމަޖެހިލައިގެން މި ވާހަކަތައް ކިޔައިދެމުންދިޔައީ އޭނާ ލައިގެން ހުރި ގަމީހުގަ ހުރި ދޫވެ ބޭކާރުވެފަ ހުރި ގޮށެއް ނައްޓަން މަސައްކަތް ކުރަމުންނެވެ.
ނިދާ އެނދުތައްމަތި ކައިރިން މަސްތުވާތަކެތި ލިބޭ އިރު، އެތާ ސްޓޭޖުމަތީގަ ތިބެގެން ވެސް ބޭނުންކުރާކަމަށް އޭނާ ކިޔައިދިނެވެ. އެތަނުގައި ތިބި 20 ވަރަކަށް މީހުންގެ ވެސް ހާލަކީ މިއީ އެވެ.
އަޒްމީގެ ވާހަތަކުގައި ކިހާ ހަގީގަތެއްވޭތޯ ބަލަން ސްޓޭޖުގެ އިރަށް ހުރި ކުޑަ ގޭޓުން އެތެރެއަށް ވަދެ އެތާ ހުރި ކޮޓަރި ތެރެއަށް ވެސް ވަނީމެވެ. އެތަނުގެ ތެރެއިން މަސްތުވާތަކެއްޗާއި އިންސާނުންގެ ކުޑަކަމުދާ ތަކެތީގެ އަސަރުން ނޯއްދަމާލެވޭ ވަރެއް ނޫނެވެ. ސާފުކޮށް ފެންނަން ހުއްޓެވެ. މޭޒެއް ޖަހާލާފައި ހުރީ މަސްތުގެ ކެފޭ ސްޓައިލަށެވެ.
ދެ ވާހަކައެއް!
"މިތަނުގަ މިތިބީ ބަޑީ އަނެއްހެން ބުނަންޏާ އެންޑީއޭއަށް ގެނެއްސަ ތިބި މީހުން. ގިނަ މީހުންނަކީ އެންޑީއޭއަށް ގެނެއްސަ ތިބި މީހުން، ދެން ރާއްޖެތެރޭ ގޮލައިން. ދެން މިކަމުގެ ތެރޭގަ އިނގޭއްނު މަސްތު ކުޅީގަ އުޅެންޏަކާއެއް ގުޅުން ކުޑަވާނެ އާއިލާއަކާ، އެހެންވީމަ ވަންނާނެ ތަނެއް ނެތީމަ އެ ތިބެނީ މިތާގަ އަނެއްކާ ވެސް އެންޑީއޭއިން އެއްޗެއް އަންގަންދެން،" އަޒްމީ ބުންޏެވެ.
ބައެއް މީހުންނަކީ ކޯޓަށް ފިލައިގެން އުޅޭ މީހުންނެވެ. އަނެއްބައި މީހުންނަކީ އެންޑީއޭ ކަންކަމުގަ އައިސް ތިބި މީހުންކަމަށް އަޒްމީ ބުންޏެވެ. ހަމަ އެގޮތަށް ގެއިން ނެރެލާފައި ތިބި މީހުން ވެސް އެތަނުގައި ތިބިކަމަށް އަޒްމީ ބުންޏެވެ.

ކާނިވަލުގެ ސްޓޭޖްގެ އިރަށް ހުރި ކުޑަ ކޮޓަރިގަނޑު. އެތަނުގެ ތެރެއިން މަސްތުވާތަކެތީގެ އަސަރު ސާފުކޮށް ފެނޭ. ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އަޒްމީ ބުނިގޮތުގައި އޭނާގެ ފަރުވާ ފަށަން އެންޑީއޭއިން ގުޅާނަމޭ ބުނިތާ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ. އެ ބަހަބަރު މަތީގައި ހުއްޓާ އޭނާއާއެކު މާލެ ގެނައި ފައިސާކޮޅު ހުސްވެ، ކުއްޔަށް ނަގައިގެން ހުރި ތަނުން ނިކުންނަން ޖެހުމާއެކު މަގުމަތިވި އެވެ. ދެން ދިރިއުޅޭނެ ތަނެއް ނެތުމުން ކާނިވަލުގެ ސްޓޭޖުގައި ނިދަން ފެށިކަމަށް އޭނާ ބުންޏެވެ.
"ދެން އެކޮޅަށް (ރަށަށް) ގޮއްސަ ހުންނައިރު އެމީހުން ގުޅާފަ ބުނެފާނެ، އާން މިއަދު އެކެއް ޖަހާއިރު އަންނާށޭ. އެހެން ބުނާއިރަށް ކިހިނެތް އަންނާނީ؟،" އަޒްމީ ބުންޏެވެ.
އަޒްމީގެ ބަސްތައް މިހެން ހުރިއިރު، އެންޑީއޭގެ ބަސްތައް ހުރީ ދިމާ އިދިކޮޅަށެވެ. އެންޑީއޭއިން ބުނީ އަޒްމީ އެ ދެއްކި ވާހަކަތަކަކީ މުޅިން ހަގީގަތެއް ނޫން ކަމަށެވެ. އަދި އެތަނުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ގިނަ ބަޔަކު ތިބި ނަމަވެސް، އެއީ އެންޑީއޭއިން އަންގައިގެން އައިސްގެން މާލޭގައި މަގުމަތިވެފަ ތިބި ބައެއް ނޫން ކަމަށް ބުންޏެވެ.
އެންޑީއޭގެ މީޑިއާ އަދި ލީގަލް އޮފިސަރު އަހުމަދު ހިލްމީ "އަދަދު" އަށް ވިދާޅުވީ އެ މައްސަލައިގަ ވަށައިގެން ވިސްނާލަން ޖެހޭ ބައިވަރު ކަންކަން އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް އެންޑީއޭގެ އެންގުމަށް އެމީހުން މާލެއަށް އައިސް މަގުމަތިވެފަ ތިބި ތިބުން އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮޓަރީގެ މޭޒުމަތިން މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި މަންޒަރު. ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
"އެހެންނެއްނޫން އިނގޭތޯ. އެންޑީއޭއިން ފަރުވާއަށް މާލެއަށް ނުއެއް ގެންނާނެ އިނގޭތޯ. އަންގަންޏާ އަންގާނީ ހިންމަފުށީގަ ހުންނަ ރިހެބަށް ގެންދަން އަންނަން، ޓިކެޓް ހަމަޖެހުނީމަ އެ ދުވަހުން ދުވަހަށް އެ ބެޗު ފުރުވާލާނެ ހިންމަފުއްޓަށް. އެތަނުގައި އެމީހުންގެ ފަރުވާގެ ކަންކަން ކުރިޔަށް ދާނީ،" ހިލްމީ ވިދާޅުވި އެވެ.
އެންޑީއޭގެ މުޅި އެ ދިގު މަސައްކަތް ހިލްމީ ކިޔައިދިނެވެ. ގަދަޔަށް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށާއި، އަލަށް ފަށައިގަނެގެން އުޅޭ ފަރާތްތަކަށް އޮންނަ މަރުހަލާތަކަށް ދާންދެނެވެ. ކުރުކޮށް ބަލާލާއިރު، އަޒްމީ ފަދަ ދިގު މުއްދަތަށް ބޭނުންކުރާ މީހުންނަށް އޮންނަނީ ހިންމަފުށީގައި އޮންނަ އެތައް މަހެއްގެ ދިގު ޕްރޮގްރާމާއި، އެޔަށް ފަހު ހުޅުމާލޭގެ ހުންނަ ހާފްވޭ ހައުސްގައި ހިންގާ ރީއިންޓެގްރޭޝަން ޕްރޮގްރާމެވެ. އަލަށް ފަށައިގަންނަ މީހުންނަށް އޮންނަނީ ޑީޓޮކްސިފިކޭޝަން ޕްރޮގްރާމެވެ.
ކާނިވާފަދަ ކުދި ކުދި މަސްތުގެ ހާލިތަކަށް އެޓެންޑްވުމަކީ އެންޑީއޭގެ މަސްއޫލިއްޔަތެއް ނޫންކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ. އެތަނަށް އެންމެ ފުރަތަމަ ދާން ޖެހެނީ ފުލުހުންނެވެ. އަދި އެއަށް ފަހު، ޑްރަގް ކޯޓުގެ ހުކުމެއް އޮތް މީހެއް ނަމަ އެންޑީއޭއަށް އެމީހުންނަށް ފަރުވާއަށް ގެންދެވިދާނެ އެވެ. ހުކުމެއް ނެތް ނަމަ، އެންޑީއޭއަށް ޖެހެނީ އެމީހުން ކޯޓަށް ހާޒިރުކޮށްގެން ކުރިޔަށް ދާށެވެ. ފަރުވާ ފެށެނީ ކޯޓުގެ ނިންމުމާ ހިސާބުންނެވެ.
ޑްރަގް ހާލިތައް މާލޭގެ އެކި ތަންތަނުން ފާހަގަވާކަމަށް ހިލްމީ ވެސް ވިދާޅުވި އެވެ. އެކަމަކު އެވަބާގައި ޖެހިފައިވާ މީހުން މިފަހުން މަގުތައް މައްޗަށް ގިނަވާން މިފެށީ ފުލުހުން ދާދި ފަހުން ޑްރަގް ކެފޭތައް ބަންދުކުރަން ފެށި އޮޕަރޭޝަނާއި ހެދިކަމަށް ހިލްމީ ލަފާކުރެ އެވެ.
"އެ ޕްރެޝާ އަންނާނެތާ. އެއީ ޓައްކިޔާފަ ހުއްޓާލަން ވަރަށް އުނދަގޫ ކަމެއް އިނގޭތޯ. އެގޮތަށް ބޭނުންނުކޮށް ކުއްލިއަކަށް ހުއްޓާލީމަ ގައިގެ ތަންތަނަށް ތަދުވެ ވަރަށް ވޭން ހުރި ކަމެއް އެއީ. ދެން މިފަހުން ޑްރަގް ކެފޭތައް ބަންދުކުރި އޮޕަރޭޝަނާއެކު ވެގެން އުޅޭ ކަންކަން ކަމަށް މި ބެލެވެނީ،" ހިލްމީ ވިދާޅުވި އެވެ.
titledesc
ފަރުވާގެ ބަލިފައި
ހިލްމީގެ ވާހަކަތަކާއި އެ ދާއިރާގެ ތަޖުރިބާ ހުރި އަލީ އަދީބުގެ ވާހަކަތަކާ ވެސް ދިމާވެ އެވެ. ސަބްސްޓެންސް ޔޫޒް، ޕްރިވެންޝަން އެންޑް ރިކަވަރީ ސަޕޯޓްގެ ދާއިރާ އިން އިންޓަނޭޝަނަލް މާސްޓާ ޓްރެއިނިން ހާސިލްްކޮށްފައިވާ އަދީބު ވެސް ވިދާޅުވީ މިހާރު ރާއްޖޭގައި ދެމުންދާ މެތަޑޯން ޓްރީޓްމެންޓް ފަދަ ފަރުވާތަކަކީ އެކަމުގެ "ގޯލްޑް ސްޓެންޑާޑް" ކަމަށެވެ. އެހެން ނަމަވެސް އެއީ އަދި ވާހަކައިގެ އެއް ބައި ކަމަށެވެ.
"އަސްލު ރިކަވަރީއެއްނޫން އެއީ، ވިތުޑްރޯވަލް. ކޮންމެ ޑްރަގަކުން ވެސް ތަފާތުވާނެ އެ އަންނަ ސިމްޓަމްސްތައް. މިސާލަކަށް އޮޕިއޮއިޑްސް ވިއްޔާ އަންނާނެ. ސިމްޓަމްސް ހުން އައުން، ހީކެރުވުން، ބޭރަށް ހިންގުން، އެކަމަކު ތެޔޮ ބޭނުންކުރާ މީހުން އައިސްދާނެ މޫޑް ސްވިންގްސްއާ ޑިޕްރެޝަން ކަހަލަ، އެކަހަލަ ކަންކަން ފަރުވާއިން މިބުނީ ޑިޓޮކްސް ކޮށްގެން އެކަންޏެއް ނުވާނެ،" އަދީބް ކިޔައިދިނެވެ.
އަދީބް ކިޔައިދިން ގޮތުގައި ޑީޓޮކްސްގެ ފަރުވާއަށް ގިނަވެގެން 21 ދުވަސް ހޭދަވި ނަމަވެސް، އޭގެ ފަހުން އެ އަންނަ ނަފްސާނީ ކަންކަމުން މުޅިން ސަލާމަތްވާން އެތައް އެތައް މަހެއް ހޭދަވެ އެވެ. އަދީބް ބުނި ގޮތުގައި އެކަންކަމަކީ ރާއްޖޭގެ ފަރުވާ ނިޒާމުން މިހާރު މަދުވާ ބައެވެ. ފަރުވާގައި ހުރި ބަލިފަ އެވެ.
އެންޑީއޭގެ ހިލްމީ ވެސް ވިދާޅުވި ގޮތުގައި އެ ވިތުޑްރޯވަލް އަސަރުތަކާ ހެދި ކެތް ނުވެގެން ފަރުވާއަށް ފިލައިގެން އުޅޭ މީހުން ވެސް މާލޭގައި އެބައުޅެ އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ކަންކަން މިހާ ބޮއްސުންލާފައިވާއިރު ނިޒާމުގައި މައްސަލަތަކެއް އެބަ ހުރިކަމާމެދު ޝައްކެއް ނެތެވެ. އެންޑީއޭގެ ޕްރޮގްރާމްތަކަށް ގޯލްޑް ސްޓެންޑާޑް ދެވުނު ނަމަވެސް، އެ މުއައްސަސާ އޮތީ ބަލި އެނދުގަ އެވެ.

ސްޓޭޖުގައި ހުރި ކުޑަ ކޮޓަރިގަނޑުގެ ތެރެއިން ސްޓޭޖު މަތި ފެންނަ ގޮތަށް ހުރި ކުޑަދޮރެއް. ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މަސައްކަތަށް ބޭނުންވާ މީހުން ނެތުން، ފަންނީ މީހުން މަދުވުން، އެންޑީއޭގެ އިމާރާތުގައި މަސައްކަތް ކުރަން ހުރި ދަތިތައް، މިހެން ގޮސް ލިސްޓު ކިޔަން ވަރަށް ދިގެވެ. އެންޑީއޭގެ ބައެއް ކައުންސިލަރުން ބުނާ ގޮތުގައި އެމީހުންގެ ކޭސް ފައިލްތައް ބަރިބަރިއަށް މޭޒު މަތީގައި ހުރެ އެވެ. އެ މީހުންނަށް ކަންކަން މިއޮތީ ނުތަކާ ވަރަށް ގޮއްސަ އެވެ.
ކަން މިހެން އޮތް އިރު، ޗޭންޖް އެންޑީއޭގެ ނަމުގައި މިފަހުން ކުރިޔަށް ދިޔަ ހަރަކާތުގެ ފަހަތުގައި އެންމެ އިސްކޮށް ހުރި އެކަކު ކަމުގައިވާ މުހައްމަދު ނަވީޒް (އައްކު) ބުނި ގޮތުގައި އެކަންކަން ހައްލުކުރަން ކުރަން ޖެހޭ މަސައްކަތް އެއީ ބުރަބޮޑު އެހެން ނަމަވެސް ވާނެ އަދި ޖީލަކަށްޓަކައި ކުރަން ކޮންމެހެން ވެސް ޖެހޭ ކަންކަން ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް، މިދިޔަ 25 އަހަރުތެރޭ އެންޑީއޭގަ ނެތް އެވަރަށް ސާޓިފައިޑް ޕްރޮފެޝަނަލުންނެއެއް އެ މަސައްކަތަށް ޓްރެއިނިން ލިބިފަ ތިބި. މި ކުރިޔަށް ގެންދަން ޖެހޭނީ މެޑިކަލް މޮޑެލްއަކާއި ސޯޝަލް މޮޑެލްއަކުން. ހެލްތު މިނިސްޓްރީން މިހާރު އެކަން ބަލައިގަނޭ އެބަ،" (އައްކު) ކިޔައިދިނެވެ.
އޭގެ އިތުރުން މިހާރު ކިތަންމެ ރަނގަޅު ގާނޫނެއް ވުޖޫދުގަ އޮތަސް، އެ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރަންޏާ އެއީ ފޫނެތް ފަޔަށް ފުރުން ކަހަލަ ކަމެއްކަމަށް އައްކު ދެކެ އެވެ. އޭގެ ބަދަލުގައި އެންމެ ފުރަތަމަ މަސައްކަތް ކުރަންވީ އެ އޮންނަ ސޯޝަލް ސްޓިގްމާ އަށް ކަމަށް އައްކު ބުންޏެވެ. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މުޖުތަމައު އިން އެ ދެކޭ ދެކުން ބަދަލުކޮށް، އެހީތެރިވެ، ކުރާ މަލާމާތް ހުއްޓުވުން އެއީ ފުރަތަމަ ކުރަންވީކަންކަމަށް އައްކު ކިޔައިދިނެވެ.
"މިހާރު ދުނިޔޭގައި ވެސް އެންމެ ސްޓިގްމާ އެ އޮންނަ ކަމަކީ އެއީތާ، ޑްރަގްސް. އެކަމަށް އެންޖީއޯތައް ގުޅިގެން މަޝްވަރާކޮށް، ހޭލުންތެރި ކުރުވައިގެން ސާވޭ ހަދާ ނުބެލި ހުރި އަތޮޅު ތެރޭ ރަށްރަށް ބަލައި، ރާއްޖޭގައި ވެސް އެ އޮންނަ ސްޓިގްމާއަށް ހައްލު ހޯދަންވީ،" އައްކު ބުންޏެވެ.
އަދި ރާއްޖޭގައި އެ އޮންނަ މޮޑެލް އިތުރަށް ހަރުދަނާކޮށް، "ޕްރިވެންޝަން އެންޑް ޑިމާންޑް ރިޑަކްޝަން" ގެ މޮޑެލްއަކަށް ދިޔުމަކީ ވެސް އޭނާގެ ވިސްނުމުގައި އެޅެން ހުރި ފިޔަވަޅެކެވެ. ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ކިޔައިދެމުން އައްކު ގޮވާލީ، އެ މަސައްކަތް ޒުވާނުންނަށް އަމާޒުކުރާށެވެ.
"ދެން ދިހަ އަހަރު ވެފަ އޮތް ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ވެސް އެކަމުގައި އެބަ ޖެހޭ ސިޔާސީ ގޮތުން އިސްނަގައިގެން މައްސަލަ ހައްލުކުރަން ކުރަން ޖެހޭ ކަންކަން ކުރަން. ދެން އެކަންކަން ސިޔާސީ ނުކޮށް، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައިދީ ޓްރެއިން ކުރުވުން އެކަހަލަ ކަންކަން. އެފަދަ ތަންތަނަށް ވެސް ތަސައްރުފު ފުދިފައިވާ މީހުން އައްޔަނުކުރުން، ކަމާ ގުޅޭ ދާއިރާތަކަށް ޖާގަ ދިނުން މުހިންމު،" އައްކު ބުންޏެވެ.

އަޒްމީ ފަދަ ކާނިވަލުގައި ހާލުގައި އުޅޭ މީހުން ނިދަން ބޭނުންކުރާ ފޮށިގަނޑެއް. ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އައްކުގެ ވާހަކަތަކުން ރާއްޖޭގައި އެ ދާއިރާ އިތުރަށް ފުޅާކޮށް، އެންމެ "ގްރާސްރޫޓު" ފެންވަރުން ފަށައިގެން މަސްތުގެ މޫތައް ލުއްސާލައިގެން އެންމެ ޅަ އިރުއްސުރެ ހޭލުންތެރި ކުރުވަން ފަށަން ވެއްޖެކަން ދޭހަވި އެވެ. އަދީބުގެ ވާހަކަތަކުން ވެސް ހަމަ އެ މެސެޖު ދޭހަ ވި އެވެ. ހިލްމީގެ ވާހަކަތަކުން ހެޔޮ ނިޔަތުގައި 20-30 ކޭސް ފޮތަށް އެއްފަހަރާ އެޓެންޑްކޮށްގެން ވެސް އެކަން ކުރާން ބަޔަކު ތިބިކަން ދަނެގަނެވިއްޖެ އެވެ. އެމީހުނަށް ބޭނުންވަނީ އެހީ އާއި މަދަދެވެ.
އެކަމަކު ހުރިހާ ވާހަކައެއްގެ ފަހަތުގައި ވެސް އޮތް ހަގީގަތަކީ ދޮގާއި މަކަރު އަދި ކުށުގެ ދިރިއުޅުމެއްގައި އުޅެމުންދާ، އަދި އާއްމުންގެ މަލާމާތުގެ ރައްދަކަށްވާ މިކިޔާ "ޒޮމްބީން" އަކީ އެހީއަށް ބޭނުން ޖެހިފައިވާ ބައެއް ކަމެވެ. އެއީ ވެސް ހަމަ ދެން ޖެހިގެން ހުރި މީހެކޭ އެއް ފަދައިން އިންސާނުން ކަމެވެ.
އެ ސްޓޭޖް މަތިން ކިޔައިދިން ވާހަކަތަކަކީ ހަމަ އެކަނި އެންމެ މީހެއްގެ ވާހަކަކަން ދަނެގަނެ، އެފަދަ އެތައް ހާސް ބަޔަކު އަދި އެބަ އުޅޭކަން ހަދާންކޮށް އެހީތެރިވެ ދިނުމެވެ. ވެވޭނެ ގޮތްތައް މަދެއް ނޫނެވެ.
އެންމެ އާދައިގެ މީހާއަށް ވެސް އެހީގެ އަތެއް ދިއްކުރެވިދާނެ އެވެ. ދާއިރާގެ ޓައި އަޅައިގެން ތިބި މީހުންނަށް ފަރުވާ ދޭ ނިޒާމުގައި ހުރި ބަލިފައިތަކަށް ފަރުވާ ދެވިދާނެ އެވެ. ސިޔާސީ ޓައި އަޅައިގެން ތިބި ފަރާތްތަކަށް ސިޔާސީ ގޮތުން އަދި ޕޮލިސީ ފެންވަރުގައި އަޅަން ޖެހިފައިވާ އަވަސް ފިޔަވަޅުތައް އެޅިދާނެ އެވެ.
އެހެންނޫނީ ދެން ލޯމައްޗަށް ފެންނަން އޮތީ ޖީލެއްގެ ހަލާކެވެ. ބަލަން ތިބެވޭކަށް ނެތެވެ.












