ސިވިލް ސާވީސް މުވައްޒަފުންގެ މުސާރަ މައްސަލައިގައި ގެންގުޅޭ ތަފާތުކުރުމުގެ ސަބަބުން އިއްޔެ ފެށި އިހުތިޖާޖަށް ހައްލެއް ލިބިފައި ނުވާތީ މުވައްޒަފުން މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބައެއް ކައުންސިލްތަކުން ބުނެފި އެވެ.
ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އެ ހަރަކާތަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ ހިމޭން އިހުތިޖާޖެކެވެ.
އެގޮތުން، އެކަމުގައި ބައިވެރިވި ސިވިލް ސާވިސްގެ މުވައްޒަފުން އިއްޔެ ވަނީ ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެފަ އެވެ. އެކަމުގައި ރާއްޖޭގެ 98 ޕަސެންޓު ރަށްރަށުގެ މުވައްޒަފުން ބައިވެރިވިކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ހުރާ ކައުންސިލް އިދާރާގެ މަސައްކަތް ހުއްޓާލާފައި. -- ފޮޓޯ: ހުރާ ކައުންސިލް

މިކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ މިއަދުން ފެށިގެން މަސައްކަތް ނުކުރާ ކަމަށް ގިނަ ތަންތަނުން އަންގަމުންދާ ކަމަށެވެ. އަދި "އަދަދު" އިން ގުޅި ބައެއް ކައުންސިލްތަކުން ވެސް ވަނީ މުވައްޒަފުން މަސައްކަތް ހުއްޓާލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އިއްޔެ ފެށި އެ އިހުތިޖާޖާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފައި ވަނީ ސިވިލް ސާވެންޓުންގެ މުސާރައިގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އެކުލަވާލަމުން އަންނަ މުސާރައާ ބެހޭ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރަން ފެށޭނެ ކަމަށެވެ.
އެ ކޮމިޝަނުން އެހެން ބުނި ނަމަވެސް އެ މުވައްޒަފުން މިހާރު ޑިމާންޑު ކުރަމުން ދަނީ މިނިމަމް ވޭޖަކީ ބޭސިކް ވޭޖެއް ކަމުގައި ހެދުމަށް ކަމަށް އެކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބުނެ އެވެ. އަދި ސެޓްފިކެޓް އެލަވެންސް ދިނުމަށް އެ މުވައްޒަފުން ދަނީ އެދެމުންނެވެ.
ސިވިލް ސާވިސް މުވައްޒަފުން އެދޭ ބައެއް ކަންކަމުގެ ތެރޭގައި:
- ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން.
- ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިން އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިވިން އެލަވެންސް ދިނުން.
- ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން.
- އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުން.
- ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުން.












