އދ. ގެ ހާއްސަ މަޖިލިސް: ބޮޑެތި ޒިންމާ އާއި ބާރުތަކެއް!

މިހާރު ފަށައިގެން އުޅޭ އދ. ގެ ހާއްސަ މަޖިލީހުގެ 76 ވަނަ ސެޝަނުގައި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. -- ފޮޓޯ: އދ.

މިހާރު ފަށައިގެން އުޅޭ އދ. ގެ ހާއްސަ މަޖިލީހުގެ 76 ވަނަ ސެޝަނުގައި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. -- ފޮޓޯ: އދ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ދަނީ ކުރަމުންނެވެ. މި ދަނޑިވަޅުގައި ދުނިޔޭގެ ގައުމުތައް ހިމެނޭ އެންމެ ބޮޑު ޖަމިއްޔާ، އދ. ގެ ހާއްސަ މަޖިލީހުގެ 76 ވަނަ ސެޝަން މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިފަ އެވެ.

ކޮންމެ އަހަރަކު ވެސް ޑިޕްލޮމެޓުންނާއި ބައިނަލްއަގްވާމީ ލީޑަރުން ނިއު ޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒަށް ޖަމާވަނީ އަހަރުގެ އެޖެންޑާ މުރާޖައާކޮށް، ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް އެންމެ ފުރިހަމަ ހައްލެއް ހޯދުމުގެ ބޭނުމުގަ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީ ނުވަތަ ހާއްސަ މަޖިލީހަކީ އެ ޖަމިއްޔާގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި މައިގަނޑު ދައުރު އަދާ ކުރާ ގުނަވަނެވެ. މެމްބަރު ހުރިހާ ގައުމެއް ހިމެނޭ ހާއްސަ މަޖިލީހަކީ ބައިނަލްއަގްވާމީ މައްސަލަތައް މަޝްވަރާ ކުރުމަށް ލިބޭ ހާއްސަ ފޯރަމެކެވެ.

އދ. ގެ މެމްބަރު 193 ގައުމަށް ހާއްސަ މަޖިލީހުގައި ލިބެނީ ވޯޓުލުމަށް ހަމަހަމަ ހައްގެކެވެ.

އދ. ގެ ހާއްސަ މަޖިލީހަކީ ކޮބާ؟

އދ. ގެ ހާއްސަ މަޖިލީހަކީ އެ ޖަމިއްޔާގެ ނިންމުންތައް ނިންމާ މައިގަނޑު ގުނަވަނެވެ. އެ މަޖިލީހަކީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ނާޒުކު އަދި އެންމެ ސީރިއަސް މައްސަލަތަކާ މެދު ބައިނަލްއަގްވާމީ ފެންވަރުގައި ބަހުސް ކުރަން ލިބޭ ފޯރަމެކެވެ.

އދ. ގެ ޗާޓަރުގެ ދަށުން 1945 ގައި އުފެއްދި ހާއްސަ މަޖިލީހަކީ އދ. ގެ އެންމެ މުހިއްމު ސިޔާސަތުތައް ކަނޑައަޅާ، ތަމްސީލީ އަދި މަޝްވަރާ ކުރާ ގުނަވަނެވެ. ބައިނަލްއަގްވާމީ ގާނޫނު ކަނޑައެޅުމާއި ސްޓެންޑަޑުތައް ކަނޑައެޅުމުގައި ވެސް އެ މަޖިލީހުން މުހިއްމު ދައުރެއް އަދާ ކުރެ އެވެ.

ޖެނުއަރީ 1946 ގައި ހާއްސަ މަޖިލީހުގެ ފުރަތަމަ ސެޝަން ބޭއްވީ ލަންޑަންގަ އެވެ. އެ ފަހަރު ދުނިޔޭގެ 51 ގައުމެއްގެ ވެރިން ބައްދަލުވުމުގައި ބައިވެރިވެވަޑާއިގެންނެވި އެވެ. އޭގެ ތެރޭގައި ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ހުންނެވި އިނގިރޭސި ބޮޑު ވަޒީރު ކްލެމެންޓް އެޓްލީ އަދި ސައުދީ އަރަބިއްޔާގެ އަމީރު ފަހުދު ހިމެނިވަޑައިގަންނަވަ އެވެ.

ހާއްސަ މަޖިލީހުގެ އެންމެ ފުރަތަމަ ސެޝަންގައި މަޝްވަރާ ކުރި ގިނަ މައްސަލަތަކަކީ މިއަދު ވެސް ހައްލު ނުލިބި ބަހުސްކުރަމުންދާ މައްސަލަތަކެވެ. އެއީ ރެފިއުޖީންގެ ހައްގުތަކާއި، ނިޔުކްލިއާ ހަތިޔާރު ނައްތާލުމާއި ސުލްހަ ބެލެހެއްޓުން ފަދަ ކަންކަމާ ގުޅޭ މައްސަލަތަކެވެ.

ހާއްސަ މަޖިލީހުން ކުރަނީ ކޮން މަސައްކަތެއް؟

އދ. ގެ ގިނަ މުހިއްމު ނިންމުންތައް ހާއްސަ މަޖިލީހުން ނިންމަ އެވެ. އެގޮތުން ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ސެކެޓްރީ ޖެނެރަލް އައްޔަނު ކުރުމާއި، ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުން އިންތިހާބު ކުރުމާއި، އދ. ގެ ބަޖެޓު ފާސްކުރުން ހިމެނެ އެވެ.

ހާއްސަ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަނީ ގަވާއިދުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށެވެ. އޭގެ ފަހުން ވެސް ބައްދަލުވުމެއް ބާއްވަން ޖެހިއްޖެ ނަމަ އެކަން ކުރެ އެވެ. ބަހުސް ކުރުމަށް ފަހު އެކަމަކާ ގުޅޭ ގަރާރުތައް ފާސް ކުރުމާ ހަމައަށް ދެ އެވެ.

ހާއްސަ މަޖިލީހުގެ ރަސްމީ ސެޝަން ނިމުމަށް ފަހު ޖެނުއަރީން ސެޕްޓެމްބަރަށް ވެސް މަސައްކަތްތައް ކުރިއަށް ދާނެ އެވެ. މުހިއްމު މައްސަލަތަކުގައި ހައި ލެވެލް ބަހުސްތައް ރޭވުމުގެ މަސައްކަތް ކުރަނީ އެ މަޖިލީހުގެ ރައީސް، ގައުމުތަކުގެ ލަފަޔާ އެކު އެވެ.

ހާއްސަ މަޖިލީހުގެ ޒިންމާ އާއި ބާރުތަކަކީ ކޮބާ؟

ބައިނަލްއަގްވާމީ މައްސަލަތަކުގައި ގައުމުތަކަށް ރިކޮމެންޑޭޝަން ދިނުމުގެ ބާރު އެ މަޖިލީހަށް އޮވެ އެވެ. އޭގެ އިތުރުން ސިޔާސީ، އިގްތސާދީ، އިންސާނީ، އިޖްތިމާއި އަދި ގާނޫނީ އެކި މަސައްކަތްތައް މަޖިލީހުގެ ތެރެއިން ފަށައިގެން އެތައް މިލިއަން ބަޔެއްގެ ދިރިއުޅުމާ ގުޅިފައިވާ މައްސަލަތައް ހައްލުކުރެވިފައި ވެ އެވެ.

ހާއްސަ މަޖިލީހަށް މެމްބަރު ގައުމުތަކުގެ މާލީ އެސެސްމަންޓް ހެދުމުގެ ބާރާއި، އދ. ގެ މަޖިލިސްތަކުގެ މެމްބަރުންނާއި ގުނަވަންތަކުގެ މެމްބަރުން ހޮވުމުގެ ބާރާއި، ބައިނަލްއަގްވާމީ ސުލްހަ އާއި ސެކިއުރިޓީ ދެމެހެއްޓުމަށް އާއްމު އުސޫލުތަކެއް ކަނޑައަޅައި ލަފާ ދިނުމުގެ ބާރު އޮވެ އެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ ސުލްހަ އާއި ސަލާމަތަށް ގެއްލުންވާ ވަކި މައްސަލައަކާ މެދު ސަލާމަތީ މަޖިލީހުން ނުވަތަ ސެކިއުރިޓީ ކައުންސިލުން ބަހުސް ކުރަމުން ނުދާ ނަމަ އެ މައްސަލައަކާ ގުޅޭ ބަހުސް ހާއްސަ މަޖިލީހުގައި ކުރެވިދާނެ އެވެ.

ބައިނަލްއަގްވާމީ ސިޔާސީ ގުޅުން ވަރުގަދަ ކުރުމަށް ދިރާސާތައް ހަދައި ލަފާ ދިނުމާއި، ގައުމުތަކުގެ މެދުގައިވާ އެކުވެރި ގުޅުމަށް އަސަރު ކުރާނެ ފަދަ ހާލަތްތަކުގައި ސުލްހަވެރި ހައްލެއް ހޯދޭނެ ގޮތަކާ ބެހޭ ލަފާ ދިނުމާއި، ސަލާމަތީ މަޖިލީހާއި އދ. ގެ އެހެން ގުނަވަންތަކުގެ ރިޕޯޓުތައް ބެލުމަކީ ހާއްސަ މަޖިލީހުގެ ޒިންމާ އެވެ.

އެއް ގަލަކަށް އެރުމުގެ މުހިއްމުކަން

މެމްބަރު 193 ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ވެސް ހާއްސަ މަޖިލީހުގައި ލިބެނީ އެއް ވޯޓެވެ. މުހިއްމު ކަންކަން ފާސްވާނީ މެމްބަރު ގައުމުތަކުގެ ތިންބައި ކޮށްފައި ދެ ބައިގެ މެޖޯރިޓީ ލިބިގެންނެވެ. މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނެނީ ސުލްހަ އާއި ސެކިއުރިޓީއާ ގުޅޭ ލަފާ ދިނުމާއި، ސަލާމަތީ މަޖިލީހާއި، އިގްތިސާދީ މަޖިލިސް އަދި އިޖުތިމާއީ މަޖިލީހުގެ މެމްބަރުންގެ އިންތިހާބު އަދި ބަޖެޓާ ގުޅޭ ކަންކަމެވެ.

އެ ނޫން ކަންކަން ނިންމުމުގައި ސިމްޕަލް މެޖޯރިޓީ ފުދެ އެވެ. ނަމަވެސް ފަހަކަށް އައިސް މައްސަލަތަކުގައި ގައުމުތަކުގެ އިއްތިފާގުން ގޮތް ނިންމޭތޯ މަސައްކަތް ކުރަމުން ދެ އެވެ. ރަސްމީ ވޯޓަކަށް ނުގޮސް، އިއްތިފާގުން ކަންކަން ނިންމުމުން މަޖިލީހުގެގެ ނިންމުންތަކުގެ ބާރު ގަދަވެ އެވެ. ގައުމުތަކުގެ ވަފުދުތަކާއެކު މަޝްވަރާއަށް ފަހު އެއްބަސްވުމަކަށް އާދެވުމުން ވޯޓަކަށް ނުގޮސް ގަރާރެއް ފާސްވެއްޖެ ކަމަށް ރައީސަށް ކަނޑައެޅިދާނެ އެވެ.

ހާއްސަ މަޖިލީހުގެ ސެޝަން ކުރިއަށްދާ ގޮތް

ސެޝަން ފެށުމުގެ ގޮތުން އދ. ގެ ސެކެޓްރީ ޖެނެރަލް މަސައްކަތްތަކާ ގުޅޭ ރިޕޯޓު ހުށަހަޅަން ޖެހޭނެ އެވެ. އެއަށްފަހު ގައުމުތަކުގެ އާއްމު ބަހުސަށް ހުޅުވާލަ އެވެ. އާއްމު ބަހުސް ނިމުމުން އެޖެންޑާގައި ހިމެނޭ ކަންކަމައިގެން ކުރިއަށް ދެ އެވެ.

އެޖެންޑާގައި ހިމެނޭ ކަންކަން ބަހާލަނީ މައިގަނޑު ހަ ކޮމިޓީއަކަށެވެ. އެއީ ޑިސްއާމަމެންޓް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ ކޮމިޓީ، ސޯޝަލް، ހިޔުމެނިޓޭރިއަން އެންޑް ކަލްޗަރަލް ކޮމިޓީ، އިކޮނޮމިކް އެންޑް ފައިނެންޝަލް ކޮމިޓީ، ސްޕެޝަލް ޕޮލިޓިކަލް އެންޑް ޑީކޮލޮނައިޒޭޝަން ކޮމިޓީ، އެޑްމިނިސްޓްރޭޓިވް އެންޑް ބަޖެޓަރީ ކޮމިޓީ އަދި ލީގަލް ކޮމިޓީ އެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ ހާލަތާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަނީ ކޮމިޓީއަށް ނުގޮސް ސީދާ ހާއްސަ މަޖިލީހުގަ އެވެ.

ހާއްސަ މަޖިލީހުގެ ދަށުން ސަބްސިޑަޔަރީ ގުނަވަންތައް ހުރެ އެވެ. އެއީ ބޯޑްތަކާއި، ކޮމިޝަންތަކާއި، ކޮމިޓީތަކާއި، ކައުންސިލް، ޕެނަލް އަދި ވޯކިން ގްރޫޕުތަކެވެ. އޭގެ އިތުރުން ގައުމުތައް ހިމެނޭ ސަރަހައްދީ ގްރޫޕުތައް ވެސް އުފައްދާފައި ހުރެ އެވެ.

ސަރަހައްދީ ގްރޫޕުތަކުގެ ބޭނުމަކީ އިންތިހާބީ ކަންކަމާއި މަޝްވަރާ ކުރިއަށް ގެންދިޔުމުގައި ފަސޭހަ ކުރުމާއި ގަވާއިދުން ކަންކަން ގެންދަން ފެސިލިޓޭޓް ކުރުމެވެ. ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމު ދާނީ ގްރޫޕުތަކުގެ މެދުގައި ދައުރުވަމުންނެވެ. ސަރަހައްދީ ގްރޫޕުތަކަކީ އެފްރިކަން ސްޓޭޓްސް، އޭޝިއާ ޕެސިފިކް ސްޓޭޓްސް، އީސްޓާން ޔޫރަޕިއަން ސްޓޭޓްސް، ލެޓިން އެމެރިކަން އެންޑް ކެރީބިއަން ސްޓޭޓްސް، ވެސްޓަން ޔޫރަޕިން އެންޑް އަދާ ސްޓޭޓްސް އެވެ.

ހާއްސަ މަޖިލީހުގެ އާއްމު ސެޝަންތަކުގެ އިތުރުން ހާއްސަ އަދި "އެމެޖެންސީ ހާއްސަ ސެޝަންތައް ބޭއްވުމުގެ ފުރުސަތު އދ. ގެ ޗާޓަރުން ފަހިކޮށްދެ އެވެ. އެގޮތުން މިހާތަނަށް 32 ހާއްސަ ސެޝަން ބާއްވާފައި ވެ އެވެ.

އދ. ގެ މަސައްކަތްތައް ވަރަށް ބޮޑަށް ބިނާވެފައި އޮންނަނީ ހާއްސަ މަޖިލީހުގެ ނިންމުންތަކުގެ މައްޗަށެވެ. އެ މަސައްކަތް ކުރަނީ މަޖިލީހުން ކަނޑައަޅާ ކޮމިޓީތަކާއި ސަބްސިޑަޔަރީ ގުނަވަންތަކުންނެވެ. ހާއްސަ މަޖިލީހުގެ މަސައްކަތްތަކުގައި ދެން އެހީވަނީ އދ. ގެ ސެކްރެޓޭރިއަޓް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތު

2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ އުފުލި 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭއިރު، މި މައްސަލާގައި ދައުވާކުރި އިތުރު 9 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

ސީއެންއެން އާއި ޕޮލިޓިކޯ ފަދަ މީޑިއާތައް ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕްގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، އެ މުއައްސަސާތަކުން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް މި ފިޔަވަޅު އެޅި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ދޮގު ޚަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ބުނެ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ދެކުނު ކޮރެއާގަ 5 އަހަރުން ދަށުގެ ކުދިން ވިޔަފާރި މަންދޫބުންނަށް

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނެއް ވިޔަފާރިތަކުގެ މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ބޮޑެތި އާމްދަނީތައް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންވެސް ހިމެނޭއިރު، ބައެއް ކުދިންނަށް އަހަރަކު 100 މިލިއަން ވޮންއަށްވުރެ ގިނައިން އާމްދަނީ ލިބޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމަކީ އެ ގައުމުގެ މުޖުތަމައުގައި އޮތް އިގްތިސާދީ ނުހަމަހަމަކަން ހާމަކޮށްދޭ ކަމެއް ކަމަށް މަސްއޫލުވެރިން ފާހަގަކުރައްވައެވެ.

410 މިލިއަން ޑޮލަރުގެ ޑީލްތަކުގައި 25000 މީހުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 410 މިލިއަން ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، 25،000 އަށްވުރެ ގިނަ ހިޖުރަވެރިން އެމީހުންނާ ގުޅުމެއް ނެތް ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި އެއްބަސްވުންތަކަށް އެއްބަސްވުމަށް ބައެއް ގައުމުތަކަށް މަޖުބޫރުކުރުވާފައިވާއިރު، ގާނޫނީ އެއްވެސް ހިމާޔަތެއް ނެތި މި މީހުން ފޮނުވާލަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ވަކީލުން ބުނެއެވެ.

ދެކުނު އެފްރިކާގައި ނުވަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ނުވަ އަންހެނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގެ ތަހުގީގަށް ފިރިހެނަކާއި ދެ އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއްކަން އަދި ކަށަވަރުނުވި ނަމަވެސް، މިއީ އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އިންތިހާއަށް އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ.

އޮސްޓްރޭލިއާގައި އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވަނީ

އޮސްޓްރޭލިއާގައި އުފަންވާ މީހުންނަށް ވުރެ މަރުވާ މީހުންގެ އަދަދު 2060 ގެ އަހަރުތަކުގައި އިތުރުވެ، އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވާނެ ކަމަށް އެ ގައުމުން ލަފާކޮށްފިއެވެ. މިއީ އުފަންވާ މިންވަރު ދަށްވުމާއި ހިޖުރަކުރާ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.

Newsletter

Get the latest news delivered straight to your inbox